ގްރީން ބަލިކޮށް، އީގަލްސް ދެވަނައަށް ޖެހިލައިފި

މާލޭ ލީގުގެ ދެވަނަ ބުރުގައި ގްރީންއާއި އީގަލްސް ވާދަކުރި މެޗުގެ ތެރެއިން --- ފޮޓޯ/ އެފްއޭއެމް

އެސްޓީއޯ މާލޭ ލީގުގައި މިރޭ ކުޅުނު މެޗުގައި ކްލަބު ގްރީން ސްޓްރީޓްސް ބަލިކޮށް ކްލަބު އީގަލްސްއިން ތާވަލުގެ ދެވަނައަށް ޖެހިލައިފިއެވެ.

މާލޭ ލީގުގެ ފަހު ހަފްތާގެ ކުޅުން ކުރިއަށްދާ އިރު، ގައުމީ ދަނޑުގައި މިރޭ ކުޅުނު މެޗު އީގަލްސްއިން ކާމިޔާބުކުރީ 3-0ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. މިރޭގެ މެޗުގައި އީގަލްސްގެ ދެ ގޯލްވެސް ޖެހީ ލީގުގެ ޓޮޕް ސްކޯރާގެ މަގާމުގައި އޮތް ބްރެޒިލްގެ ފޯވަޑް ލުއިޒް އެޑުއާޑޯއެވެ.

ކްލަބު އީގަލްސްއިން މިރޭގެ މެޗަށް ނުކުތް އިރު، ކުޅުނު 13 މެޗުން 22 ޕޮއިންޓާއެކު އޮތީ ތިން ވަނައިގައެވެ. މިރޭގެ މެޗުން ހޯދި ތިން ޕޮއިންޓާއެކު ދެވަނައިގައި އޮތް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަށްވުރެ މެޗެއް ގިނައިން ކުޅެ އީގަލްސް ވަނީ ދެވަނައަށް ޖެހިލައިފައެވެ. މެޗަށް ނުކުތް އިރު ހަ ވަނައިގައި އޮތް ގްރީން ސްޓްރީޓްސްއާއި އީގަލްސްއަށްވެސް އޮތީ ގަދަ ހައެއް ޔަގީންވެފައެވެ.

މާލޭ ލީގުގެ ދެވަނަ ބުރުގައި ގްރީންއާއި އީގަލްސް ވާދަކުރި މެޗުގެ ތެރެއިން --- ފޮޓޯ/ އެފްއޭއެމް

މެޗުގެ ކުރީކޮޅުގައި އީގަލްސްއިން ލީޑު ނެގިއެވެ. ލިބުނު ޕެނެލްޓީ ކާމިޔާބުކޮށް ލީޑު ނަގައިދިނީ ލުއިޒްއެވެ. އޭގެފަހުން ދެ ޓީމުގެ ފަރާތުންވެސް ހަމަހަމަ ކުޅުމެއް ފެނިގެން ގޮސްފައިވާ އިރު، ހާފް ނިމެން ދަނިކޮށް ގްރީންއަށް ވަނީ މެޗުގެ ނަތީޖާ ހަމަހަމަ ކުރުމަށް ދެ ފުރުސަތެއް ލިބިގެން ގޮސްފައެވެ. މުހައްމަދު ޝަފްރާޒްއަށް ލިބުނު ފުރުސަތު އޭނާ ނާކާމިޔާބުކޮށްލި އިރު، މެޗުގެ 32 ވަނަ މިނެޓުގައި އެޓީމަށް ވަނީ ޕެނެލްޓީއެއް ލިބިފައެވެ.

އީގަލްސްގެ އޭރިއާ ތެރެއިން އެޓީމުގެ ދެ ޑިފެންޑަރެއް، ރޮލެންޑް ރަސެލްއަށް ކުރި ފައުލާ ގުޅިގެން ރެފްރީ ދިން ޕެނެލްޓީ އޭނާ ޖެހި އިރު، ޕެނެލްޓީ އަމާޒުވީ ހުރަސް ދަނޑިއަށެވެ. ޕެނެލްޓީ ނާކާމިޔާބުވެ ނަތީޖާ ހަމަހަމަ ކުރަން ލިބުނު ފުރުސަތު ބޭކާރު ކޮށްލި އިރު، ހާފް ނިމެން ދަނިކޮށް ގްރީންގެ ޑިފެންޑަރު އަލީ ސަމްދޫހަށް ލިބުނު ފުރުސަތުވެސް ފާހަގަ ކޮށްލެވުނެވެ.

ގްރީނުން މިރޭގެ މެޗަށް އެޓީމުގެ ބަދަލު ކީޕަރު މުހައްމަދު ޖަޒުލާން ނެރެފައިވާ އިރު، ދެވަނަ ހާފް ފެށިގެން މާ ގިނައިރެއް ނުވެ އީގަލްސްއިން ޖެހި ގޯލަކީ ގްރީންގެ ޑިފެންޑަރު ފަހަތަށް ދިން ބޯޅަ، ކީޕަރު ޖަޒުލާންގެ ފައިގައި ލައްވާނުލައިގެން ގޮސް ވަން ގޯލެކެވެ.

ދެވަނަ ހާފްގައި އިތުރު ހަމަލާތައްވެސް ފެނިފައިވާ އިރު، ލުއިޒް އެޑުއާޑޯގެ ހަމަލާއެއްގެ އިތުރުން ގްރީންގެ ޝްފްރާޒަށް ލިބުނު ފުރުސަތު ފާހަގަ ކޮށްލެވުނެވެ. އީގަލްސްގެ ތިން ވަނަ ގޯލަކީވެސް އެޓީމަށް ލިބުނު ޕެނެލްޓީއެކެވެ. އެ ޕެނެލްޓީވެސް ކާމިޔާބުކޮށްދިނީ ލުއިޒް އެވެ.

މާލޭ ލީގުގެ ދެވަނަ ބުރުގައި ގްރީންއާއި އީގަލްސް ވާދަކުރި މެޗުގެ ތެރެއިން --- ފޮޓޯ/ އެފްއޭއެމް

މާލޭ ލީގުގެ ދެ މެޗެއް މާދަމާވެސް އޮންނާނެއެވެ. މާދަމާ ހަވީރު 4:00ގައި އޮންނަ މެޗުގައި ޓީސީ ސްޕޯޓްސް ކްލަބާއި ވިކްޓަރީ ސްޕޯޓްސް ކްލަބު ވާދަކުރާ އިރު، މާދަމާ ރޭގެ މެޗުގައި ވާދަކުރާނީ ޗެމްޕިއަން ނިއު ރޭޑިއަންޓާއި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނެވެ.

comment ކޮމެންޓް