އިންޑިއާގެ 600 މިލިއަން މީހުން ފެނަށް ޖެހިފައި!

އިންޑިއާގެ ތާރީޚުގައި ވެސް ކުރިމަތި ނުވާވަރުގެ ބޮޑު ފެނުގެ ކާރިސާ އެއް އެގައުމަށް ކުރިމަތިވެއްޖެ އެވެ.

ނޭޝަނަލް އިންސްޓިޓިއުޝަން ފޯ ޓްރާންސްފޯމިން އިންޑިއާ (އެންއައިޓީއައި)ގެ ރިޕޯޓެއްގައި ބުނީ ފެނުގެ ތާށިކަން ދިމާވުމުގެ ސަބަބުން 600 މިލިއަން މީހުންނަށް އޭގެ އަސަރު ކުރާ ކަމަށާއި ކުރިއަށް އޮތް ތަނުގައި މި އަދަދު އިތުރުވާނެ ކަމަށެވެ.

ފެނަށް ޖެހިގެން އިންޑިއާގައި އަހަރަކު ދުއިސައްތަ ހާސް މީހުންމަރުވާކަމަށް އެ ރިޕޯޓުގައި ވަނީ ބުނެފަ އެވެ. އިންޑިއާގައި މިހާރު ފެނަށް އޮތް ޑިމާންޑު 2030 އަންނަންވާއިރަށް ދެ ގުނަވާނެ ކަމަށާއި 2020 އަންނަންވާއިރަށް 21 ސިޓީ އަކުން ގުދުރަތީ ފެން (ބިމުން ނަގާ ފެން) ހުސްވެ، 100 މިލިއަން މީހުންނަށް އޭގެ އަސަރު ކުރާނެ ކަމަށް އެ ރިޕޯޓުގައި ބުނެފައިވެ އެވެ.

އޭގެ ތެރޭގައި ބެންގަލޫރު، ދިއްލީ އަދި ހައިދްރައާބާދު ފަދަ ސިޓީތައް ހިމެނެ އެވެ.

ދެމެހެއްޓެނިވި ގޮތެއްގައި ރައްކާތެރި ބޯފެން ފޯރުކޮށްދިނުމުގަައި އިންޑިއާ ވަނީ ފެއިލްވެފައިކަމަށް ރިޕޯޓް ބުނެ އެވެ.

އިންޑިއާގެ ވޯޓާ ރިސޯސް އިންސްޓިޓިއުޓްގެ ޑިރެކްޓާ ފޯ އާބަން ވޯޓާ، ސަމްރާޓްބަސާކް ވިދާޅުވީ ފެނުގެ މުހިއްމުކަން އިންޑިއާގެ ރައްޔިތުންނަށް އަންދާޒާނުކުރެވޭ ކަމަށެވެ. ފެން އިސްރާފު ކުރާ މިންވަރު އެގައުމުގައި އިތުރު ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.

ވޯޓާ ކޮލެޓީ އިންޑެކްސް ގައި އިންޑިއާ އަށް ލިބެނީ 120 ވަނަ އެވެ. މި ލިސްޓުގައި ހިމެނެނީ 122 ގައުމެވެ. ފެނުގެ ޒަރިއްޔާ އިން ޖެހޭ ބަލިތައް އެގައުމުގައި އިތުރުވަމުންދާއިރު އެންމެ ބޮޑު އެއް ގޮންޖެހުމަކީ ނަރުދަމާގެ ރަނގަޅު ނިޒާމެއް އެގައުމުގައި ގާއިމް ވެފައި ނުވުމެވެ.

ފެނަށް ޖެހުމުގެ ސަބަބުން އިންޑިއާގެ ޖީޑީޕީގެ ހަ ޕަސެންޓު ގެއްލުން ވާނެ ކަމަށް ރިޕޯޓުގައ ވަނީ ބުނެފަ އެވެ.

comment ކޮމެންޓް