ހުރިހާ މެޗަކުން މޮޅުވެ ވެލެންސިއާއިން ވެޓެރަންސް ކަޕް އުފުލާލައިފި

ވެލެންސިއާއިން ވެޓެރަންސް ކަޕްގެ ތަށި އުފުލާލަނީ --- ފޮޓޯ/ ސޮކާ މޭޓްސް

ރަމަޟާން ވެޓެރަންސް ކަޕްގައި ކުޅުނު ހުރިހާ މެޗެއްވެސް ކާމިޔާބުކޮށް، ކްލަބު ވެލެންސިއާއިން ޗެމްޕިއަންކަން ހޯދައިފިއެވެ.

މިއަދުގެ ފައިނަލް މެޗުގައި ވެލެންސިއާއިން ނުކުތީ މިދިޔަ ދެ އަހަރުގެ ޗެމްޕިއަން ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ. ސެމީ ފައިނަލް ޕްލޭ އޯފްގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބު ބަލިކޮށް، ނިއުއިން ފައިނަލަށް ދަތުރުކޮށްފައިވާ އިރު، މިއަދު ކުޅުނު ފައިނަލްގައި ވެލެންސިއާއިން ނިއުގެ މައްޗަށް ކުރި ހޯދީ 4-0ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.

މެޗުގައި ވެލެންސިއާގެ ހަތަރު ގޯލްގެ ތެރެއިން ދެ ގޯލް ކާމިޔާބުކުރީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި މުހުތާރު ނަސީރު (ޓޫކިލޯ) އެވެ. ވެލެންސިއާގެ އަނެއް ދެ ގޯލް ކާމިޔާބުކުރީ ޑިފެންޑަރު ސޮބާހު މުހައްމަދު (ސޮބާ) އަދި އިސްމާއިލް މުހައްމަދު (އިއްސެ) އެވެ.

މިއަދުގެ މެޗުގެ 45 އަހަރުން މަތީގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި ވަނީ ވެލެންސިއާގެ އަބްދުﷲ އިބްރާހީމެވެ.

މިއަދުގެ މެޗަށްފަހު މިއަހަރުގެ ވެޓެރަންސް ކަޕްގެ އެކި އެކި މަގާމުތަކަށް ހޮވުނު ފަރާތްތަކަށް ޓްރޮފީ ހަވާލުކޮށްފައިވާ އިރު، ޗެމްޕިއަން ޓީމަށް ވަނީ ޓްރޮފީއާއި މެޑަލް ދީފައެވެ.

މުބާރާތުގެ 35 އަހަރުން މަތީގެ މޮޅު ކުޅުންތެރިއަކަށް މުހުތާރު ނަސީރު (ޓޫކިލޯ) ހޮވިފައިވާ އިރު، 50 އަހަރުން މަތީގެ ވެޓެރަންސް ސްޓާ އަކަށް ހޮވިފައި ވަނީ ވެލެންސިއާގެ އަބްދުލް ރައްޒާގު ޔޫސުފެވެ.

އުމުރުން 40 އަހަރުން މަތީގެ އެންމެ މޮޅު ކީޕަރަކަށް މާޒިޔާގެ މުހައްމަދު ޝިނާން (ނާނި) ހޮވިފައިވާ އިރު، އެންމެ މޮޅު ޑިފެންޑަރަކަށް ހޮވިފައި ވަނީ ވެލެންސިއާގެ ފަހަތުން މުހިއްމު ކުޅުމެއް ދެއްކި މުހައްމަދު ޖަމީލް (ޖަމްބެ) އެވެ. މުބާރާތުގެ އެންމެ މޮޅު މިޑްފީލްޑަރަކަށް ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުގެ މުހައްމަދު ޒިޔާދު ހޮވިފައިވާ އިރު، މުބާރާތުގެ އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާ އަދި އެންމެ މޮޅު ފޯވަޑަށް ހޮވިފައި ވަނީ ނިއުގެ ފޯވަޑް އަލީ ޝަމީމް (އައްޔަ) އެވެ.

މުބާރާތުގެ އެންމެ މޮޅު ކޯޗަކަށް ނިއުގެ ކޯޗު އަހުމަދު ނިޔާޒު ހޮވިފައިވާ އިރު، ފެއާޕްލޭ ކުޅުންތެރިއަކީ އަސްހަދު އަބްދުލްޣަނީއެވެ. ފެއާޕްލޭ ޓީމަކަށް ހޮވުނީވެސް ޗެމްޕިއަން ވެލެންސިއާއެވެ.

އުމުރުން 35 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން މޯލްޑިވްސް ސޮކާ މޭޓްސް (އެމްއެސްއެމް) އިން ކުރިއަށްގެންދާ ވެޓެރަންސް ކަޕުން ރާއްޖޭގެ ކުރީގެ ގިނަ ތަރިންތަކެއް ފެނިގެންދާ އިރު، މިއަހަރުގެ މުބާރާތުގައި ހަތް ޓީމަކުން ވާދަކޮށްފައިވެއެވެ.

comment ކޮމެންޓް