ރާއްޖޭގެ ސިއްހީ ދާއިރާއަށް ޖަޕާނުން 42 މިލިޔަން ރުފިޔާގެ ހިލޭ އެހީ ދީފި

ރާއްޖޭގެ ސިއްހީ ދާއިރާއަށް ޖަޕާނުން ދޭ 42 މިލިަޔަން ރުފިޔާގެ އެހީ ދިނުމުގެ އެއްބަސްވުމުގައި ދެގައުމުގެ ފޮރިން މިނިސްޓަރުން ސޮއިކުރެއްވުން ----

ރާއްޖޭގެ ސިއްހީ ދާއިރާ ކުރިއެރުވުމަށްޓަކައި ޖަޕާނު ސަރުކާރުން ދިވެހިރާއްޖެއަށް 300 މިލިޔަން ޔެން (42.19 މިލިޔަން ރުފިޔާ)ގެ ހިލޭ އެހީ ދީފިއެވެ.

ފޮރިން މިނިސްޓަރު ޑރ. މުހައްމަދު އާސިމް މިވަގުތު ޖަޕާނަށް ރަސްމީ ދަތުރުފުޅެއް ކުރައްވަމުން ދާ އިރު، އެމަނިކުފާނު ވަނީ ޖަޕާނު ސަރުކާރުން ދެއްވި މި އެހީގެ ފައިސާއާ ހަވާލުވެވަޑައިގެންފައެވެ. އެ އެހީއާ ބެހޭ އެއްބަސްވުމުގައި ސޮއިކުރެއްވީ ޑރ. އާސިމްގެ އިތުރުން ޖަޕާނުގެ ފޮރިން މިނިސްޓަރު ޓަރޯ ކޯނޯއެވެ.

ރާއްޖޭގައި ހުންނަ ޖަޕާން އެމްބަސީން ބުނި ގޮތުގައި، މި އެހީ ފޯރުކޮށްދިނީ ރާއްޖޭގައި މިހާރު ހުރި ސިއްހީ ޚިދުމަތްތައް އިތުރަށް ރަނގަޅުކޮށް، ފުރިހަމަކުރުމަށް އެހީތެރިވެދިނުމުގެ ގޮތުންނެވެ. އަދި މި އެހީގެ ދަށުން އަތޮޅުތެރޭގައި ގިނަ ދުވަސްވެފައިވާ އެމްބިއުލާންސް ބޭނުންކުރާ ރަށްރަށާއި އެމްބިއުލާންސް ނެތް ރަށްރަށަށް އެމްބިއުލާންސް އުޅަނދު ފޯރުކޮށްދެވޭނެކަމަށް އުންމީދުކުރާ ކަމަށްވެސް ޖަޕާނުން ބުންޏެވެ.

ރާއްޖޭގެ ޚާރިޖިއްޔާގެ ވަފުދެއް ޖަޕާނަށް މިހާރު ވަޑައިގެން އުޅުއްވާ އިރު، މިއަދު ދެގައުމުގެ ފޮރިން މިނިސްޓަރުން ވަނީ ބައްދަލުކުރައްވައި އެކި ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ.

އަދި އިއްޔެ، މޯލްޑިވްސް-ޖަޕާން ޕޮލިސީ ޑައިލޮގްގެ ފުރަތަމަ ބުރު ވެސް ޖަޕާނުގައި ބޭއްވި އިރު، ތަރައްގީއާއި މޫސުމަށް އަންނަ ބަދަލުތަކާއި ޓޫރިޒަމް އަދި އިންވެސްޓްމެންޓްގެ ދާއިރާއިން އިތުރަށް ގުޅުން ބަދަހިކުރުމާ ބެހޭގޮތުން ދެގައމުގެ ދެމެދުގައި މަޝްވަރާކޮށްފައި ވެއެވެ.

comment ކޮމެންޓް