ވެކޭޝަން އެކްސްޕޯ އަންނަ މަހު ފަހަކުން ހަތަކަށް

ވެކޭޝަން އެކްސްޕޯ 2018 ގެ ޕޯސްޓަރެއް ----

ޓްރެވަލް އަދި ހޮސްޕިޓާލިޓީ ދާއިރާ އަށް އަމާޒުކޮށްގެން ބާއްވާ ތިންވަނަ ވެކޭޝަން އެކްސްޕޯ އަންނަ މަހުގެ ފަހަކުން ހަތަކަށް އާޓް ގެލެރީގައި ބާއްވަން ނިންމައިފިއެވެ.

މި އިވެންޓު އިންތިޒާމު ކުރާ ހައިރައިޒް އިން ބުނީ ވެކޭޝަން އެކްސްޕޯ ކުރިއަށްދާނީ މި ތިންދުވަހުގެ މެންދުރު ދޭކުން ހަވީރު ހަޔަކަށް އަދި ރޭގަނޑު އަށަކުން އެގާރައަށް ކަމަށެވެ.

އެކްސްޕޯއަށް ޒިޔާރަތްކުރާ ފަރާތްތަކަށް އަގުހުރި އިނާމުތައްވެސް ލިބޭ މި އެކްސްޕޯ އަށް ޒިޔާރަތްކޮށްގެން އަންނަ ބޮޑު އީދު ބަންދު ގައި ޗުއްޓީ ހޭދަކޮށްލަން ދާނެ ތަނެއް ނިންމައިލުމުގެ ފރުުސަތު އޮންނާނެއެވެ. އެގޮތުން ގިނަ ގެސްޓްހައުސް ތަކާއި ރިސޯޓުތައް އަދި ރާއްޖެއިން ބޭރުގެ ޓްރެވަލް އިންޑަސްޓްރީގެ ފަރާތްތަކުން މި އެކސްޕޯގައި ބައިވެރިވެ، އެ ފަރާތްތަކުގެ ޓްރެވަލް ޕެކޭޖުތަކާޢި ޗުއްޓީ ޕެކޭޖުތޔަކުގެ މައުލޫމާތު ހިއްސާ ކުރާނެއެވެ.

ވެކޭޝަން އެކްސްޕޯ އަށް ޒިޔާރަތްކުރާ ފަރާތްތަކުގެ މެދުގައި ނަގާ ގްރޭންޑް ލަކީ ޑްރޯ އިން ހޮވޭ ފަރާތްތަކަށް ކަނޑައަޅާފައިވާ އިނާމުތަކުގެ ތެރޭގއި ހައްޖު ކޯޕަރޭޝަނުން ދޭ އުމްރާ ދަތުރު، އަލް މަނާސިކު ގްރޫޕުންދޭ އުމްރާ ދަތުރު، ގެސްޓް ހައުސްތަކުންދޭ ޗުއްޓީ ހޭދަކުރުމުގެ ފުރުސަތު، ރާއްޖެއިން ބޭޜަށް ޒިޔާރަތްް ކުރުމަށް ބެންކޮކް އެއާވޭސް، ސިންގަޕޯ އެއާލައިންސް، ސްރީލަންކަން އެއާލައިންސް އަދި އެއާ އޭޝިއާ، ގަތަރު އަދި ސްކޫޓް އެއާލައިނުން ހުށަހަޅާ ޓިކެޓް، ބޫޓާން، މެލޭޝިއާ، ތައިލެންޑް އަދި ސިންގަޕޫރުގައި ޗުއްޓީ ހޭދަކުރުމުގެ ފުރުސަތު ވެސް ލިބޭނެއެވެ.

މީގެ އިތުރުންވެސް އެކްސްޕޯ އަށް ޒިޔާރަތް ކުރާ ފަރާތްތަކުގެ މެދުގައި ނަގާ ގުރުއަތުން ހޮވޭ ފަރާތްތަކަށް ގިނަ އިނާމުތަކެއް ވަނީ ހުށަހަޅައިފައެެވެ. އޭގެ ތެރޭގައި ބެންކޮކް ހޮސްޕިޓަލުން ހުށަހަޅާ ޚާއްސަ ޕެކޭޖު، ޕަޑި އޯޕަން ވޯޓާ އަދި ޑައިވް ކޯސް، އަދި އެލައިޑް އިން ހުށަހަޅާ އިންޝުއަރެންސް ޕެކޭޖު ހިމެނެއެވެ.

މި އިނާމުތަކުގެ އިތުރުން އެކްސްޕޯގެ ސްޓޯލު ތަކަށް ޒިޔާރަތް ކޮށްގެންވެސް އިނާމު ހޯދުމުގެ ފުރުސަތު އޮންނާނެއެވެ.

މި އަހަރުގެ އެކްސްޕޯގައި 24 އެގްޒިބިޓަރުން ބައިވެރިވާނެއެވެ.

މި އެކްސްޕޯގެ ޕްރިންސިޕަލް ސްޕޮންސަރަކީ އިނަ މޯލްޑިވްސް އެވެ. ކޯ ސްޕޮންސަރަކީ ތައިލެންޑްގެ ފަތުރުވެރިކަމާ ބެހޭ އިދާރާ، ޓޫރިޒަމް އޮތޯރިޓީ އޮފް ތައިލެންޑު އަދި އެލައިޑް އިންޝުއަރެންސް އެވެ.

މެލޭޝިއާގެ ޓޫރިޒަމް ބޯޑުގެ އިތުރުން ބޫޓާނުގެ ހޮޓެލްސް އެންޑް ރެސްޓޯރެންޓް އެސޯސިއޭޝަނުންވެސް މި އެކްސްޕޯގައި ބައިވެރިވާނެއެވެ.

ވެކޭޝަންސް އެކްސްޕޯއަކީ ޓްރެވަލް މާކެޓަށް ހިދުމަތްތައް ދޭ ފަރާތްތަކުގެ ހިދުމަތްތަކުގެ މައުލޫމާތުތައް އެއް ފުރާޅެއްގެ ދަށުން އާންމުންނަށް އަދި ފަތުރުވެރިންނަށް ފޯރުކޮށްދިނުމަށް ބާއްވާ އެކްސްޕޯއެކެވެ.

އެކްސްޕޯގެ ޒަރީއާއިން އިންބައުންޑް އަދި އައުޓްބައުންޑް ޓޫރިޒަމް ކުރިއެރުވުމާ ބެހޭގޮތުން އިންޓަނޭޝަނަލް އެކްސްޕާޓުންނާއެކު މަޝްވަރާކޮށްލުމުގެ ފުރުސަތުވެސް ލިބިގެންދާނެ އެވެ.

ތިންވަނަ ވެކޭޝަންސް އެކްސްޕޯގެ އޮންލައިން މީޑިއާ ޕާޓްނަރަކީ ސަން އޮންލައިންއެވެ.

comment ކޮމެންޓް