އުއްތަމަ ފަނޑިޔާރުކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ އައްޔަނުކުރަން ޖޭއެސްސީން ލަފާދީފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ---

އުއްތަމަ ފަނޑިޔާރުކަމުގެ މަގާމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ އައްޔަނުކުރުމަށް ޖުޑީޝަލް ސާވިސެސް ކޮމިޝަނުން ރައީސުލްޖުމްހޫރިއްޔާއަށް ލަފާދިނުމަށް ނިންމައިފިއެވެ.

ޖޭއެސްސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ހުސްވެފައިވާ އުއްތަމަފަނޑިޔާރުގެ މަގާމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ އައްޔަނުކުރުމަށް ކޮމިޝަނަށް ފެންނަ ކަމަށެވެ.

މީގެ އިތުރުން، ސުޕްރީމް ކޯޓުން ހުސްވެފައިވާ ދެ ފަނޑިޔާރުންގެ މަގާމަށް ހައިކޯޓުގެ ދެ ފަނޑިޔާރުން މއ. ވޭސައިޑް 310 ފްލެޓް އަބްދުﷲ ދީދީއާއި، ހ. ކޯސްޓްސައިޑް އަބްދުލްޣަނީ މުހައްމަދު އައްޔަނުކުރުމަށް މިއަދު އޮތް ކޮމިޝަނުގެ ބައްދަލުވުމުގައި ނިންމައި، ރައީސުލްޖުމްހޫރިއްޔާއަށް ލަފާދީފައިވާ ކަމަށެވެ.

ފަނޑިޔާރުންގެ މަހާސިންތާ 2017 ގައި ހައިކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ ----ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު --- ފޮޓޯ: ހައިކޯޓު

ސުޕްރީމު ކޯޓުން ދެ ފަނޑިޔާރުންގެ މަގާމު ހުސްވީ މީގެ ކުރިން އެ ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމުގައި ތިއްބެވި ކުރީގެ އުއްތަމަފަނޑިޔާރު އަބްދުﷲ ސައީދު އަދި އަލީ ހަމީދުގެ މައްޗަށް ޖިނާއީ ކުށެއް ސާބިތުވުމުންނެވެ. އެއީ އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަލީ ހަމީދު މުހައްމަދުގެ މައްޗަށް ރަސްމީ ހައިސިއްޔަތަން ކުރަން ޖެހޭ ކަންކަމަށް ނުފޫޒު ފޯރުމުގެ ދައުވާ ސާބިތު ވެގެންނެވެ.

ދާދި ފަހުން އިސްލާހު ކުރި ފަނޑިޔާރުންގެ ގާނޫނު ބުނާ ގޮތުން ފަނޑިޔާރަކަށް ކޮށްފައިވާ ހުކުމަކާ ގުޅިގެން ސުޕްރީމް ކޯޓުން އެ ފަނޑިޔާރަކު ކުށްވެރިވާ ކަމަށް ކަނޑައަޅާ ހިސާބުން ފަނޑިޔާރުކަން ގެއްލޭނެ ކަމަށެވެ.

ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަމަކަށް ނުފޫޒު ފޯރުވުމުގެ ދައުވާގެ އިތުރުން ޓެރަރިޒަމްގެ ދައުވާ އާއި ރިޝްވަތު ހިފުމުގެ ދައުވާ އާއި އަދުލު އިންސާފު ގާއިމުކުރަން ހުރަސް އެޅުމުގެ ދައުވާ ވެސް ދައުލަތުން އެ ދެ ފަނޑިޔާރުންގެ މައްޗަށް ކުރެއެވެ. އެ މައްސަލަތަކުގެ ހުކުމެއް އަދި ނުކުރެއެވެ.

comment ކޮމެންޓް