ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ކުރިމަތިވާ ގޮންޖެހުންތައް ދެނެގަނެ، އެ ގޮންޖެހުންތައް ނައްތާލުމާ ގުޅޭ މަޝްވަރާތައް ކުރުމަށް ފޯރަމެއް ފަށައިފިއެވެ.
އެޗްޑީސީ އާއި ޔޫއެންޑީޕީ އަދި އުރީދޫ ގުޅިގެން ކުރިއަށް ގެންދާ "ޕްރޮމޯޓިން ޑިސްއެބިލިޓީ އިންކްލޫސިވް ޑިވެލޮޕްމެންޓް ފޯރަމް" އަކީ މިދިޔަ އަހަރު ފަށާފައިވާ ސްމާޓް ސިޓީ ޕްރޮޖެކްޓުގެ ދަށުން ކުރިއަށް ގެންދާ ފުރަތަމަ ފޯރަމް އެވެ.
މިއީ ނުކުޅެދުންތެރިކަން ހުންނަ މީހުންވެސް މުޖުތަމައުގައި ބައިވެރިކުރުމަށް ކުރިއަށް ގެންދާ ޕައިލެޓް ޕްރޮޖެކްޓްގެ ބައެވެ. މި ޕްރޮޖެކްޓުގެ ދަށުން ސްމާޓް ސިޓީއެއްގައި ހުންނާނެ ޓެކްނޮލަޖީގެ ވަސީލަތްތަކަކީ ހުރިހާ މީހުންނަށްވެސް ބޭނުން ކުރެވޭނެ ވަސީލަތްތަކަކަށް ހަދަން ޖެހެއެވެ.
ފޯރަމްގެ މައިގަނޑު ފޯކަސް އަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެހެން މީހުންނެކޭ އެއްފަދައިން ހައްގުތައް ކަށަވަރުކޮށްދިނުމަށް ހުރި ގޮންޖެހުންތައް ދެނެގަތުމާއި މި ގޮންޖެހުންތައް ކުޑަކުރުމަށް މަސައްކަތްކޮށް، މުޖުތަމައުގައި އުޅޭ އެހެން މީހުންނެކޭ އެއްފަދައިން ހަމަހަމަ ފުރުސަތުތައް ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ކަށަވަރު ކޮށްދިނުމާއި އެ މީހުންނަށް ހައްގުތައް ކަށަވަރުކޮށްދިމުމާ ގުޅޭ ޕޮލިސީތައް ތަންފީޒުކުރެވޭ މިންވަރު ދެނެގަތުމެވެ.
މި ފޯރަމް ފެށުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޖެންޑާ މިނިސްޓަރު ޒެނީޝާ ޝަހީދު ޒަކީ އެވެ.
ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ސްމާޓް ސިޓީގެ ސިޔާސަތަކީ ހަމައެކަނި އިންފޮރމޭޝަން ޓެކްނޮލޮޖީގެ ވަސީލަތްތައް ފަސޭހައިން ލިބޭނެ މަގު ފަހިކުރުން އެކަނި ނޫން ކަމަށާއި ހުޅުމާލެއަކީ ހުރިހާ ފަރާތްތަކަށް އިޖުތިމާޢީ އަދި އިޤްތިޞާދީ ގޮތުން އެކްސެސްވެވޭނެ ތަނަކަށް ހެދުމަށް ސަރުކާރުން އިސްކަން ދެއްވާ ކަމަށެވެ.