ހއ. އަލިދޫ ޓޫރިސްޓް ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ވެފައިވާ އެއްބަސްވުމާ އެއްގޮތަށް ފައިސާ ދައްކާފައިނުވާތީ، ކުއްޔާއި ޖޫރިމަނާގެ ގޮތުގައި 29 މިލިއަން ޑޮލަރު މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދެއްކުމަށް ޔޮޓް ޓުއާސް މޯލްޑިވަސް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ހުކުމް ކޮށްފިއެވެ.
ސިވިލް ކޯޓުގެ ގާޒީ އަލީ އަބްދުﷲ މިއަދު ކުރި ހުކުމުގައި ބުނެފައިވަނީ އަލިދޫ ރިސޯޓްގެ ކުލީގެ ގޮތުގައި 5.6 މިލިއަން ޑޮލަރު ދައުލަތަށް ދައްކަން ޖެހޭ ކަމަށެވެ. އަދި އެ ފައިސާ ދައްކާފައި ނުވާތީ ޖޫރިމަނާގެ ގޮތުގައި 23.4 މިލިއަން ޑޮލަރު ދައްކަން ޖެހޭ ކަމަށް ލިޔެކިޔުންތަކުން ފެންނަން އޮންނަ ކަމަށް އެ ހުކުމްގައިވެއެވެ.
ނަމަވެސް އެ ފައިސާ ޔޮޓު ޓުއާސް އިން މީރާއަށް ދައްކާފައިނުވާތީ މިދިޔަ އަހަރުގެ އޭޕްރީލް 10 އާ ހަމައަށް ދައްކަން ޖެހޭ 29 މިލިއަން ޑޮލަރު އެއް އަހަރުގެ ތެރޭގައި މީރާއަށް ދެއްކުމަށް ސިވިލް ކޯޓުން ވަނީ ހުކުމް ކޮށްފައެވެ. އަދި އެ ފައިސާ ދައްކާ ހަލާސް ކުރުމާއި ހަމައަށް އަރަމުންދާ ޖޫރިމަނާ ވެސް ޔޮޓް ޓުއާސް އިން ދައްކަން ޖެހޭނެ ކަމަށް ހުކުމުގައި ވެއެވެ.
ޓުއަރިޒަމް ދާއިރާގައި މީގެ ކުރިން ފުޅާ ގޮތެއްގައި ހަރަކާތްތެރިވެފައިވާ ޔޮޓް ޓުއާސް އަކީ ކާށިދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުﷲ ޖާބިރުގެ އާއިލާގެ ހިއްސާ އޮންނަނަ ކުންފުންޏެކެވެ.