ފަަލަސްތީނުގެ "ހައްގުތައް ނިގުޅައިގަންނަ" ސުލްހައިގެ މަޝްރޫއާ ބެހޭގޮތުން މަޝްވަރާ ކުރައްވައިފި

ކުޝްނާ އާއި ބިން ސަލްމާން

ވޮޝިންޓަން (ޖޫން 21): ސައޫދީ ވަލިއުލްއަހްދު މުހައްމަދު ބިން ސަލްމާން އެމެރިކާއަށް ވަޑައިގެން ރައީސް ޑޮނަލްޑް ޓްރަމްޕްގެ މުސްތަޝާރު އަދި އޭނާގެ ދަނބިދަރިފުޅު ޖެރެޑް ކުޝްނާ އާ ބައްދަލުކުރައްވައިފިއެވެ.

ވައިޓް ހައުސްއިން ބުނީ މުހައްމަދު ބިން ސަލްމާން އާއި ޖަރެޑް ކުޝްނާ މަޝްވަރާކުރެއްވީ ފަލަސްތީނުގެ މައްސަލަ ހައްލުކުރުމަށް އެމެރިކާ ހުށަހަޅަން ތައްޔާރުވަމުންދާ ސުލްހައިގެ މަޝްރޫޢާ ބެހޭގޮތުން ކަމުގައެވެ. މިމަޝްރޫއު އިޢްލާން ކުރުމަށް ތައްޔާރުވަމުންދާއިރު އެމަޝްރޫއަށް ފަލަސްތީނު ރައްޔިތުންގެ ތާއީދު ހޯދުމަށްޓަކައި ޣައްޒާއަށާއި ހުޅަނގުއައްސޭރިއަށް އިންސާނީ ބޮޑެތި އެހީތަކެއް ދިނުމަށް އެމެރިކާވަނީ ގަލްފުގެ މުއްސަނދި އަރަބި ގައުމުތަކުގެ ކިބައިން އެދިފައެވެ.

މިކަމުގެ ބޭނުމަކީ ފަގީރުކަމާއި ނިކަމެތި ކަމާއެކު ދިރިއުޅެމުންދާ ފަލަސްތީނު ރައްޔިތުންގެ ދިރިއުޅުމުގެ ޙާލަތު ރަނގަޅުކޮށްލައިގެން މިމަޝްރޫޢަށް ފަލަސްތީނު ރައްޔިތުން ދެކޮޅު ހަދާ ދެކޮޅުހެދުންތައް ކުޑަކުރެވޭތޯ ބެލުމެވެ. ފަލަސްތީނުގެ މައްސަލަ ހައްލުކުރުމަށް އެމެރިކާ ހުށަހަޅަން ތައްޔާރުވަމުންދާ ސުލްހައިގެ މަޝްރޫޢު ބިނާވަނީ ހުޅަނގު އައްސޭރިއާއި ޣައްޒާއިން އިސްރާއީލުގެ ކޮންޓްރޯލް ނުގެއްލޭގޮތަށް އަދި ފަލަސްތީނުގެ މިނިވަން މުސްތަގިއްލު ދައުލަތެއްވެސް ނުއުފެދޭގޮތަށް ފަލަސްތީނުގެ ގިނަ ބިންތަކެއް އިސްރާއީލުގެ ތަންތަނުގެ ގޮތުގައި ހަމަޖެއްސުމުގެ މައްޗަށް ކަމަށް ޚަބަރުތައް ބުނެއެވެ.

މިކަމަށް ތައްޔާރުވުމުގެ ގޮތުން އެމެރިކާވަނީ އިސްރާއީލު ހިފާފައިވާ ގުދްސަކީވެސް އިސްރާއީލުގެ ތަނެއްކަމަށް ގަބޫލުކޮށް ގުދްސަށް އެމެރިކާގެ އެންބަސީ ބަދަލުކޮށްފައެވެ. ޓްރަމްޕް ހުށަހަޅުއްވަން ތައްޔާރުވާ ސުލްހައިގެ މަޝްރޫއުގައި އިސްރާއީލުން ހުޅަނގު އައްސޭރީގައި ބިނާކޮށްފައިވާ ޔަހޫދީ އަވަށްތައް ހިމެނޭ ސަރަހައްދުތައް (ހުޅަނގު އައްސޭރީގެ ގާތްގަނޑަކަށް 25 އިންސައްތަ ބިން) އިސްރާއީލުގެ ބައެއްގެ ގޮތުގައި ހަމަޖެއްސުން ހިމެނޭކަމަށް ވެއެވެ.

ފަލަސްތީން ސަރުކާރުންވަނީ ޓްރަމްޕް ހުށަހަޅުއްވަން ތައްޔާރުވާ ސުލްހައިގެ މަޝްރޫއަށް ތާއީދު ނުކުރުމަށް ނިންމައި އެމަޝްރޫއާ ގުޅޭ ވާހަކަތަކުގައި ބައިވެރިވުމަށްވެސް ދެކޮޅު ހަދާފައެވެ. އަދި އެމެރިކާއިން ގުދްސަކީ އިސްރާއީލުގެ ތަނެއްކަމަށް ބަލައިގަތުމާއެކު ފަލަސްތީން ސަރުކާރުންވަނީ އެމެރިކާ އިސްވެ އޮވެގެން ކުރިޔަށްގެންދާ ސުލްހައިގެ އެއްވެސް ކަމެއްގައި ބައިވެރިވުމަށް ދެކޮޅު ހަދާފައެވެ.

ޓްރަމްޕްގެ ސުލްޙައިގެ މަޝްރޫއަށް ފަލަސްތީނު އާންމު ރައްޔިތުންގެ ތާއީދު ހޯދުމަށްޓަކައި ގަލްފުގެ އަރަބި ގައުމުތައް މެދުވެރިކޮށް ޣައްޒާއަށާއި ހުޅަނގުއައްސޭރިއަށް އިންސާނީ ބޮޑެތި އެހީތަކެއް ދިނުމަށް އެމެރިކާ މަސައްކަތް ކުރަމުން ގެންދާތީ ފަލަސްތީނުންވަނީ އެކަމަށް ފާޑުކިޔާފައެވެ. ފަލަސްތީނުގެ އިސް މަސްއޫލުވެރިއެއްކަމަށްވާ ސާއިބު އުރައިގާތު ވިދާޅުވީ އެމެރިކާ މަސައްކަތް ކުރަނީ ފަލަސްތީނުގެ ހައްގުތައް އެއްފަރާތްކޮށް ފަލަސްތީނުގެ މައްސަލައަކީ އިންސާނީ އެހީގެ މައްސަލައަކަށް ހަދަން ކަމުގައެވެ.

ފަލަސްތީނުގެ މައްސަލަ އިންސާނީ އެހީގެ މައްސަލައަކަށް ހެދުމަކީ ފަލަސްތީނު ރައްޔިތުންގެ ހައްގުތަކާއި ބިމާއި އެނބުރި ވަޒަނަށް ރުޖޫއަވުމުގެ ހައްގު ނިގުޅައިގަތުމަށްޓަކައި އިސްރާއީލުން ވަރަށް ކުރީއްސުރެ ރާވާފައިވާ ސްޓްރެޓީޖިކް ރޭވުމެއްކަމަށާ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ގެންދަނީ މިރޭވުން ތަންފީޒުކުރަން މަސައްކަތް ފާޅުގައި މަސައްކަތް ކުރަމުންކަމަށާ ނަމަވެސް ފަލަސްތީނު ރައްޔިތުން މަގުތަކަށް ނުކުމެ މިމަޝްރޫޢު ނާކާމިޔާބު ކޮށްލާނެކަމަށް އުރައިގާތު ވިދާޅުވިއެވެ.

ޓްރަމްޕް އިއްލާން ކުރައްވަން މަސައްކަތްކުރާ ސުލްހައިގެ މަޝްރޫޢަށް ފަލަސްތީނު ސަރުކާރުން ދެކޮޅުހަދާތީ އެމެރިކާ މަސައްކަތްކުރަނީ އިސްރާއީލުގެ ރޭވުންތައް ގަބޫލުކުރާނެ ޚިޔާނާތްތެރިންގެ ބަޔަކު ފަލަސްތީނުގެ ވެރިކަމަށް ގެނައުމަށް ކަމަށްވެސް އުރައިގާތު ވިދާޅުވިއެވެ.

ފަލަސްތީނުގެ ޣައްޒާއަށާއި ހުޅަނގުއައްސޭރިއަށް އިންސާނީ ބޮޑެތި އެހީތަކެއް ދިނުމަށް ޓްރަމްޕް ރާއްވަވާފައިވާ މަޝްރޫޢަށް މާލީ އެހީ ދޭ ގައުމުތަކަކީ ސައޫދީ، ޔޫއޭއީ އަދި ގަތަރު ކަމަށް އެމެރިކާގައި ޝާއިޢުކޮށްފައިވާ މީޑީޔާ ރިޕޯޓްތައް ބުނެއެވެ. (ނޫސްއެޖެންސީތައް)

comment ކޮމެންޓް