ސްޕެއިން ކޮޅަށް ހެޓްރިކް ހެދިފަހުން ރޮނާލްޑޯއާ ވާހަކައެއް ނުދައްކަން: އިސްކޯ

ގްރޫޕް ބީގައި ސްޕެއިންއާއި ޕޯޗުގަލް ވާދަކުރި މެޗުގެ ތެރެއިން --- ފޮޓޯ/ އޭޕީ

ވޯލްޑް ކަޕްގެ ގްރޫޕް ބީގައި ކުޅުނު ފުރަތަމަ މެޗުގައިވެސް ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ވަނީ ވަރުގަދަ ސްޕެއިން ކޮޅަށް ހެޓްރިކް ހަދައިފައެވެ.

އެ މެޗު 3-3ގެ ނަތީޖާއަކުން ނިމިގެން ދިޔަ އިރު، އެންމެ ބޮޑު ކާމިޔާބީއެއް ލިބުނީ ރޮނާލްޑޯއަށެވެ. ރޮނާލްޑޯއަކީ ސްޕެއިންގެ ޓީމުގައި ތިބި ގިނަ ކުޅުންތެރިންތަކަކާއެކު ކްލަބް ފުޓުބޯޅަ ކުޅެމުންދާ ކުޅުންތެރިއެކެވެ. އެގޮތުން އިސްކޯއާއި ސާޖިއޯ ރާމޯސްގެ އިތުރުން ލޫކަސް ވަޒަކުއޭޒް ފަދަ ކުޅުންތެރިންނާއެކު ރޮނާލްޑޯވެސް ކުޅެމުން ދަނީ ރެއާލް މެޑްރިޑަށެވެ.

ރޮނާލްޑޯގެ ހެޓްރިކާ ގުޅިގެން އިސްކޯ ބުނެފައި ވަނީ ރޮނާލްޑޯގެ ވާހަކަ ނުދެއްކުމަށެވެ.

"ރޮނާލްޑޯގެ ވާހަކަ ނުދައްކާ. ފުރަތަމަ މެޗުގައި ސްޕެއިން ކޮޅަށް ހެޓްރިކް ހެދިފަހުން އަހަރެން އޭނައާ ވާހަކައެއް ނުދައްކަން،" އިސްކޯ ބުންޏެވެ.

އިސްކޯ ބުނީ ފުރަތަމަ މެޗުގައި ޕޯޗުގަލްއާ ދެކޮޅަށް ކުޅެން ޖެހުމަކީ ޓީމަށް ކުރިމަތިވި ބޮޑު ޗެލެއްޖެއް ކަމަށާއި، މިރޭގެ މެޗަށް ގިނަ ކަންކަން ރަނގަޅުވާނެ ކަމަށެވެ. ފުރަތަމަ މެޗުގައި ޓީމުގެ ކުޅުން ގޯސް ނޫން ކަމަށާއި، މިރޭގެ މެޗު ސްޕެއިންއަށް މުހިއްމު ކަމަށްވެސް އިސްކޯ ބުނެފައިވެއެވެ.

އިސްކޯ ވަނީ ރޮނާލްޑޯގެ ހިލޭ ޖެހުމާ ގުޅިގެންވެސް ވާހަކަ ދައްކައިފައެވެ. އޭނާ ބުނެފައި ވަނީ ފަހަކަށް އައިސް ރޮނާލްޑޯއަށް ހިލޭ ޖެހުންތަކުން ގޯލް ޖެހުމުގެ ރޭޓް ވަރަށް ދަށް ނަމަވެސް އެރޭގެ މެޗުގައި ގޯލް ޖެހުނީ މެޗުގެ ކުރިން ޖެހި ދެ ގޯލާއެކު ލިބުނު ހިތްވަރުން ކަމަށެވެ.

ވޯލްޑް ކަޕް ގްރޫޕް ބީގެ ދެ މެޗު މިރޭ އޮންނާނެއެވެ. ހަވީރު 5:00ގައި އޮންނަ މެޗުގައި ޕޯޗުގަލްއާއި މޮރޮކޯ ވާދަކުރާ އިރު، މިރޭ 11:00ގެ މެޗުގައި ވާދަކުރާނީ ސްޕެއިންއާއި އިރާނެވެ.

comment ކޮމެންޓް