ގެއްލުމުގެ ބަދަލުގެ ގޮތުގައި ވިލާ އިން 110 މިލިއަން ޑޮލަރު ހޯދަން އޭސީސީން އަންގައިފި

އޭސީސީގެ ރައީސް ހަސަން ލުތުފީ އާއި ބައެއް މެމްބަރުން

ވިލާ ގްރޫޕްގެ އެކި ކުންފުނިތަކަށް ޓޫރިސްޓް ރިސޯޓު ތަރައްގީ ކުރަން ދޫކޮށްފައިވާ ރަށްތަކާއި ފަޅުތަކާއި ފިނޮޅުތަކާ ގުޅިގެން ސަރުކާރުން އެ ކުންފުނިތަކަށް ދިން ލުއިތަކުގެ ސަބަބުން ދައުލަތަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި 110 މިލިއަން ޑޮލަރު (1.69 މިލިއަން ރުފިޔާ) ހޯދަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޓޫރިޒަމް މިނިސްޓްރީއަށް އަންގައިފި އެވެ.

ވިލާއަށް ދޫކުރި ރަށްތަކާއި ފަޅުތަކާއި ފިނޮޅުތަކާ ގުޅިގެން ބޮޑެތި ލުއިތަކެއް ދޭންޖެހޭ ގޮތަށް ސަރުކާރުން ސެޓްލްމެންޓް އެގްރީމެންޓެއް ހެދީ 2013 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ.

އެ މައްސަލައާ ގުޅިގެން އޭސީސީ އިން ވަނީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާ ސުވާލުކޮށް އޭނާގެ ތަހުގީގެއް ހިންގައިފަ އެވެ. އަދި މިހާރު އެ ކޮމިޝަނުން ވަނީ އެއީ އަދީބު ހިންގެވި ކޮރަޕްޝަންގެ އަމަލެއް ކަމަށް ތަހުގީގަށް ސާބިތުވާ ކަމަށް ކަނޑައަޅައި، ދައުވާ ކުރުމަށް އެދި ޕީޖީ އޮފީހަށް ފޮނުވަން ނިންމައިފަ އެވެ.

ސަރުކާރުން ވިލާއަށް ލުއިގޮތްތަކެއް ހަމަޖެއްސީ ވިލާ ގްރޫޕްގެ ޗެއާމަން ގާސިމް އިބްރާހީމްގެ ކޮއްކޮއެއް ކަމަށްވާ އަލީ އިބްރާހީމަށް ދައުލަތުން 9.7 މިލިއަން ޑޮލަރު ދައްކަންޖެހުމުން، އެކަމާ ގުޅިގެން ދެ ފަރާތުން އެއްބަސްވާ ގޮތަށް ލުއި ގޮތްތަކެއް ހަމަޖެއްސުމަށެވެ.

އެ އެއްބަސްވުންތައް ސަރުކާރުން ބާތިލްކުރުމުން ސިވިލް ކޯޓުން ވަނީ އެ އެއީ ގާނޫނާ ޚިލާފަށް ކުރި ކަމެއް ކަމަށް ކަނޑައަޅައިފަ އެވެ. ސިވިލް ކޯޓުގެ ހުކުމަށް ސުޕްރީމް ކޯޓުން ވަނީ ތާއީދުކޮށްފަ އެވެ.

އެ މައްސަލާގައި އޭސީސީން ނިންމި ނިންމުމުގައި ވަނީ ހަ ތަނެއްގެ ކުލީގެ ގޮތުގައި ލިބެން ޖެހޭ 95 މިލިއަން ޑޮލަރު އެ އެއްބަސްވުންތަކުގެ ދަށުން ފަސް ކޮށްފައިވާ ކަމަށެވެ. އަދި އެތަންތަނުގެ މުއްދަތު އިތުރު ކުރުމުން ދޭންޖެހޭ ފީގެ ގޮތުގައި ލިބެން ޖެހޭ އިތުރު 15 މިލިއަން ޑޮލަރު ދައުލަތަށް ނުލިބިވާ ކަމަށް އޭސީސީން ވަނީ ނިންމައިފަ އެވެ.

ޓޫރިޒަމް ގާނޫނު އޭރު އޮތް ގޮތުން ބިމެއް ނުވަތަ ރަށެއްގެ ކުލީގެ މުއްދަތު އިތުރުކޮށް ދެވެނީ އަހަރަކަށް އެއް ލައްކަ ޑޮލަރުގެ ފީއެއް ނެގުމަށް ފަހު ކަމަށް އޭސީސީގެ ނިންމުމުގައިވެ އެވެ.

އޭސީސީގެ ނިންމުމުގައި ވަނީ ސެޓްލްމަންޓް އެއްބަސްވުންތަކުގެ ދަށުން އެ ތަންތަނުގެ ކުލީގެ މުއްދަތު 50 އަހަރަށް އިތުރުކުރީ ފީ ނުނަގައި ކަމަށެވެ.

ހަމައެހެންމެ އެތަންތަން ތަރައްގީކޮށް ހުޅުވަން ޖެހޭ ތާރީޚު ބަދަލުކޮށްފައިވަނީ ވެސް އެ ފީ ނެގުމެއް ނެތި 50 އަހަރަށް އެތަންތަން ދިނުމުގެ ބޭނުމުގައި ކަމަށް އެ ކޮމިޝަންގެ ނިންމުމުގައި ވަނީ ބަޔާންކޮށްފަ އެވެ.

comment ކޮމެންޓް