ޔޫވީވެސް ބަލިކޮށް، ވެލެންސިއާއިން ހިތްވަރު ހޯދައިފި

އެސްޓީއޯ މާލެ ލީގުގެ ފުރަތަމަ ބުރުގައި ޔުނައިޓެޑް ވިކްޓަރީ އާއި ވެލެންސިޔާ ބައްދަލުކުރި މެޗުގެ ތެރެއިން: 3-0 ގެ ނަތީޖާއަކުން އެ މެޗު ކާމިޔާބް ކުރީ ޔޫވީ ---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

އެސްޓީއޯ މާލޭ ލީގުގައި މިއަދު ކުޅުނު މެޗުގައި ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) ބަލިކޮށް، ރެލިގޭޝަން ޕްލޭ އޯފްގެ ކުރިން ކްލަބު ވެލެންސިއާއިން ޖެހިޖެހިގެން ދެ މޮޅު ހޯދައިފިއެވެ.

ގައުމީ ދަނޑުގައި މިއަދު ކުޅުނު ދެވަނަ ބުރުގެ މެޗުގައި ވެލެންސިއާއިން ޔޫވީ ބަލިކުރީ 3-1ގެ ނަތީޖާއަކުންނެވެ.

މިއަދު ފެށިގެން ދިޔައީ މިއަހަރު މާލޭ ލީގުގެ ފަހު ހަފްތާގެ ކުޅުމެވެ. އެ މެޗަށް ނުކުތް އިރުވެސް، ވެލެންސިއާއާއި ޔޫވީއަށް އޮތީ ރެލިގޭޝަން ޕްލޭ އޯފް ޔަގީންވެފައެވެ. މިހާތަނަށް ލީގުގައި ކުޅުނު 14 މެޗުގެ ތެރެއިން ވެލެންސިއާއިން މޮޅުވެފައި ވަނީ އެންމެ ފަހުން ކުޅުނު ދެ މެޗުގައެވެ. 14 މެޗުން ވެލެންސިއާއަށް ހަތް ޕޮއިންޓް ލިބިފައިވާ އިރު، އެޓީމު އޮތީ ލީގު ތާވަލުގެ ފުލުގައެވެ. ޔޫވީ، ތާވަލުގެ ހަތް ވަނައިގައި އޮތީ 14 މެޗުން ނުވަ ޕޮއިންޓާ އެކުގައެވެ.

މެޗުގެ ފުރަތަމަ ހާފްގައި ދެ ޓީމުގެ ފަރާތުންވެސް ފެނިގެންދިޔައީ ދާދި ހަމަހަމަ ކުޅުމެކެވެ. މިއަދުގެ ނަތީޖާއިން ތާވަލުގެ މަގާމަށް ބަދަލެއް ނާންނާނެކަން ދެ ޓީމަށްވެސް ޔަގީންވެފައި އޮތުމުން، ދެޓީމުންވެސް މަސައްކަތް ކުރީ އެޓޭކިން މެޗެއް ކުޅުމަށެވެ.

މެޗުގެ ފުރަތަމަކޮޅުގައި ޔޫވީއަށް ރަނގަޅު ފުރުސަތުތަކެއް ލިބިގެންދިޔައެވެ. އެޓީމުގެ ފޯވަޑް ސެމިއުލް ކޯޑޭލް ފޮނުވާލި ހަމަލާ އަރިމަތީ ދަނޑިކައިރިން ބޭރަށް ދިޔަ އިރު، މެޗުގެ 33 ވަނަ މިނެޓުގައި ސެމިއުލް ބޮލުން ފޮނުވާލި ހަމަލާ ދިފާއުކޮށް ބޭރުކޮށްލީ ގޯލްގެ ރޮނގުމަތީގައި ހުރި ވެލެންސިއާގެ ޑިފެންޑަރެވެ.

ފުރަތަމަ ހާފްގައި ވެލެންސިއާއަށްވެސް ވަނީ ދެ ފުރުސަތެއް ލިބިފައެވެ. އެގޮތުން އަންސަރު އިބްރާހީމް (އަންކޮ)އާއި ޔޫސުފް ރަމީޒަށް ލިބުނު ފުރުސަތުތައް ފާހަގަކޮށްލެވުނެވެ.

ދެވަނަ ހާފް ފެށިގެން 10 މިނެޓް ތެރޭގައި ވެލެންސިއާއިން ލީޑު ނެގިއެވެ. ސާގީ ޑްރީގާ ތަނަވަސްކޮށްދިން ފުރުސަތުން ވެލެންސިއާއަށް ލީޑު ނަގައިދިނީ އަންކޮއެވެ. ވެލެންސިއާއިން ލީޑު ނެގިތާ މާގިނައިރެއް ނުވެ، މެޗުގެ 58 ވަނަ މިނެޓުގައި ޔޫވީން ނަތީޖާ ހަމަހަމަ ކުރިއެވެ. ލިބުނު ހިލޭ ޖެހުމަކުން ޔޫވީއަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ސެމިއުލްއެވެ. ސެމިއުލް ފޮނުވާލި ހިލޭޖެހުން ގޯލްގެ ތެރެއަށް ވަނީ ވެލެންސިއާގެ ފާރުގައި ހުރި ކުޅުންތެރިއެއް ގައިގައި ޖެހި މިސްރާބު ބަދަލު ވެގެންނެވެ.

ނަތީޖާ ހަމަހަކޮށްގެން ކުޅުނު ޔޫވީއަށް މެޗުގެ 63 ވަނަ މިނެޓުގައި ވަނީ ލީޑު ނަގާނެ ފަހި ފުރުސަތެއްވެސް ލިބިފައެވެ. ލިބުނު ކޯނަރަކުން އަލީ ހައިޝަމް (ޗުމްޕު) ފޮނުވާލި ބޯޅަ މަތަކުރީ ވެލެންސިއާގެ ޖަޕާން ކީޕަރު ޖުން ކޮޗީއެވެ. ޔޫވީގެ ހަމަލާއަށްފަހު މާ ގިނައިރެއް ނުވަނީސް ވެލެންސިއާއިން އަނެއްކާވެސް ލީޑު ނެގިއެވެ. އެޓީމަށް ލީޑު ނަގައިދިނީ ސާޖީ ޑްރީގާއެވެ.

މެޗުގައި ލީޑު ނެގުމަށްފަހުވެސް ވެލެންސިއާއަށް ވަނީ ގޯލް ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބިފައެވެ. އެގޮތުން އެޓީމުގެ ބިދޭސީ މިޑްފީލްޑަރު މަމްބެތަލީވް އައިޑާ ފޮނުވާލި ދެ ހަމާލާއެއްވެސް، ޔޫވީގެ ކީޕަރު ހަސަން ތޮލާލް (ޓޮޕްލަކް) ވަނީ ދިފާއުކޮށްފައެވެ.

ވެލެންސިއާއިން ތިން ޕޮއިންޓް ޔަގީން ކުރީ ފުރިހަމަވަގުތު ހަމަވެ، ރެފްރީ ދެއްކު އިތުރު ވަގުތު ތެރޭގައި އެޓީމު ޖެހި ގޯލާއެކުގައެވެ. ސާގީ ތަނަވަސްކޮށްދިން ފުރުސަތު މިފަހަރު ނިންމާލަ ދިނީ ރިޝީމް ވަލޭރީއެވެ.

މާލޭ ލީގުގެ މެޗެއް މިރޭވެސް އޮންނާނެއެވެ. ވާދަކުރާނީ ކްލަބު އީގަލްސްއާއި ކްލަބު ގްރީންސްޓްރީޓްސްއެވެ.

comment ކޮމެންޓް