ފުވައްމުލަކު ކައުންސިލުގެ ފަސް މުވައްޒަފެއްގެ އިތުރު ގަޑީގެ ގޮތުގައި ހަތަރު ލައްކަ ރުފިޔާ

ޏ. ފުވައްމުލައް ---

ފުވައްމުލަކު ސިޓީ ކައުންސިލުގެ ފަސް މުވައްޒަފަކަށް އިތުރު ގަޑީގެ ގޮތުގައި ހަތަރު ލައްކަ އަށް ވުރެ ގިނަ ރުފިޔާ ދީފައިވާކަން ހާމަވެއްޖެ އެވެ.

އޮޑިޓާ ޖެނެރަލްގެ އޮފީހުން އާންމުކުރި ފުވައްމުލަކު ސިޓީ ކައުންސިލުގެ 2016 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައި ބުނެފައި ވަނީ، އެ ކައުންސިލުގެ އިދާރާގެ މުވައްޒަފުންނަށް އިތުރުގަޑީގެ މަސައްކަތް ކުރުވުމާއި، އިތުރުގަޑީގެ ފައިސާ ދިނުމާ އަދި މަސައްކަތް ސުޕަވައިޒް އެޕްރޫވް ކުރުމުގައި މައްސަލަތަކެއް ހުރިކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.

އެގޮތުން ރަށު ކައުންސިލުގެ އިދާރާގެ 36 މުވައްޒަފުންނަށް 2016 ވަނަ އަހަރު އިތުރުގަޑީ ފައިސާގެ ގޮތުގައި 1.2 މިލިއަން ރުފިޔާ އިދާރާގެ ބަޖެޓް އެކައުންޓުން ހަރަދުކޮށްފައިވާ ކަމަށެވެ. އަދި އެ ފައިސާގެ ތެރެއިން ހަތަރު ލައްކަ ރުފިޔާ އަކީ އެ ކައުންސިލުގެ ފަސް މުވައްޒަފެއްގެ އިތުރު ގަޑީގެ ފައިސާ އެވެ.

އެ ރިޕޯޓްގައި ބުނެފައިވާ ގޮތުން، އެ ފަސް މުވައްޒަފުންގެ ތެރެއިން އެއް މުވައްޒަފަކަށް އިތުރު ގަޑީގެ ގޮތުގައި ލިބުނު އަދަދު އެ މުވައްޒަފުގެ މުޅި އަހަރުގެ މުސާރަ އަށް ވުރެ ބޮޑެވެ.

އެގޮތުން އަހަރުގެ ޖުމްލަ މުސާރައިގެ ގޮތުގައި އެ މުވައްޒަފަށް 67،320 ރުފިޔާ ލިބުނު އިރު، އިތުރު ގަޑީގެ ފައިސާގެ ގޮތުގައި 87،265 ލިބިފައިވެ އެވެ.

ދެން ތިބި ހަތަރު މުވައްޒަފުންނަށް ވެސް އިތުރު ގަޑީގެ ފައިސާގެ ގޮތުގައި ލިބިފައި ވަނީ އެ މުވައްޒަފުންގެ މުޅި އަހަރުގެ މުސާރައާ ގާތްކުރާ އަދަދެކެވެ. އެގޮތުން އޭގެ ތެރެއިން އެއް މުވައްޒަފަކަށް މުޅި އަހަރު 125،220 ރުފިޔާ ލިބުނު އިރު އިތުރު ގަޑީގެ ގޮތުގައި 118،353 ރުފިޔާ ލިބިފައިވާ ކަމަށް ރިޕޯޓްގައި ބުނެފައިވެ އެވެ.

ނަމަވެސް އެއީ އެ އިދާރާގެ ކޮންކޮން މަގާމުތަކެއްގައި ތިބި މުވައްޒަފުންނެއް ކަމެއް ނޭނގެ އެވެ.

އޮޑިޓް އޮފީހުން ބުނީ، އެގޮތަށް ދިމާވެފައި ވަނީ މުވައްޒަފުންގެ އިތުރުގަޑީގެ މަސައްކަތްތައް ރަނގަޅަށް މޮނީޓާކޮށް ބެލެހެއްޓިފައި ނެތުމުންނާއި މުވައްޒަފުން ލޮގް ކުރާ އިތުރު ގަޑިތައް ސުޕަވައިޒަރުން ގަވާއިދުން އެޕްރޫވް ކުރަމުން ގޮސްފައި ނުވުމުގެ ސަބަބުން ކަމަށެވެ.

އެގޮތަށް އިތުރުގަޑީގެ ކޮށްފައިވާ މަސައްކަތްތަކަށް ހުއްދަ ދިނުމުގައި އިތުރުގަޑީގައި މަސައްކަތް ކޮށްފައިވާ ކަމަށް ސިސްޓަމަށް އެންޓާކޮށްފައިވާ ގަޑިތަކަކީ ހަގީގަތުގައި ވެސް މަސައްކަތް ކޮށްފައިވާ ގަޑިތަކެއްކަން ޔަގީން ކުރަމުން ނުގެންދާކަން ފާހަގަކޮށްފައިވެ އެވެ.

އަދި ބުނީ، އެ މައްސަލައަކީ 2015 ވަނަ އަހަރުގެ އޮޑިޓްގައި ވެސް ފާހަގަކޮށް އިސްލާހު ކުރުމަށް ލަފާ ދީފައިވާ ކަމެއް ކަމަށެވެ. ނަމަވެސް މި އަހަރުގެ ފެބްރުއަރީ މަހުގެ ނިޔަލަށް ވެސް އެކަން އިސްލާހު ކޮށްފައިނުވާ ކަމަށެވެ.

ފުވައްމުލައް ސިޓީ ކައުންސިލުގެ އޮޑިޓް ރިޕޯޓްގައި ފައިސާއާ ގުޅުންހުރި އިތުރު މައްސަލަތަކެއް ވެސް ވަނީ ފާހަގަކޮށްފަ އެވެ.

އެގޮތުން ދައުލަތުގެ އެކިއެކި މުއައްސަސާތަކުގެ ނަމުގައި ފުވައްމުލަކު އަތޮޅު ކައުންސިލުގެ އިދާރާ އިން 2016 ވަނަ އަހަރުގައި ބަލައިގެންފައިވާ ދައުލަތުގެ އާމްދަނީ ފައިސާގެ ތެރެއިން އެއް މިލިއަނަށް ވުރެ ގިނަ ރުފިޔާ މި އަހަރުގެ ފެބްރުއަރީ މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް އެމްއެމްއޭގައި އޮންނަ ޕަބްލިކް ބޭންކް އެކައުންޓަށް ޖަމާކޮށްފައި ނުވާކަން ފާހަގަކޮށްފައިވެ އެވެ.

comment ކޮމެންޓް