މައުލޫމާތަށް ބަދަލު ގެނެސް، ސިޓީ ޕާކުގައި ޕާކެއް ތަރައްގީ ކޮށްދޭނެ ބަޔަކު ހޯދަން އަލުން އިއުލާން ކޮށްފި

ޕޫލަކާ އެކު ސިޓީ ޕާކު ހުރި ތަނުގައި ސަރުކާރުން ތަރައްގީ ކުރަން ބޭނުންވާ ޕާކުގެ ކުރެހުމެއް ---

މާލޭ ސިޓީ ޕާކު ހުރި ތަނުގައި ޕާކެއް ތަރައްގީ ކުރަން ދިން މައުލޫމާތަށް ބަދަލު ގެނެސް، އެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަން ހައުސިން މިނިސްޓްރީން އަލުން އިއުލާން ކޮށްފި އެވެ.

އަލިކިލެފާނުމަގުގައި ހުންނަ ސިޓީ ޕާކުގައި ޕާކެއް ތަރައްގީ ކުރަން ހައުސިން މިނިސްޓްރީން މީގެ ދެ ފަހަރެއްގެ މަތީން އިއުލާން ކުރިއެވެ. އޭރު އެތަނުގައި ޕާކެއް ތަރައްގީ ކުރަން ހައުސިން މިނިސްޓްރީން ބޭނުންވީ ޕޫލަކާއި ޕްލޭ ސްޓްރަކްޗާއެއް ހިމެނޭ ގޮތަށެވެ.

ހައުސިން މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ މިދިޔަ މެއި މަހުގެ ތެރޭގައި ކުރި އިއުލާނާއި ގުޅިގެން އެ މިނިސްޓްރީން ދީފައިވާ މައުލޫމާތަށް ބަދަލު އައިސްފައިވާ ކަމަށެވެ. އެހެންކަމުން އެ އިއުލާން ބާތިލްކޮށް، އެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދުމަށް އަލުން އިއުލާން ކުރާ ކަމަށް ބުނެފައިވެ އެވެ.

އިއުލާނުގައި ބުނެފައިވާ ގޮތުން، އެ މަސައްކަތް ކޮށްދޭން ޝައުގުވެރިވާ ފަރާތްތަކުން އަންނަ މަހުގެ އެއްވަނަ ދުވަހުގެ މެންދުރު 1:00 އަށް ހައުސިން މިނިސްޓްރީއަށް ވަޑައިގަތް މައުލޫމާތު ސާފުކުރެއްވުމަށްފަހު ހަފްތާ އެއްގެ ތެރޭގައި މަސައްކަތުގެ އަގު ހުށަހަޅަންޖެހެ އެވެ.

އަދި އެ އިއުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް އަންނަ ހަފްތާގެ އާދީއްތަ ދުވަހުން ފެށިގެން ޖުލައި އަށް ވަނަ ދުވަހުގެ ނިޔަލަށް މިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެ ކަމަށް ވެސް ބުނެފައިވެ އެވެ.

ނަމަވެސް ކުރިން ކުރި އިއުލާންތަކާ ހިލާފަށް، މިއަދު ކުރި އިއުލާނުގައި ޕާކުގެ މަސައްކަތުގެ ތަފްސީލެއް ހިމަނާފައެއް ނުވެއެވެ.

comment ކޮމެންޓް