ރޯދަމަސް ނިމުނަސް ހެޔޮ އަމަލު ކުރުން މަތީ ދެމިތިބުން މުހިންމު: ހުކުރު ހުތުބާ

އިސްލާމީ މަރުކަޒުގެ މިސްކިތުގައި މީހަކު ޤުރުއާން ކިޔަވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިއަހަރުގެ ރަމަޟާން މަސް ނިމުނު ނަމަވެސް، ހެޔޮ އަމަލުތައް ކުރުން މަތީ ދެމިތިބުން މުހިންމު ކަމަށާއި، ހެޔޮކަމުގައި ދެމިތިބުމަށް ގިނަ ފުރުސަތުތަކެއް ލައްވާފައި ވާކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.

ހުކުރު ހުތުބާގައި ބުނެފައިވަނީ ރޯދަމަހުގައި ނަމާދުގެ ޖަމާއަތަށް ރައްކާތެރިވުމާއި ގިނައިން ގުރުއާން ކިޔަވައި، އަދި މީށްތަކުންނަށް ހެޔޮ ފޯރުވުން މަތީގައި އުޅުމަށްފަހު، އެ މަސް ނިމުމުން އެކަންކަމާ މެދު ފަރުވާކުޑަކޮށް، ފާފަތަކަށް އަރައިގަންނަކަމާ މެދު ވިސްނަންޖެހޭ ކަމާށެވެ.

"މިއީ މީހަކު އެތައް ހަރަދަކާއި މަސައްކަތެއް ކޮށްގެން ރަނގަޅު ބިނާއެއް ކުރުމަށްފަހު އެ ބިނާ ފުނޑުފުނޑުކޮށްލުން ފަދަ ކަމެއް ނޫންތޯއެވެ؟ އެފަދަ މީހުން ހީކުރާ ގޮތުގައި ރަމަޟާން މަހަކީ އެ މީހުން މުޅި އަހަރު ތެރޭގައި ކުރާ ފާފަތައް ފޮހެލުމަށް ﷲ ދެއްވާފައިވާ ރަނުގެ ފުރުސަތެކެވެ. އަދި ރަމަޟާން މަސް ނިމުމުން އަނެއްކާވެސް ކުރީގެ ހަޔާތަށް އެނބުރި ރުޖޫއަވަންވީއެވެ،" ހުކުރު ހުތުބާގައި ބުނެއެވެ.

ހުތުބާގައި ބުނި ގޮތުގައި ﷲގެ އަޅުން ކުރާ ހެޔޮ އަމަލުތައް ގަބޫލުކުރެއްވިކަމުގެ ނިޝާންތަކެއް ވެއެވެ. އެ ނިޝާނަކީ ހެޔޮ އަމަލުތައް ކުރުމަށްފަހު، އެ އަމަލުތައް ދޫކޮށްނުލައި، ފާފަތަކަށް އަރައިނުގަނެ ހުރުމެވެ. އަދި އެ އަމަލަކީ ﷲގެ ހަޟްރަތުގައި މަގުބޫލު އަމަލަކަށް ނުވެދާނެތީ ބިރުވެރިތުމާއި، ފާފައިން ދުރުވެ އިތުރު ހެޔޮ އަމަލުކުރުމުގެ ތައުފީގު ލިބުމާއި، ކުރެވުނު ހެޔޮ އަމަލާ މެދު ބޮޑާވުމުގެ ބަދަލުގައި ހެޔޮ އަމަލުގެ މަދުކަން އިހުސާސްވުން ފަދަ ކަންކަންވެސް، ހެޔޮ އަމަލުތައް ގަބޫލުކުރެއްވިކަމުގެ ނިޝަންތަކުގެ ގޮތުގައި ހުތުބާގައި ފާހަގަކުރިއެވެ.

ހުތުބާގައި ބުނީ ރަމަޟާން މަސް ނިމުނު ކަމުގައި ވިޔަސް، ހެޔޮ އަމަލުކުރުމުގެ ފުރުސަތު އޮންނާނެ ކަމަށާއި، ހެޔޮކަމުގައި ދެމިތިބެން އެދޭ މީހުންނަށް ދީނުގައި ލައްވާފައިވާ ކަމަށެވެ.

އެގޮތުން ޝައްވާލު މަހުގެ ހަ ރޯދައަކީ އޭގެ ތެރެއިން އެންމެ މުހިންމު އެއް ފުރުސަތުކަމަށް ހުތުބާގައި ބުނެއެވެ.

މީގެ އިތުރުންވެސް ކުރެވޭނެ ކަންތަކުގެ ތެރޭގައި ދަމުނަމާދުކުރުން، ކޮންމެ ދުވަހަކުވެސް ގުރުއާނުން މިންވަރެއް ކިޔެވުމާއި، ކުޅަދާނަކަން ލިބުނު މިންވަރަކުން ﷲގެ މަގުގައި ހޭދަކުރުމާއި، ގާތްތިމާގެކަމުގެ ގުޅުން ދެމެހެއްޓުމާއި އަވަށްޓެރިންނަށް ކަމޭހިތުމާއި މައިންބަފައިންނާއި އަނބިދަރީންގެ ހައްގުތައް އަދާކުރުން ހުތުބާގައި ފާހަގަކުރިއެވެ.

"އެހެނީ މިފަދަ ކޮންމެ އަމަލަކީ އޭގެ ދަރުމައާއި ސަވާބު މަތިވެރިވެގެންވާ އަމަލެކެވެ. އަދި ރަމަޟާން މަހުގައި ކުޅަ ހެޔޮ އަމަލުތަކަށްފަހު މިފަދަ މަތިވެރި އަމަލުތަކުގައި ދެމިތިބުމުގެ ތައުފީގު ލިބުމަކީ ރަމަޟާން މަހުގައި ކުޅަ ހެޔޮ އަމަލުތައް މާތްﷲ ގަބޫލުކުރެއްވިކަމުގެ ހެއްކެކެވެ،" ހުތުބާގައި ބުނެއެވެ.

comment ކޮމެންޓް