އައްޑޫ އަދި ފުވައްމުލަކުގައި ހަދާ ނޭޗާ ޕާކު އަންނަ މަހު ހުޅުވަނީ

ފުވައްމުލަކުގައި ނޭޗާ ޕާކް ހަދާ ކުޅި ސަރަހައްދު--ފޮޓޯ މީސް މީޑިއާ

އައްޑޫ ސިޓީގެ ހިތަދޫގައި އޮންނަ "އީދިގަލި ކިޅި" އާއި ފުވައްމުލަކު ސިޓީގައި އޮންނަ "ބަންޑާރަ ކިޅި" އަދި "ދަނޑިމަގު ކިޅީ"ގައި ހަދާ ނޭޗާ ޕާކް އަންނަ މަހު ހުޅުވަން ތައްޔާރުވެއްޖެއެވެ.

މިއީ ތިމާވެށީގެ ގާނޫނުގެ ދަށުން ހިމާޔަތް ކޮށްފައިވާ ސަރަހައްދުތަކެއް ވެސް މެއެވެ.

މިއީ އީޔޫއާއި އޮސްޓްރޭލިޔާ އެއިޑް އަދި ދިވެހި ސަރުކާރުން ގުޅިގެން ހިންގާ ކްލައިމެޓް ޗޭންޖް އެޑެޕްޓޭޝަން ޕްރޮގްރާމްގެ ދަށުން ހިންގާ ޕްރޮޖެކްޓެކެވެ.

އެ ޕްރޮޖެކްޓަށް އިޔޫއިން ވަނީ ހަތަރު މިލިއަން (61 މިލިއަން ރުފިޔާ) ހިލޭ އެހީގެ ގޮތުގައި ދީފައެވެ. އެތަނުގެ މަސައްކަތް ފަށާފައިވަނީ 2015 ވަނަ އަހަރުއެވެ.

ފުވައްމުލަކުގައި ނޭޗާ ޕާކް ހަދާ ކުޅި ސަރަހައްދު-- ފޮޓޯ: މީސް މީޑިއާ

އައްޑޫ ސިޓީގެ ހިތަދޫ އީދިގަލި ކިޅިއާއި ކޯއްޓޭ ސަރަަހައްދުގެ އެކި ހިސާބުތަކުގައި ލޮޓަސް މާތަކުން ޒީނަތްތެރިވެފައިވާއިރު، ހިނގާލާފައި ކުޅި ތެރެ ބަލައިލުމަށް ރީތި ދިގު ފާލަންތަކެއް ވެސް ވަނީ އަޅައިފައެވެ.

އައްޑޫ އަދި ފުވައްމުލަކު ކުޅީގައި ގިނައަދަދަކަށް ކަނޑޫ ގަސް ހިމެނޭއިރު އެތަންތާނގައި ރަނޑޫ ގަސްތައް ވެސް ކޮންމެވެސް ވަރަކަށް ހިމެނެއެވެ. އޭގެ އިތުރުން ފުވައްމުލަކު ކުޅިތަކުގައި ގިނަ އަދަދަކަށް ލޮންސި ގަސްތައްވެސް ހުރެއެވެ.

އައްޑޫގައި ނޭޗާ ޕާކް ހަދާ ސަރަހައްދުގައި ބަޔަކު ކެނޯ ދުއްވަނީ---ފޮޓޯ: މީސް މީޑިއާ

އައްޑޫ އަދި ފުވައްމުލަކުގައި ހަދާ ނޭޗާ ޕާކް ކުރިން އޮތީ މިމަހު ހުޅުވާ ގޮތަށެވެ. ނަމަވެސް އެތަނުގެ ކޮންސްޓްރަކްޝަން މަސައްކަތްތައް ނުނިމުގެ ސަބަބުން މިމަހު ވަނީ ހުޅުވޭނެގޮތް ނުވެފައެވެ.

އެ މަޝްރޫއުގެ ކޮމިއުނިކޭޝަން އޮފިޝަލް އަލީ ޝާމީން ވިދާޅުވީ އެ ނެޗާ ޕާކްގެ މަސައްކަތް މިމަހު ނިމޭނެ ކަމަށާއި އަދި އަންނަ މަހު އެ ޕާކްގެ އޮޕަރޭޝަންގެ މަސައްކަތް ފެށޭނެ ކަމަށެވެ.

ޝާމިން ވިދާޅުވީ އައްޑޫގައި އޮންނަ އީދިގަލި ކިޅި ސަރަހައްދުގެ ކުރިމަތީގައި ވިޒިޓާސް ސެންޓަރެއްވެސް ގާއިމުކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި ވިދާޅުވީ ފުވައްމުލަކު ދަނޑިމަގު ކިޅި ސަރަަހައްދުގައި ރިކްރިއޭޝަނަލް ފެސިލިޓީސްތަކެއްވެސް ގާއިމުކޮށްފައިވާ ކަމަށެެވެ.

"އެ ތަންތަނުން ދޫކުރާނެ ކެނޯއާއި ބައިސްކަލް ވެސް. ދެން އެ ސަރަަހައްދުތަކުގައި ފެން ވަރާލެވޭނެ ގޮތް ވެސް ހަދާނެ. ކައިވެނި ޕާޓީތައް ވެސް އެ ސަރަަހައްދުގައި ބޭއްވޭނެ،" ޝާމިން ވިދާޅުވިއެވެ.

އެ ޕާކްތައް ހިންގާނެ ގޮތުގެ ގަވާއިދު އެކުލަވާލައި ވަރަށް އަވަހަށް ގެޒެޓް ކުރެވޭނެ ކަމަށްވެސް ޝާމިން ވިދާޅުވިއެވެ.

comment ކޮމެންޓް