ސާބާ ޗެމްޕިއަންޝިޕްގައި ނޭޕާލް ބަލިކޮށް، ރާއްޖޭގެ ބާސްކެޓްބޯޅަ ޓީމުން ފެށުން ރަނގަޅުކޮށްފިއެވެ.
ބަނގުލަދޭޝްގެ ދާކާގައި ކުރިއަށްދާ އެ މުބާރާތުގައި އިއްޔެ ކުޅުނު މެޗުގައި ނޭޕާލް އަތުން ރާއްޖެ މޮޅުވީ 63-60 އިންނެވެ.
އެ މެޗުގެ ފުރަތަމަ ކުއާޓާގައި 17-15އިން ރާއްޖެ ކުރީގައި އޮތް އިރު، ދެވަނަ ކުއާޓާގައި 28-34އިން ކުރީގައި އޮތީ ނޭޕާލެވެ. ތިންވަނަ ކުއާޓާ ވެސް ނޭޕާލުން ނިންމާލީ ހަތް ޕޮއިންޓުގެ ލީޑަކާއެކުއެވެ. ހަތަރުވަނަ ކުއާޓާގައި މޮޅު ކުޅުމަކާއެކު ރާއްޖެއިން މެޗު ކާމިޔާބުކުރީ ހަތަރު ޕޮއިންޓުގެ ލީޑެއްގައި އޮވެގެންނެވެ.
އެ މުބާރާތުގައި ރާއްޖެ ކުޅޭ ދެވަނަ މެޗުގައި ނުކުންނަން ޖެހޭނީ ބޫޓާނާ ދެކޮޅަށެވެ. އެ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މާދަމާއެވެ. ބޫޓާން ކުޅުނު ފުރަތަމަ މެޗުގައި 61-49އިން ބަނގުލަދޭޝް އަތުން ވަނީ ބަލިވެފައެވެ. މުބާރާތުގައި ރާއްޖެއިން ވާދަކުރަނީ އެމެރިކާއަށް އުފަން ކޯޗު ޖޯން ކޮފީނޯގެ އިރުޝާދުގެ ދަށުންނެވެ.
މިއަހަރުގެ ސާބާ ޗެމްޕިއަންޝިޕްގައި ވާދަކުރަނީ ބަނގުލަދޭޝްއާއި، ރާއްޖެއާއި، ބޫޓާނާއި، ނޭޕާލް އަދި ސްރީ ލަންކާއެވެ. އެންމެ ފަހު ހަތަރު މުބާރާތުގެ ޗެމްޕިއަނުންނަކީ އިންޑިއާއެވެ. މިދިޔަ އަހަރު އަމިއްލަ ގައުމުގައި ބޭއްވި ސާބާ ޗެމްޕިއަންޝިޕް، ރާއްޖެއިން ނިންމާލީ ހަތަރުވަނައިގައެވެ.
މިދިޔަ އަހަރާ ހަމައަށް ސާބާ ޗެމްޕިއަންޝިޕް ކާމިޔާބުކުރާ ޓީމަށް ފީބާ އޭޝިއާ ކަޕުގެ ޖާގައެއް ލިބޭގޮތަށް އޮތް ނަމަވެސް، މިހާރު މުބާރާތުގެ ފޯމެޓަށް ވަނީ ބަދަލު ގެނެސްފައެވެ. މިދިޔަ އަހަރަށްފަހު ސާބާ ޗެމްޕިއަންޝިޕްގެ ޗެމްޕިއަން ޓީމުން ރަނަރަޕް ޓީމާއެކު ފީބާ އޭޝިއާ ކަޕްގެ ކޮލިފައިންގައި ވާދަކުރަން ޖެހޭނެއެވެ.
ސާބާ ޗެމްޕިއަންޝިޕްގެ ޗެމްޕިއަން ޓީމުގެ ގޮތުގައި މިދިޔަ އަހަރުގެ ފީބާ އޭޝިއާ ކަޕްގައި އިންޑިއާއިން ވާދަކުރި ނަމަވެސް، އެޓީމުން ގްރޫޕް ސްޓޭޖް ނިންމާލީ މޮޅެއް ނުހޯދިއެވެ. އާ ފޯމެޓާއެކު މިދިޔަ އަހަރުގެ ފީބާ އޭޝިއާ ކަޕްގައި ވާދަކުރި ޓީމެއްގެ ގޮތުގައި އިންޑިއާއަށް ވަނީ 2021 ވަނަ އަހަރު ބާއްވާ މުބާރާތުން ޖާގައެއް ލިބިފައެވެ. މިއަހަރުގެ ސާބާ ޗެމްޕިއަންޝިޕްގައި އިންޑިއާ ވާދަނުކުރަނީ ފީބާ އޭޝިއާ ކަޕުން އޮޓޮމެޓިކް ޖާގައެއް ލިބިފައި އޮތުމުންނެވެ.