މެޑިކަލް ދާއިރާގެ ދަރިވަރުން ތަމްރީނުކުރުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި

އެއްބަސްވުމުގައި ސޮއިކުރުމަށްފަހު--- ސަން ފޮޓޯ

މެޑިކަލް ދާއިރާއިން ދިރާސާ ހެދުމާއި، ކުދިން ތަމްރީނު ކުރުމަށް މިނިސްޓްރީ އޮފް ހެލްތާއި ޔުނިވާސިޓީ ކެބަންގްސާން މެލޭޝިޔާ (ޔޫކޭއެމް) އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ހެލްތު މިނިސްޓްރީގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތުގައި އެކަމާ ގުޅޭ އެއްބަސްވުމުގައި ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް ސޮއިކުރެއްވިއިރު ކެބަންގްސާންގެ ފަރާތުން ސޮއިކުރެއްވީ ޑީން އޮފް މެޑިސިން ޕްރޮފެސަރު ޒަލޭހާއެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ މި އެއްބަސްވުމުގެ ދަށުން ހެލްތު ސެކްޓަރު ރާއްޖޭގައި ފުޅާވަމުންދާއިރު ރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ސިއްހީ ދާއިރާއަށް ބޭނުންވާ މީހުން ތަމްރީނުކުރުމަށް ކަމަށެވެ.

ބައެއް އަވަށްޓެރި ގައުމުތަކުގައި މެޑިސިން ކިޔެވުމަށް ރާއްޖެއަށް ފުރުސަތު ހޯދުމަށް ދަތި ކަމަށާއި ނަމަވެސް މި އެއްބަސްވުމުގެ ދަށުން މެޑިސިން ހަދަން ބޭނުންވާ ކުދިންނަށާއި ސްޕެޝަލައިޒޭޝަނަށް ދާން ބޭނުންވާ ކުދިންނަށް ޖާގަ ލިބިގެންދާނެ ކަމަށް މިނިސްޓަރު ނާޒިމް ވިދާޅުވިއެވެ.

"ރާއްޖޭގައި މެޑިކަލް ކޮލެޖެއް އެޅުމުގެ މަސައްކަތް މުޅިން ނިމެމުން މިދަނީ،"

ނާޒިމް ވިދާޅުވީ ބައެއް ދަރިވަރުން ޔުނިވާސިޓީއިން ތައުލީމު ހާސިލްކޮށްގެން ރާއްޖެ އައިސް ގައުމަށް ޚިދުމަތްކޮށްދެމުން އަންނަ ކަމަށެވެ. މި އެއްބަސްވުމުގެ ދަށުން އެކްޝަން ޕްލޭނެއް ހަދާ އެ ޕްލޭންގެ ދަށުން ރާއްޖޭގެ ދަރިވަރުންނަށް ކޮންމެ އަހަރަކު ލިބޭ ޖާގަ ޔަގީންވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"25 ބުރީގެ ބޮޑު އިމާރާތެއް ނިމޭއިރު އެ އިމާރާތަށް ގިނަ ޑަކްޓަރުން ބޭނުންވޭ. ޑަކްޓަރުން ހޯދުމަކީ އުނދަގޫކަމެއް. ފެންވަރު ރަނގަޅު ޑަކްޓަރުން ހޯދަން ޖެހޭ. މި ދާއިރާއަށް ކުދިން ޝައުގުވެރިކުރުވަން ޖެހޭ. އަދި މި ދާއިރާއަށް ޝައުގުވެރިކަން ހުރި ފަރާތްތަކަށް އެ ފުރުސަތު ދޭން ޖެހޭ،" މިނިސްޓަރު ނާޒިމް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ވޭތުވެދިޔަ ހަތަރު އަހަރާ ބައިގެ ތެރޭގައި 50 އާއި ގާތްކުރާ އަދަދެއްގެ ދަރިވަރުން ސަރުކާރުގެ ފުލް ސްކޮލަޝިޕްގައި ސްޕެޝައިލައިޒޭޝަނަށް ފޮނުވާފައިވާ ކަމަށެވެ.

މި ފަހުމުނާގައި ސޮއިކުރުމުގެ ސަބަބުން ދިވެހި ސަރުކާރާއި ކެބަންގްސާން މެލޭޝިޔާއާއި ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިވެ ރާއްޖޭގެ ސިއްހީ ދާއިރާ ހަރުދަނީ ކުރުމަށް އިތުރު ފުރުސަތުތަކެއް ހުޅުވިގެންދާނެއެވެ.

comment ކޮމެންޓް