ހުކުމަށް ފިލައިގެން އުޅޭތީ ނަޝީދާއި ގާސިމް ފުލުހަށް ހާޒިރުވާން އަންގައިފި

ސަލާމަތީ ބާރުތަކާ ގުޅޭ ގޮތުން ނަޝީދު(މ) ދެއްކެވި ވާހަކަފުޅު ގާސިމް އިބްރާހިމް ވަނީ ކުށްވެރިކޮށްފަ ---

ޖަލުގައި ހުކުމް ތަންފީޒުކުރައްވަމުންް ގެންދެވި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ހުކުމަށް ފިލައިގެން އުޅޭ މައްސަލައިގައި ފުލުސް އޮފީހަށް ހާޒިރުވާން އަންގައިފިއެވެ.

ޓްވިޓާ މެދުވެރިކޮށް އެ ދެ ބޭފުޅުންނަށް ފުލުހުން ޗިޓު ރައްދުކޮށްފައި ވާ އިރު، އެ ޗިޓުގައި ބުނެފައިވަނީ ދެ ބޭފުޅުންވެސް ހުކުމް ތަންފީޒުކުރައްވަމުން ގެންދަވަނިކޮށް ބޭރުން ބޭސްފަރުވާ ކުރުމަށްޓަކައި ފޮނުވާލެވި، އަދި އެކަމަށް ދިން މުއްދަތު ހަމަވެފައިވާ ކަމަށެވެ. އަދި މުއްދަތު ހަމަވުމުންވެސް އެނބުރި ރާއްޖެ ނައިސް، ހުކުމަށް ފިއްލަވައިގެން އުޅުއްވާ ކަމަށެވެ.

ޗިޓުގައި ބުނެފައިވަނީ ދެ ބޭފުޅުންވެސް ހާޒިރުކުރަން ބޭނުންވަނީ ހުކުމަށް ފިލައިގެން އުޅޭ މައްސަލައިގެ ތަހުގީގަށް ބަޔާން ނެގުމަށް ކަމަށެވެ.

ރައީސް ނަޝީދު ފުލުހަށް ހާޒިރުވާން އަންގާފައިވަނީ އަންނަ ހޯމަ ދުވަހުގެ ހެނދުނު 10:00 އަށެވެ. ގާސިމްއަށް އަންގާފައިވަނީ އެ ދުވަހުގެ މެންދުރު 14:00 އަށެވެ.

ޗިޓާ އެކު ފުލުހުން އާންމުކުރި އެންގުމެއްގައި ބުނެފައިވަނީ މަގުބޫލު އުޒުރެއް ދިމާވެގެން ހާޒިރުނުވެވޭނަމަ ގަޑި ޖެހުމުގެ އެއްގަޑިއިރު ކުރިން އެކަމެއް ލިޔުމުން ބަޔާންކޮށް، ޗިޓާ އެކު ފުލުހުންގެ މަރުކަޒަށް ފޮނުވަންވާނެ ކަމަށެވެ. އަދި މަގުބޫލު އުޒުރެއް ނެތި ޗިޓަށް ހާޒިރުވާންޖެހޭ ގަޑިއަށް ހާޒިރުނުވެއްޖެ ނަމަ ގާނޫނުލްއުގޫބާތުގެ 530 އާއި 533 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ފިޔަވަޅު އެޅޭނެ ކަމަށް ބުނެފައިވެއެވެ.

ގާނޫނުލްއުގޫބާތުގެ 530 ވަނަ މާއްދާއަކީ އަދުލުއިންސާފު ގާއިމުކުރުމަށް ހުރަސްއެޅުމާ ގުޅޭ މާއްދާއެވެ. އަދި 533 އަކީ "ގާނޫނު ހިންގުމަށާއި ދައުލަތުގެ އެހެނިހެން މަސައްކަތްތަކަށް ހުރަސްއެޅުން"ގެ މާއްދާއެވެ.

ޓެރަރިޒަމްގެ ކުށް ސާބިތުވެ، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ވަނީ 13 އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ. ނަމަވެސް 2016 ވަނަ އަހަރު އެމަނިކުފާނު ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ވަޑައިގެން ފަހުން އިނގިރޭސިވިލާތުގެ ހިމާޔަތް ހޯއްދަވައި، އުޅުއްވަނީ އެގައުމުގައެވެ. މިވަގުތު ރައީސް ނަޝީދު ހުންނެވީ ސްރީލަންކާގައެވެ.

މީގެ އިތުރުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ މައްޗަށް ރިޝްވަތު ދޭން ހުށަހެޅި ކަމުގެ ކުށް ސާބިތުވެ، ތިން އަހަރާއި ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް އިއްވީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ފަހުކޮޅުއެވެ. ގާސިމްއަށް ހުކުމް އިއްވި އިރު ގާސިމް އޮންނެވީ ހިތުގެ އާލާސްކަންފުޅެއްގައި އައިޗީއެމްއެޗުގައި ފަރުވާ ހޯއްދަވަމުންނެވެ. އެއަށްފަހު އޭނާ ވަނީ ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށް ވަޑައިގެން، ޖަރުމަނުގެ ހިމާޔަތް ހޯއްދަވައިފައެވެ.

comment ކޮމެންޓް