އެހެން ގައުމެއްގެ ރައްޔިތުކަން ދޫކޮށްލިތާ 10 އަހަރު ނުވާނަމަ އިންތިޚާބުގައި ވާދަނުކުރެވޭ ގޮތަށް އިސްލާހު ގެންނަނީ

މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން --- ފޮޓޯ: މަޖިލިސް

އެހެން ގައުމެއްގެ ރައްޔިތުކަން ދޫކޮށްލިތާ 10 އަހަރު ނުވާނަމަ އިންތިޚާބުގައި ވާދަނުކުރެވޭ ގޮތަށް ރިޔާސީ އިންތިޚާބާ ބެހޭ ގާނޫނަށް އިސްލާހު ހުށަހަޅައިފިއެވެ.

މާދަމާ ބާއްވާ ރައްޔިތުންގެ މަޖިލީހުގެ 2018 ވަނަ އަހަރުގެ ދެވަނަ ދައުރުގެ ފުރަތަމަ ޖަލްސާއަށް އެޖެންޑާ ކޮށްފައިވާ ރިޔާސީ އިންތިޚާބާ ބެހޭ ގާނޫނަށް ރައްޔިތުންގެ މަޖިލީހުގެ ވިލިމާލޭ ދާއިރާގެ މެންބަރު އަހުމަދު ނިހާނު ހުށަހަޅުއްވާފައިވާ އިސްލާހުގައި ބުނެފައިވަނީ ރާއްޖޭގެ ރައްޔިތުކަން ނޫން އެހެންގައުމެއްގެ ރައްޔިތުކަން އޮތް މީހަކަށް ރާއްޖޭގެ ރައީސް ކަމަށް ކުރިމަތި ލެވޭނީ އެގައުމެއްގެ ރައްޔިތުކަން ދޫކޮށްލާތާ 10 އަހަރު ފަހުން ކަމަށެވެ.

ނިހާނު ސަން އަށް ވިދާޅުވީ މި އިސްލާހު ގެންނަނީ ރާއްޖޭގެ ރައްޔިތުކަން ނޫން އެހެން ރައްޔިތުކަން ގެންގުޅޭ މީހުންނަށް އުސޫލެއް ކަނޑައެޅުމަށް ކަމަށެވެ. އެފަދަ މީހުން ރާއްޖޭގެ ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށް މުހުލަތެއް ކަނޑައަޅަން ޖެހޭ ކަމަށް ނިހާނު ވިދާޅުވިއެވެ.

މީގެ އިތުރުން ރިޔާސީ އިންތިޚާބުގައި ވާދަކުރާ މީހުން ބަހައްޓަންޖެހޭ ޑިޕޮސިޓް އަށް ބަދަލު ގެނައުމަށާއި ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލާ މީހުން ބަހައްޓަންޖެހޭ ޑިޕޮސިޓް އަދަދު އިތުރު ކުރުމަށްވެސް ވަނީ ހުށަހަޅައިފައެވެ.

ރިޔާސީ އިންތިޚާބުގައި ވާދަކުރާ ފަރާތްތަކުން މިހާރު ޑިޕޮސިޓްގެ ގޮތުގައި ބަހައްޓަން ޖެހެނީ 40،000 ރުފިޔާ އެވެ. އަދި މަޖިލިސް އިންތިޚާބަށް ވާދަކުރާ މީހުން ޑިޕޮސިޓްގެ ގޮތުގައި ބަހައްޓަން ޖެހެނީ ދެހާސް ރުފިޔާއެވެ.

ރިޔާސީ އިންތިޚާބާ ބެހޭ ޤާނޫނަށް ސަރުކާރުން ހުށަހަޅާ އިތުރު ދެ އިސްލާހެއްގެ ފުރަތަމަ ކިޔުންވެސް މާދަމާ އަށް ވަނީ އެޖެންޑާ ކޮށްފައެވެ.

comment ކޮމެންޓް