ލެމާގެ ސޮއި ހޯދުމަށް އެތުލެޓިކޯ މެޑްރިޑުން އެއްބަސްވެއްޖެ

މޮނާކޯގެ ފޯވަޑް ތޯމަސް ލެމާގެ ސޮއި ހޯދުމަށް އެތުލެޓިކޯ މެޑްރިޑުން ޕްރިލިމިނަރީ އެއްބަސްވުމަކަށް އައިސްފައިވާ ކަމަށް ކްލަބުން ބުނެފިއެވެ.

އެންމެފަހުން ތިން ސީޒަންގައިވެސް މޮނާކޯގައި މޮޅު ކުޅުމެއް ދެއްކި ލެމާ ވަނީ އޭގެ ކުރިން ކައުއެން އަށްވެސް ކުޅެފައެވެ. އަދި މިފަހަރު ވޯލްޑް ކަޕަށް ދިޔަ ފްރާންސްގެ ސްކޮޑުގައިވެސް ލެމާ ހިމެނިފައިވެއެވެ.

މިދިޔަ ފިނި މޫސުމުގެ ޓްރާންސްފާގައި އާސެނަލުންވެސް ލެމާގެ ސޮއި ހޯދަން މަސައްކަތް ކޮށްފައިވާ އިރު، އޭގެ ކުރިން އޭނާއަކީ ލިވަޕޫލްގެވެސް ޓާގެޓެކެވެ. އަދި އޭގެ އިތުރުންވެސް ޔޫރަޕްގެ ވަރުގަދަ ކްލަބުތަކުން ލެމާ ގެންދިއުމަށް ވަނީ އެކިފަހަރު މަތިން މަސައްކަތް ކޮށްފައެވެ.

"ކުރިއަށް އޮތް ދުވަސްތަކުގައި ދެޓީމުން އެއްކޮށް ވާހަކަ ދައްކައިގެން ޓްރާންސްފާގެ ކަންތައް ނިންމާނެ،" ލެމާގެ ޓްރާންސްފާއާ ގުޅިގެން އެތުލެޓިކޯ މެޑްރިޑުން ބުނެފައިވެއެވެ.

މޮނާކޯއަށް ލެމާ ކުޅުނު 123 މެޗުން އޭނާ ވަނީ 22 ގޯލް ޖަހައިފައެވެ. އަދި އޭނާ ވަނީ މިނާކޯއާއެކު ފްރާންސް ލީގު އުފުލާލައި 2016-17 ވަނަ އަހަރުގެ ސީޒަންގައި ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލަށްވެސް ދަތުރުކޮށްފައެވެ. ލެމާ ފުރަތަމަ ފަހަރަށް ފްރާންސް ގައުމީ ޓީމަށް މެޗެއް ކުޅެފައި ވަނީ 2016 ވަނަ އަހަރުގައެވެ. މިހާތަނަށް ފްރާންސް ގައުމީ ޓީމާއެކު 12 މެޗު ކުޅެ، ލެމާ ވަނީ ތިން ގޯލް ޖަހައިފައެވެ.

ލެމާގެ ޓްރާންސްފާއާއެކު އެތުލެޓިކޯ މެޑްރިޑުން އަންނަ ސީޒަންގައި އެންޓޮއިން ގްރީޒްމަން ދޫކޮށްލާނެ ކަމަށްވެސް ބައެއް މީޑިއާތަކުން ބުނެއެވެ. ބާސެލޯނާއާއި މެންޗެސްޓާ ޔުނައިޓެޑުންވެސް ގްރީޒްމަން ގެންދިއުމަށް އަންނަނީ ފާރަލަމުންނެވެ.

comment ކޮމެންޓް