ސްޕެނިޝް ލަލީގާގައި ރެއާލް ސޮސިއެޑާޑް އިން ޗެމްޕިއަން ބާސެލޯނާ ހިފަހައްޓާލައިފި އެވެ. ދެމިނެޓް ތެރޭ ޖެހި ދެލަނޑާއެކު މެޗު ނިންމާލަން ބާސާއިން ދަނިކޮށް ފަހު ހާފުގެ ދެމިނެޓު ތެރޭ ދެލަނޑު ކާމިޔާބުކޮށް ސޮސިއެޑާޑް އިން ވަނީ ބާސާ ހިފަހައްޓާފަ އެވެ.
ބާސާއިން ކުޅެމުން އަންނަ ބޯޅަ ހިފެހެއްޓުންތައް މިމެޗުގައި ވެސް ވަރަށް ބޮޑަށް ފެނިފައިވެ އެވެ. ބާސާ އިން އާންމުކޮށް ހަދަމުން އަންނަ ގިނަ ހަމަލާތައް މިމެޗުގައި ނުފެނި އެޓީމުގެ ފަރާތުން ގިނަ ފައުލުތަކެއް ފެނިފައިވެ އެވެ.
ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ ލިޔޮނަލް މެސީ ބެންޗުގައި ބައިންދައިގެން ކުޅުނު މިމެޗުގެ 10 ވަނަ މިނެޓުގައި ޒަވީ ފުރަތަމަ ލަނޑު ކާމިޔާބުކޮށްދިން އިރު އޭގެ އަނެއް މިނެޓުގައި ސެސް ފެބްރިގާސް ދެލަނޑުގެ ލީޑެއް ބާސާއަށް ހޯދައިދިނެވެ. މިމެޗުގެ 32 ވަނަ މިނެޓުގައި ފެނިގެން ދިޔައީ އެލެކްސިސް ސަންޗޭޒް އަށް އަނިޔާވުމާއި ގުޅިގެން އަށިގަނޑުގައި ބޭލިތަނެވެ.
މެޗުގެ ފުރަތަމަ ހާފު 2-0 ން ކުރީގައި އޮވެ ބާސާއިން ނިންމާލީ ހަމަޖެހިލައި ގެންނެވެ. ނަމަވެސް މެޗުގެ 59 އަދި 60 ވަނަ މިނެޓުގައި ސޮސިއެޑާޑުން ބާސާ ކޮޅަށް ޖެހި ލަނޑުތަކާ ހުރެ މެޗުގެ ނަތީޖާ ހަމަހަމަވެ މެޗު އިތުރަށް ފޯރިގަދަ ވެގެންދިޔަ އެވެ. މެޗުގެ ނަތީޖާ ހަމަހަމަ ވުމުން ބާސާއިން މެސީ ކުޅެން އެރުވި ނަމަވެސް ނަތީޖާއަށް އިތުރު ބަދަލެއް ނައެވެ. މިމެޗު ނިމިގެން ދިޔައީ 2-2 ލަނޑުން ދެޓީމު އެއްވަރު ވެގެންނެވެ.
ލަލީގާގައި ރެއާލް މެޑްރިޑާއި ގެޓަފޭ ބައްދަލުކުރި މެޗު މެޑްރިޑް ކާމިޔާބު ކުރުމުން އެޓީމު ވަނީ ލީގުގެ އެއްވަނަ އަށް ޖެހިލާފަ އެވެ. ރެއާލް މެޑްރިޑް މެޗު ކާމިޔާބުކުރީ 4-2 ލަނޑުންނެވެ. މިމެޗުގައި ރެއާލް މެޑްރިޑަށް ފްރާންސް ފޯވާޑް ކަރިމް ބެންޒެމާ ދެލަނޑު ޖަހައިދިން އިރު އަނެއް ދެލަނޑު ކާމިޔާބު ކޮށްދިނީ ކްރިސްޓިއާނޯ ރޮނާލްޑޯ އަދި ގޮންޒާލޯ ހިގުއައިން އެވެ. ގެޓަފޭއިން ޖެހި ދެލަނޑު ކާމިޔާބުކޮށްދިނީ މިކޫ އެވެ.
ވިލަރެއާލް އާއި ސެވިއްޔާ ބައްދަލުކުރި މެޗުވެސް ނިމިގެންދިޔައީ 2-2 ލަނޑުން ދެޓީމު އެއްވަރު ވެގެންނެވެ. މާކޯ ރުބިން އާއި ޖިއުސެއްޕޭ ރޮސީ ވިލަރެއާލް ލަނޑުތައް ކާމިޔާބު ކޮށްދީފައި ވާއިރު ސެވިއްޔާގެ ލަނޑުތައް ކާމިޔާބު ކޮށްދިނީ އެލެކްސިސް އާއި އަލްވާރީ ނެގްރެޑޯ އެވެ. މިމެޗުގެ 22 ވަނަ މިނެޓުގައި ވިލަރެއާލްގެ ގޯލު ކީޕަރު ޑިއޭގޯ ލޯޕޭޒް އަށް ރަތް ކާޑު ދެއްކުމާއި ގުޅިގެން އެޓީމު ކުޅެމުން
ދިޔައީ ދިހަ ކުޅުންތެރިންނާ އެކުގަ އެވެ.
ވެލެންސިއާއަށް ރޮބާޓޯ ސޮލްޑާޑޯ ކާމިޔާބު ކޮށްދިން ލަނޑާއެކު އެޓީމަށް ވެސް ވަނީ ތިން ޕޮއިންޓް ލިބިފައެވެ. ވެލެންސިއާއިން އެތުލެޓިކޯ މެޑްރިޑްގެ މައްޗަށް މެޗު ކާމިޔާބުކުރީ 1-0 ލަނޑުންނެވެ.