ޕަޕުއާ ނިއު ގިނީގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން އެ ގައުމުގައި ކުއްލި ނުރައްކަލުގެ ހާލަތު ނުވަ މަހުގެ މުއްދަތަށް އިއުލާނު ކޮށްފިއެވެ.
ޕަޕުއާ ނިއު ގިނީގައި ގާނޫނުތައް މުގުރާލައި، ހަމަނުޖެހުންތައް ހިންގަމުންދާތާ ދުވަސްތަކެއް ވަނީ ވެފައެވެ. މި ހަމަނުޖެހުންތައް އިތުރުވެފައި ވަނީ މި އަހަރުގެ ފެބްރުއަރީ މަހު އެ ގައުމަށް އައި ބިންހެލުމުގައި ލިބުނު ގެއްލުންތަކުން އަރައިގަތުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިންނެވެ.
ޕަޕުއާ ނިއު ގިނީގެ މެންދީގައި މަތިންދާ ބޯޓެއްގައި އަލިފާން ރޯކޮށްލާފައިވާ ކަމަށާއި ހަމަނުޖެހުން ހިންގަން އުޅޭ މީހުން ހަރަކާތްތެރިވަނީ ވަޅިއާއި ގާ ހިފައިގެން ކަމަށް ރިޕޯޓުތައް ބުނެއެވެ.
މި ހަމަނުޖެހުންތައް ކޮންޓްރޯލުކުރުމަށް ސަލާމަތީ ބާރުތައް ދަނީ މަސައްކަތްކުރަމުންނެވެ.
ޕަޕުއާ ނިއު ގިނީގައި ހަމަނުޖެހުންތައް އިތުރުވެފައި ވާއިރު އޭޝިއާ ޕެސިފިކް އިކޮނޮމިކް ކޯޕަރޭޝަން (އޭޕެކް)ގެ ފޯރަމް ނޮވެމްބަރު މަހު ބާއްވަން ނިންމާފައިވެސް ވަނީ އެ ގައުމުގައެވެ.