ދެކޮރެޔާގެ އަސްކަރީ ފަންނީ މަސްއޫލުވެރިން ބައްދަލުކުރައްވައިފި

ދެކޮރެޔާގެ އަސްކަރީ މަސްއޫލުވެރިން ބައްދަލުކުރައްވަނީ

ޕިޔޮންގްޔަންގް (ޖޫން 14) : އުތުރުކޮރެޔާ އާއި ދެކުނު ކޮރެޔާގެ ފަންނީ ފެންވަރުގެ އަސްކަރީ މަސްއޫލުވެރިން ބައްދަލުކުރައްވައިފި އެވެ.

ދެކޮރެޔާ ދެމެދުގައިވާ ހަތިޔާރު ގެންގުޅުން މަނާ ސަރަހައްދުގައި ބޭއްވި މިބައްދަލުވުމުގައި ދެކޮރެޔާއިން ވެސް ބައިވެރިވެ ވަޑައިގެންފައި ވަނީ އެދެގައުމުގެ ދިފާއީ ވުޒާރާ އާއި ސިފައިންގެ މުއަސަސާގެ ފަންނީ ބޭފުޅުންނެވެ. މިބައްދަލުކުރެއްވުމުގެ ބޭނުމަކީ ދެކޮރެޔާ އިން ސުލްޙައިގެ މުއާހަދާއެއްގައި ސޮއިކުރުމަށް ޓަކައި ވާންޖެހޭ ތައްޔާރީތައް ވުމާއި އެކަމަށްޓަކައި ކުރަން ޖެހޭ ފަންނީ ކަންކަމާބެހޭ ގޮތުން މަޝްވަރާކޮށް އެކަންކަން ތަންފީޒުކުރުން ކަމަށް ދެކޮރެޔާގެ މީޑިއާ ބުނެ އެވެ.

މިއީ ފާއިތުވި 10 އަހަރު ތެރޭގައި ދެކޮރެޔާ ދެމެދުގައި ބޭއްވި އަސްކަރީ ފަންނީ އެންމެ މަތީ ބައްދަލުވުމެވެ. މިބައްދަލުވުމަށް މަގުފަހިވެގެން ދިޔައީ ދެކުނު ކޮރެޔާ ގުޅިގެން ދެކުނު ކޮރެޔާގެ ބިމުގައި ޒަމާނުއްސުރެ އެމެރިކާ ކުރިޔަށްގެންދާ އަސްކަރީ ތަމްރީންތައް ހުއްޓާލުމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ނިންމެވި ނިންމެވުމުގެ ސަބަބުންނާއި ދެކޮރެޔާ ދެމެދުގައި ރަސްމީ ސިފައެއްގައި ސުލްހަ ގާއިމް ކުރުމަށް އުތުރުކޮރެޔާގެ ޒައީމް ކިމް ޖޮންގް އުން އާއި ދެކުނު ކޮރެޔާގެ ރައީސް މޫންޖީ އިން މިދިޔަ އެޕްރީލް މަހު ބައްދަލުކުރައްވައި އެކަމަށް އެއްބަސްވެ ވަޑައިގަތުމުންނެވެ.

މިދިޔަ އަންގާރަ ދުވަހު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި އުތުރުކޮރެޔާގެ ޒައީމް ކިމް ޖޮންގް އުން ސިންގަޕޫރުގައި ބޭއްވި ސަމިޓް ބައްދަލުވުމުގައި އުތުރު ކޮރެޔާ ވަނީ ކޮރެޔަން ޕެނިންސިއުލާ އަކީ ނިއުކްލިޔާ ހަތިޔާރުން ސަލާމަތްވެފައިވާ ސަރަހައްދަކަށް ހެދުމަށް އެއްބަސްވެ ވަޑައިގެންފަ އެވެ. ނަމަވެސް ޓްރަމްޕާއި ކިމް ސިންގަޕޫރުގައި ސޮއިކުރެއްވި އެއްބަސްވުމުގައި އުތުރު ކޮރެޔާގައިވާ ނިއުކުލިއާ ހަތިޔާރުތަކާއި ބަލިސްޓިކް މިސައިލްތައް ނައްތާލުމާ ބެހޭ ވާހަކައެއް އަދި އުތުރު ކޮރެޔާ ނިއުކްލިޔާ ފެތުރުން މަނާކުރާ މުއާހަދާގައި ބައިވެރިވުމުގެ ވާހަކައެއް ވެސް ނެތެވެ.

އެެހެން ނަމަވެސް ސަމިޓަށްފަހު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އުތުރުކޮރެޔާއަކީ މިހާރު އެމެރިކާއަށް ކުރިމަތިވެފައިވާ ނިއުކްލިޔާ ބިރެއް ނޫންކަމަށް ވިދާޅުވެ ވާހަކަ ދައްކަވައިފަ އެވެ. (ނޫސްއެޖެންސީތައް)

comment ކޮމެންޓް