އީދު ދުވަސް ހުކުރަކާ ދިމާވިޔަސް ހުކުރު ނަމާދު ކުރަންޖެހޭ: އިސްލާމިކް މިނިސްޓަރު

1439 ވަނަ އަހަރުގއ ފިތުރު އީދު ނަމާދު، މާފަންނު ސްޓޭޑިއަމްގައި ބޮޑު ޖަމާއަތުގައި ކުރަނީ -- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

އީދު ދުވަސް ހުކުރު ދުވަހަކާ ދިމާވިޔަސް ހުކުރު ނަމާދު ކުރަންޖެހޭނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ބާގިރު ވިދާޅުވެއްޖެއެވެ.

އިއްޔެ ޕީއެސްއެމްގައި ވާހަކަ ދައްކަވަމުން ޑރ. ޒިޔާދު ވިދާޅުވީ އެ މައްސަލަައިގައި ވަރަށް ގިނައިން މިނިސްޓްރީގެ ލަފަޔަށް އާންމުން އެދެމުންދާ ކަމަށެވެ. އަދި އެފަދަ ކަންކަމުގައި އާންމުނަށް އޮޅޭގޮތަށް ވާހަކަތައް ފެތުރުމުން ޝަރުޢީ ހުކުމްތައް ދެނެގަންނަން އާންމުންނަށް ދަތިވެގެން ދާކަމަށް ޑރ. ޒިޔާދު ވިދާޅުވިއެވެ.

މީގެ ކުރިންވެސް އީދު ދުވަސް ހުކުރު ދުވަހަކާ ދިމާވެފައި ހުރި އިރު، ބައެއް ދީނީ ބޭފުޅުން ވަނީ އީދު ނަމާދު ކޮށްފި ނަމަ އެ ދުވަހަކު ހުކުރު ނަމާދު ކުރަން ކޮންމެގެން ނުޖެހޭކަމަށް ބުނެ ފަތުވާ ދެއްވާފައެވެ.

"މިއީ ދުވަހަކުވެސް އިލްމުވެރިއަކު ފަތުވާ ދެއްވި ގޮތެއް ނޫން. މިއީ އިސްލާމީ ޝަރީއަތާ ހިލާފުކަމެއް،" އިސްލާމިކް މިނިސްޓަރު ޑރ. ޒިޔާދު ވިދާޅުވިއެވެ.

"މީގެ އަހަރުތަކެއް ކުރިން މިކަން ވަނީ ރާއްޖޭގައި ހިންގާފައި. އެ ދުވަހު އެއީ ހުކުރު ދުވަހެއް. ބައެއް ބޭފުޅުން އެގޮތަށް ފަތުވާ ދިނުމުގެ ނަތީޖާއަކަށްވީ، އީދު ނަމާދަށްފަހު ބައެއް ބޭފުޅުން މެންދުރު ނަމާދުވެސް ނުކުރޭ،"

ޑރ. ޒިޔާދު ވިދާޅުވީ އީދު ދުވަސް ހުކުރު ދުވަސް ކަމަށް ވެެއްޖެނަމަ، ހުކުރު ނަމާދު ކުރުމާ ބެހޭގޮތުން އިސްލާމް ދީންގެ އެންމެ ފުންނާބު އުސް އިލްމުވެރިން އެކަމުގައި މަޝްވަރާކޮށް ހުކުމްތަކެއް ނެރެފައިވާ ކަމަށެވެ. އަދި އެ ކަމުގައި ޝާފިއީ، މާލިކީ އަދި ހަނަފީ މަޒްހަބުގައިވެސް އީދު ދުވަސް ހުކުރު ދުވަހާ ދިމާވި ނަމަވެސް ހުކުރު ނަމާދު ވާޖިބުވާނެ ކަމަށް އިލްމުވެރިން ވިދާޅުވެފައިވާ ކަމަށް ޑރ. ޒިޔާދު ވިދާޅުވިއެވެ.

ހަންބަލީ މަޒްހަބުގައި އެކަން އޮންނަނީ އިޚްތިޔާރީކަމެއްގެ ގޮތުގައި ނަމަވެސް، އެންމެ ރަނގަޅު އަދި އެންމެ އައުލާކަން ބޮޑީ ހުކުރު ނަމާދަށް ދިއުން ކަމަށްވެސް ޑރ. ޒިޔާދު ވިދާޅުވިއެވެ.

comment ކޮމެންޓް