އީޔޫއާއެކު މަތީ ފެންވަރުގެ މަޝްވަރާތަކެއް ބޭއްވުމަށް ސަރުކާރުގެ އޮފިޝަލުންތަކެއް ބެލްޖިއަމްއަށް

ފޮރިން މިނިސްޓަރު ޑރ މުހައްމަދު އާސިމް އަދި ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ---

ވިލާތުގެ އިއްތިހާދާއެކު މަތީފެންވަރުގެ މަޝްވަރާތަކެއް ކުރިއަށް ގެންދިއުމަށް ދިވެހި ސަރުކާރުގެ އިސްއޮފިޝަލުންތަކެއް ބެލްޖިއަމްގެ ބްރުސަލްސްއަށް ވަޑައިގެންފިއެވެ.

ބުދަ އަދި ބުރާސްފަތި ދުވަހު ކުރިއަށް ގެންދަން ނިންމާފައިވާ މި ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގަންނަވާނީ ފޮރިން މިނިސްޓަރު ޑރ. މުހައްމަދު އާސިމާއި، ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ، ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރު އާޒިމާ ޝަކޫރުގެއިތުރުން އީޔޫއަށް ކަނޑައަޅާފައިވާ ސަފީރު އަހުމަދު ޝިއާން އެވެ.

މި ވަފުދުން ޔޫރަޕިއަން އެކްސްޓާނަލް އެކްޝަން ސާވިސް އާއި ޔޫރަޕިއަން ޕާލިމެންޓުގެ އިތުރުން އީޔޫގެ އިތުރު ޖަމިއްޔާތަކާއެކު ބައްދަލުވުންތައް ކުރިއަށް ގެންދަވާނެއެވެ.

މި ބައްދަލުވުންތަކުގައި މަޝްވަރާ ކުރައްވާނީ މޫސުމީ ބަދަލުތަކާއި މަސްވެރިކަން، ޝެންގަން ވިސާ، ވެރިކަމުގެ ނިޒާމު، އިންތިޚާބު އަދި ކައުންޓާ ޓެރަރިޒަމާއި ހައްދު ފަހަނަ އަޅައި ދިއުމާ ގުޅޭގޮތުން ކަމަށް ފޮރިން މިނިސްޓްރީ އިން ބުނެއެވެ.

ސަރުކާރުން ގެންދަނީ 2015 އިން ފެށިގެން އީޔޫ އާއެކު މަތީ ފެންވަރުގެ މަޝްވަރާތައް ބާއްވަމުންނެވެ.

comment ކޮމެންޓް