މައުމޫނާއި ދެ ފަނޑިޔާރުންގެ މިއަދުގެ އަޑުއެހުން ކެންސަލް ކޮށްފި

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު މުހައްމަދު

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު މުހައްމަދުގެ ފޯނު ފުލުހުންގެ ތަހުގީގަށް ނުދިން މައްސަލައިގައި ކުރި ދައުވާގެ، މިއަދަށް ތާވަލްކުރި އަޑުއެހުން ކެންސަލް ކޮށްފިއެވެ.

އެ މައްސަލައިގައި އެ ތިން ބޭފުޅުންގެ މައްޗަށް ވެސް އުފުލާފައި ވަނީ އަދުލު އިންސާފު ގާއިމް ކުރުމަށް ހުރަސް އެޅުމުގެ ދައުވާއެވެ. މިރޭ 11:00 ގައި ބޭއްވުމަށް ތާވަލުކުރި އަޑުއެހުން ކެންސަލް ކުރި ސަބަބެއް ކްރިމިނަލް ކޯޓުން ހާމަކޮށްފައެއް ނުވެއެވެ.

މިމައްސަލައިގައި އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ދައުލަތުގެ ފަރާތުން ހުށަހެޅި ފަސް ހެއްކެއް ނަގާފައިވާއިރު ދިފާއުގައި ހުށަހަޅައިފައިވާ ހެކިތަށް ނުނެގުމަށް ގާޒީ ހަސަން ނަޖީބް ވަނީ ނިންމަވައިފައެވެ.

ވަކީލަކާ ނުލައި އަޑުއެހުންތައް ކުރިއަށް ގެންދާތީ ތިން ބޭފުޅުން ވެސް ވަނީ ހެއްކަށް ޖަވާބު ދާއިރީވާން ބޭނުންވަނީ ވަކީލަކާ އެކުގައި ކަމަށް ބުނެފައެވެ.

ޖަވާބުގައި ގާޒީ ހަސަން ނަޖީބު ވިދާޅުވީ، ވަކީލަކު އައްޔަނުކުރުމުގެ ފުރުސަތު ހަނި ނުކުރާކަމަށާއި ވަކީލަކު އައްޔަނު ކުރުމުގެ ފުރުސަތު އަބަދުވެސް އޮންނާނެ ކަމަށެވެ.

comment ކޮމެންޓް