ރައްކާތެރިކަމަށް އެދި ދިޔުމުން، ދަރިފުޅާ ދުރުކުރީ: އެމެރިކާއަށް ދިޔަ ގުއާޓަމާލާ މީހެއްގެ ވާހަކަ!

ގުއާޓަމާލާގެ ރައްޔިތެއް ކަމަށްވާ ރޮމުލޯ ގޮންޒާލޭޒް ލޯޕޭޒް އަށް ޖެހުނީ އެމެރިކާގެ ބޯޑަރު ހުރަސް ކުރުމުން ދަރިފުޅާ ވަކިވާނެ -- ފޮޓޯ: އޭޕީ

އެމެރިކާގެ ޔުޓާގައި ދިރިއުޅެމުންދާ ގުއާޓަމާލާގެ ރައްޔިތެއް ކަމަށްވާ ރޮމުލޯ ގޮންޒާލޭޒް ލޯޕޭޒްއާއި އޭނާގެ ތިން އަހަރުގެ ދަރިފުޅު ޖެނެސިސްގެ މޫނު މަތިން މިހާރު ފެނިގެން ދަނީ އުފާވެރިކަމެވެ. ނަމަވެސް އެއުފާވެރިކަމަށް ވާސިލުވެވުނީ އަމިއްލަ ގައުމާއި، އެމެރިކާގައި ވެސް އެބައްޕައާއި ދަރިފުޅަށް އެތައް ވޭނަކާ ކުރިމަތިލާން ޖެހުނު ފަހުންނެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރު މަހު، 54 އަހަރުގެ ގޮންޒާލޭޒް އޭނާގެ ދަރިފުޅާއެކު ގުއާޓަމާލާއިން ފިލަން ނިންމީ އެގައުމުގައި ބަޔަކު މީހުން އޭނާ ކިޑްނެޕްކޮށް، އަނިޔާކޮށް، އޭނާގެ އާއިލާގެ އަތުން 13،500 ޑޮލަރު ފޭރިގަތުމުންނެވެ. އޭނާ އެމެރިކާގެ ބޯޑަރު ހުރަސް ކުރީ އެގައުމުގެ ހިމާޔަތް ހޯދުމުގެ ނިޔަތުގައެވެ. ނަމަވެސް އެބޯޑަރުގައި ގޮންޒާލޭޒްއަށް ޖެހުނީ އޭނާގެ ކުޑަ ދަރިފުޅާ ވަކިވާށެވެ.

"ރައްކާތެރިކަން ދޭނެ ތަނެއް ކަމަށް ހީކޮށް (އެމެރިކާއަށް) އައުމުން، އެމީހުން އަޅުގަނޑުގެ ދަރިފުޅާ، އަޅުގަނޑު ވަކިކުރުމަކީ ވަރަށް ބޮޑު ވޭނެއް. (ގުއާޓަމާލާގައި) ދޫކޮށްފައި އައި ބިރުވެރިކަމާއި ނުތަނަވަސްކަމާ އަނެއްކާވެސް ޖެހުނީ ކުރިމަތިލާން،" ގޮންޒާލޭޒް ބުންޏެވެ.

ގުއާޓަމާލާގެ ރައްޔިތެއް ކަމަށްވާ ރޮމުލޯ ގޮންޒާލޭޒް ލޯޕޭޒް އަށް ޖެހުނީ އެމެރިކާގެ ބޯޑަރު ހުރަސް ކުރުމުން ދަރިފުޅާ ވަކިވާނެ -- ފޮޓޯ: އޭޕީ

ގޮންޒާލޭޒް ބުނި ގޮތުގައި އޭނާ ވަނީ އެމެރިކާގެ ބޯޑަރު ހުރަސް ކުރުމާއެކު އިމިގްރޭޝަން އޮފިޝަލުންނާ އަމިއްލައަށް ހަވާލުވެ، ގުއާޓަމާލާގައި އޭނާ ކިޑްނެޕް ކުރިކަން ހާމަކޮށްދޭ ޕޮލިސް ރިޕޯޓެއް ދައްކާފައެވެ. އަދި އޭނާއާ ސުވާލު ކުރުމަށް ފަހު، އެގައުމުގެ ހިމާޔަތް ދިނުމާ ބެހޭ ގޮތުން ވަކި ގޮތެއް ނިންމަންދެން ދޫކޮށްލާނެ ކަމަށް ހީކުރި ނަމަވެސް އިމްގްރޭޝަނުން ވަނީ އޭނާ ހައްޔަރުކޮށް، ދަރިފުޅު ގެންގޮސްފައި ކަމަށް ގޮންޒާލޭޒް ހާމަ ކުރި އެވެ.

"އެމީހުން އެއްވެސް މައުލޫމާތެއް ނުދޭ، އަދި މިގައުމުގެ ގާނޫނުތަކެއް ވެސް (އަޅުގަނޑަކަށް) ނޭނގޭ... ދެން ހިތަށް އަރާނީ. ދަރިފުޅު ކޮބާހޭ؟ ދަރިފުޅު ކީއްބާއޭ ކުރަނީ؟ އަހަރެންގެ ކުޑަ ކުޑަ ދަރިފުޅު،" އެސޯސިއޭޓެޑް ޕްރެސްއާ ވާހަކަ ދައްކަމުން ގޮންޒާލޭޒް ބުންޏެވެ.

ގޮންޒާލޭޒްއަށް އޭނާގެ ދަރިފުޅާ އަލުން ބައްދަލުވީ އެހާލުގައި ހައްޔަރުކޮށްފައި ހުއްނަތާ ހަތް ދުވަސް ފަހުންނެވެ. އެކަމުގައި އޭނާއަށް އެހީތެރިވީ އެމެރިކާގެ ވަކީލެކެވެ.

ގޮންޒާލޭޒް ބުނި ގޮތުގައި ދަރިފުޅު ޖެނެސިސް އަށް އެކުއްޖާ ބަހައްޓާފައި ހުރިތަނާއި އެތަނުގައި ކުރެވުނު ތަޖުރިބާ ކިޔާ ދޭން ނޭނގެ އެވެ. ނަމަވެސް އެކުއްޖާ މިހާރު ގިނައިން ހުންނަނީ ބިރުގަނެފައި ކަމަށާއި، އަބަދުވެސް ހުންނަން ބޭނުންވަނީ ބައްޕަގެ ގާތުގައިކަން ގޮންޒާލޭޒް ފާހަގަ ކުރި އެވެ.

ގޮންޒާލޭޒް ވަނީ އޭނާ އާއި ދަރިފުޅަށް މިހާރު ސަލާމަތްކަމާއެކު ދިރިއުޅެވުނު ނަމަވެސް އޭނާއަށް އަދިވެސް އެމެރިކާގެ ހިމާޔަތް ނުލިބޭ ކަމަށް ބުނެފައެވެ. އަދި އޭނާގެ އަންހެނުންނާއި ދެ ދޮން ދަރިން އަދިވެސް ތިބީ ގުއާޓަމާލާގައި ކަމަށާއި، އެމީހުންނަށް އެމެރިކާއަށް ދެވޭނީ ގޮންޒާލޭޒް ފައިސާ ފޮނުވުމުން ކަމަށް ބުނެފައެވެ.

"އެއީ އެއްވެސް ބައްޕައަކު ނުވަތަ އިންސާނަކު ތަހައްމަލު ކުރަން ޖެހޭނެ ތަޖުރިބާއެއް ނޫން،" ގޮންޒާލޭޒް ބުންޏެވެ.

އެމެރިކާއަށް ގަވާއިދާ ހިލާފަށް އެތެރެވާ އާއިލާތަކުގެ ކުޑަކުދިން ވަކިކޮށް، ފެންސު ޖަހާފައިވާ 'ކޮށިތަކަށް' ލާފައި -- ފޮޓޯ: އޭއެފްޕީ

ނަމަވެސް ގޮންޒާލޭޒްގެ ތަޖުރިބާއަކީ އެމެރިކާގެ އިމިގްރޭޝަން ގާނޫނުތަކާ ހިލާފަށް މިދިޔަ މަހާއި މިމަސް ތެރޭ އެގައުމަށް ވަން އެތައް ހާސް އާއިލާއަކުންވެސް ކުރަން ޖެހުނު ތަޖުރިބާއެކެވެ. ޒީރޯ ޓޮލެރެންސް ކިޔާ ސިޔާސަތެއްގެ ދަށުން އެގައުމުގެ އިމިގްރޭޝަން އޮފިޝަލުން ދިޔައީ އެމެރިކާއަށް ގަވާއިދާ ހިލާފަށް ވަންނަ މީހުން ހައްޔަރުކޮށް، އޭގެ ތެރޭގައި ހިމެނޭ ކުޑަކުދިން ވަކި ތަނެއްގައި ބައިތިއްބަމުންނެވެ.

ނަމަވެސް އެސިޔާސަތަށް ގިނަ ބަޔެއްގެ ފާޑު ކިޔުން އަމާޒުވުމާ ގުޅިގެން ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އެމެރިކާގެ ބޯޑަރުގައި އާއިލާތައް ވަކި ކުރުން މަނާ ކުރާ ރިޔާސީ އަމުރެއް ނެރުއްވާފައި އެވެ.

comment ކޮމެންޓް