ވެލާނާ އެއާޕޯޓްގެ ފުލް އިމަޖެންސީ އެކްސަސައިޒެއް އަންނަ ބުދަ ދުވަހު ހިންގަނީ

މޯލްޑިވްސް އެއާޕޯޓް ރެސްކިއު އެންޑް ފަޔާ ފައިޓިން ސާވިސްގެ ފަޔާރ ލޮރީއެއް އެއާޕޯޓުގެ ރަންވޭ މަތިން ދުއްވާފައިދަނީ --- ފޮޓޯ/ މޯލްޑިވްސް އެއާޕޯޓް ރެސްކިއު އެންޑް ފަޔާ ފައިޓިން ސާވިސް ފޭސްބުކް ޕޭޖް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ފުލް އިމަޖެންސީ އެކްސަސައިޒެއް އަންނަ ބުދަ ދުވަހު ހިންގަން ނިންމައިފިއެވެ.

މިއީ ދިވެހިރާއްޖޭގެ ސިވިލް އޭވިއޭޝަން ރެގިއުލޭޝަންގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ތައްޔާރީ ހާލަތު ދެނެގަތުމަށާއި އިތުރަށް ތައްޔާރީ ހާލަތު ހަރުދަނާ ކުރުމަށް، ކޮންމެ ތިން އަހަރަކުން އެއް ފަހަރު ބައްވާ އެކްސަސައިޒެކެވެ.

އެގޮތުން އެ އެކްސަސައިޒްގެ މައިގަނޑު މަގްސަދަކީ ފަސިންޖަރުންނާއި މަތިންދާބޯޓަކަށް ދިމާވެދާނެ ނުރައްކާތެރި ހާދިސާއެއްގައި އަމަލުކުރުމަށް ހެދިފައިވާ ޕްލޭންތައް ޓެސްޓުކުރުމާއި އަދި އަމަލުކުރުމުގައި ދިމާވާ ދަތިތައް ދެނެގަނެ ކުރިމަގުގައި އެކަންކަން މުރާޖާކޮށް އެ މައްސަލަތަކަށް ހައްލު ހޯދުމެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނީ، އަންނަ ބުދަ ދުވަހު (27 ޖޫން) ހިންގާ އެކްސަސައިޒްގައި އެދުވަހުގެ ހަވީރު 4:00 އިން އިރުއޮއްސި 7:00 އާ ދެމެދު އެއާޕޯޓްގެ ހިދުމަތް މެދުކަނޑާލުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އަދި އެކަމުގެ ސަބަބުން ދިމާވެދާނެ ދަތިތަކަށް އެއާޕޯޓްގެ ހިދުމަތް ހޯދާ ފަރާތްތަކުގެ އަރިހުން ނިހާޔަތަށް މާފަށް އެދޭ ކަމަށާއި އަދި އެފަދަ ކޮންމެ ކަމެއްގައި ދިވެހި ދައުލަތާއި ރައްޔިތުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުމާއި ތަރުހީބު ބަލައިގަނެ ޝުކުރު ދަންނަވާ ކަމަށް އެ ކުންފުނިން ބުންޏެވެ.

comment ކޮމެންޓް