ޔޫތު ސިޓީ ވޮލީބޯލް ޗެމްޕިއަންޝިޕްގައި ބައިވެރިވުމަށް މުޅި ރާއްޖެއަށް ފުރުސަތު ހުޅުވާލައިފި

އެސޯސިއޭޝަން ކަޕްގެ އަންހެން ޑިވިޝަންގެ ފައިނަލްގައި މައިޑާއާއި ވެމްކޯ ކުޅުނު މެޗުގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒް މޫސާ

ހައުސިން ޑެވަލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން އިންތިޒާމް ކުރާ ޔޫތު ސިޓީ ވޮލީބޯލް ޗެމްޕިއަންޝިޕްގައި ބައިވެރިވުމަށް މުޅި ރާއްޖެއަށް ފުރުސަތު ހުޅުވާލައިފިއެވެ.

މުބާރާތުގެ އަންހެން އަދި ފިރިހެން ޑިވިޝަންގައިވެސް ބައިވެރިވުމަށް ފުރުސަތު ހުޅުވާލައިފައިވާ އިރު، މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އެޗްޑީސީ އައުޓްޑޯ ވޮލީ ކޯޓުގައެވެ. މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އަންނަ މަހު 28 އިން އޯގަސްޓް ނުވަވަނަ ދުވަހާ ހަމައަށެވެ.

މުބާރާތުގެ ފޯމު ހުށަހެޅުމަށް މިހާރުވެސް ހުޅުވާލެވިފައިވާ އިރު، ފޯމު ހުށަހެޅުމުގެ ފަހު ތާރީހަކީ އަންނަ މަހު 12 ވަނަ ދުވަހެވެ. އަދި ޓީމު ލިސްޓްތަކަށް ގެނެވޭ ފަހު ބަދަލުތަކާއެކު 19 ޖުލައިގެ ކުރިން ޓީމު ލިސްޓްތައް ހުށަހަޅަން ޖެހޭނެ ކަމަށްވެސް މުބާރަތް ރާވާ އިންތިޒާމް ކުރާ އެޗްޑީސީން ބުނެފައިވެއެވެ.

އެޗްޑީސީން ބުނެފައިވަނީ މުބާރާތުގައި ބައިވެރިވާން އެދޭ ފަރާތްތަކަށް ބައިވެރިވުމަށް އެދޭ ފޯމް، އެޗްޑީސީގެ ވެބްސައިޓް މެދުވެރިކޮށް ޑައުލޯޑް ކުރެވޭނެ ކަމަށެވެ. އަދި މުބާރާތުގައި ޓީމުތައް ބައިވެރިކުރުމުގެ ވަކި ލިމިޓެއް ނޯންނާނެ ކަމަށްވެސް އެޗްޑީސީން ބުނެފައިވެއެވެ.

މުބާރާތުގެ އަންހެން އަދި ފިރިހެން ޑިވިޝަންގެ ޗެމްޕިއަން ޓީމަށްވެސް 30،000ރ.ގެ ފައިސާގެ އިނާމު އަދި ރަނަރަޕް ޓީމަށް 15،000ރ.ގެ ފައިސާގެ އިނާމު ވަނީ ހުށަހެޅިފައެވެ.

އެޗްޑީސީން އިންތިޒާމްކޮށްގެން ރާއްޖޭގައި ބާއްވާ އެންމެ އަގުބޮޑު އަދި އެންމެ ބޮޑު ފުޓްސަލް މުބާރާތް، ޔޫތު ސިޓީ ފުޓްސަލް ކަޕް މިދިޔަ މެއި މަހު ކާމިޔާބުކަމާއެކު ވަނީ ކުރިއަށް ގެންގޮސްފައެވެ. މިފަހަރު ޔޫތު ސިޓީ ފުޓްސަލް ކަޕްގައި ޖުމްލަ 136 ޓީމާ އެކު މުބާރާތް ކުރިއަށްދިޔަ އިރު، ފިރިހެން 120 ޓީމު، އަންހެން 16 ޓީމު މުބާރާތުގައި ވާދަކުރިއެވެ.

މިއަހަރުގެ ޔޫތު ސިޓީ ފުޓްސަލްގެ އަންހެން އަދި ފިރިހެން ޑިވިޝަންގެ ޗެމްޕިއަން ޓީމަށްވެސް 100,000 ރުފިޔާ، ރަނަރަޕް ޓީމަށް 50,000 ރުފިޔާ އަދި ފެއާޕްލޭ ޓީމަށް 25,000 ރުފިޔާ ދީފައިވެއެވެ.

comment ކޮމެންޓް