އުއްތަމަފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވި ޖަލު ހުކުމަށް ސުޕްރީމް ކޯޓުން ތާއީދުކުރުމާ އެކު، އެ ދެ ފަނޑިޔާރުންގެ ފަނޑިޔާރުކަން ގެއްލިއްޖެއެވެ.
އަބްދުﷲ ސައީދާއި އަލީ ހަމީދުގެ ފަނޑިޔާރުކަން ގެއްލުނީ ހައިކޯޓުން އިއްވާފައިވާ ހުކުމް ރަނގަޅުކަމަށް ސުޕްރީމް ކޯޓުން މިއަދު ނިންމުމާއި ގުޅިގެންނެވެ.
ދާދި ފަހުން އިސްލާހު ކުރި ފަނޑިޔާރުންގެ ގާނޫނު ބުނާ ގޮތުން ފަނޑިޔާރަކަށް ކޮށްފައިވާ ހުކުމަކާ ގުޅިގެން ސުޕްރީމް ކޯޓުން އެ ފަނޑިޔާރަކު ކުށްވެރިވާ ކަމަށް ކަނޑައަޅާ ހިސާބުން ފަނޑިޔާރުކަން ގެއްލޭނެ ކަމަށެވެ.
ހައިކޯޓުން ނިންމި ނިންމުގައި ބުނެފައިވަނީ އެ މައްސަލައިގައި ކްރިމިނަލް ކޯޓުން ކުރި ހުކުމް ރަނގަޅު ކަމަށެވެ. ނަމަވެސް ކްރިމިނަލް ކޯޓުން ކުރި ހުކުމަށް ހައިކޯޓުން ވަނީ ބަދަލުތަކެއް ގެނެސްފައެވެ. އަދި އެ ކުރިން އޮތް އަދަބު ވަނީ ލުއިކޮށްދީފައެވެ. އެގޮތުން އަދަބުގެ ގޮތުގައި ކްރިމިނަލް ކޯޓުން ކަނޑައެޅި އެއް އަހަރާއި ހަތް މަހާއި ހަތް ދުވަސް ކުޑަކޮށް އަސާސީ މިންގަނޑުން އަދަބު ވަނީ ކަނޑައަޅާފައެވެ.
ކްރިމިނަލް ކޯޓުން ފަސް ދަރަޖަ މަތިކޮށް އަދަބު ކަނޑައެޅި ނަމަވެސް ހައި ކޯޓުން ކަނޑައެޅީ ދެ ދަރަޖަ ކުޑަކުރުމަށެވެ. އެހެން ކަމުން މިހާރު އަދަބަކީ އެއް އަހަރާ ދެ މަހާ 12 ދުވަހެވެ.
ދެ ފަނޑިޔާރުންނާއި ގުޅޭ މައްސަލަތަކެއް ބަލަމުންދާތީ ޖުޑީޝަލް ސާވިސް ކޮމިޝަނުން ވަނީ މީގެ ކުރިން ދެ ފަނޑިޔާރުން މުސާރަ ނުލިބޭ ގޮތަށް ސަސްޕެންޑްކޮށްފައެވެ.
ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަމަކަށް ނުފޫޒު ފޯރުވުމުގެ ދައުވާގެ އިތުރުން ޓެރަރިޒަމްގެ ދައުވާ އާއި ރިޝްވަތު ހިފުމުގެ ދައުވާ އާއި އަދުލު އިންސާފު ގާއިމުކުރަން ހުރަސް އެޅުމުގެ ދައުވާއެއް ވެސް ދައުލަތުން އެ ދެ ފަނޑިޔާރުންގެ މައްޗަށް ކުރެއެވެ. އެ މައްސަލަތަކުގެ ހުކުމެއް އަދި ނީއްވައެވެ.