ފައިނަލްގެ ދެވަނަ ޖާގަ އެންމެފަހުގެ ޗެމްޕިއަން ނިއުއަށް

ނިއުއާއި މާޒިޔާ ކުޅުނު މެޗެއްގެ ތެރެއިން --- ފޮޓޯ/ މާޒިޔާ

ރަމަޟާން ވެޓެރަންސް ކަޕްގެ ސެމީ ފައިނަލް ޕްލޭ އޯފްގައި ޕެނެލްޓީ ޖަހައިގެން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބު، ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުން ފައިނަލްގެ ފަހު ޖާގަ ހޯދައިފިއެވެ.

އުމުރުން 35 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން މޯލްޑިވްސް ސޮކާ މޭޓްސް (އެމްއެސްއެމް) އިން ކުރިއަށްގެންދާ ވެޓެރަންސް ކަޕުން ރާއްޖޭގެ ކުރީގެ ގިނަ ތަރިންތަކެއް ފެނިގެންދާ އިރު، މިއަހަރުގެ މުބާރާތުގައި ހަތް ޓީމަކުން ވާދަކުރެއެވެ. އޭގެ ތެރެއިން ދެވަނަ ބުރަށް ގޮސްފައި ވަނީ ފަސް ޓީމެކެވެ.

ދެވަނަ ބުރުގައި ލީގު އުސޫލުން ކުޅެ ތާވަލުގެ އެއްވަނަ ހޯދައިގެން ކްލަބު ވެލެންސިއާ އެއްކޮޅުން ފައިނަލަށް ގޮސްފައިވާ އިރު، ސެމީ ފައިނަލަށް ގޮސްފައި ވަނީ ތާވަލުގެ ދެވަނައިގައި އޮތް މާޒިޔާއާއި ތިން ވަނައިގައި އޮތް ނިއުއެވެ.

އިއްޔެ ހަވީރު އެއް ނަންބަރު ޓާފް ދަނޑުގައި ކުޅުނު ސެމީ ފައިނަލް މެޗުގެ ފުރިހަމަ ވަގުތު ހަމަވި އިރު، ދެ ޓީމު އޮތީ 1-1ގެ ނަތީޖާއަކުން އެއްވަރުވެފައެވެ. މެޗުގެ ފުރަތަމަ ހާފްގައި ލިބުނު ހިލޭ ޖެހުމަކުން އަލީ ޝަމީމް (އައްޔަ) ނިއުއަށް ލީޑު ނަގައިދިން އިރު، ދެވަނަ ހާފްގައި މާޒިޔާއަށް ނަތީޖާ ހަމަހަމަ ކޮށްދިނީ އިސްމާއީލް މުހައްމަދެވެ.

މެޗުގެ ނަތީޖާ ނެރުމަށް ޖެހި ޕެނެލްޓީގައި 4-2ގެ ނަތީޖާއަކުން ނިއުއިން މާޒިޔާ ބަލިކުރި އިރު، ނިއުގެ ކީޕަރު އިސްހާގު އީސާ ވަނީ ދެ ޕެނެލްޓީ ދިފާއުކޮށްފައެވެ. މާޒިޔާގެ ކެޕްޓަން އަހުމަދު ނާޒު (އާކޭ)ގެ ޕެނެލްޓީގެ އިތުރުން މުހައްމަދު މުހާޒުގެ ޕެނެލްޓީވެސް އިސްހާގު ވަނީ ދިފާއުކޮށްފައެވެ. މާޒިޔާއިން އެންމެ ފަހު ޕެނެލްޓީ ޖެހި މުހައްމަދު އަބްދުﷲ ޖެހި ޕެނެލްޓީ ދިޔައީ ގޯލްގެ ހުރަސް ދަނޑިމަތިން ބޭރަށެވެ.

ނިއުއަށް ޕެނެލްޓީ ކާމިޔާބުކޮށްދީފައި ވަނީ އައްޔަގެ އިތުރުން މައުސޫމް އަބްދުލްޣަފޫރު (މާސޭ)ގެ އިތުރުން މުހައްމަދު ޒިޔާދެވެ. މާޒިޔާއަށް މެޗުގައި ޕެނެލްޓީ ކާމިޔާބުކޮށްދިނީ ހަމައެކަނި އަބްދުލް ވާހިދު މުހައްމަދެވެ.

އިއްޔެގެ މެޗުގެ މޮޅު ކުޅުންތެރިއަކަށް މާޒިޔާގެ އާކޭ ހޮވުނު އިރު، 45 އަހަރުން މަތީގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި ވަނީ ނިއުގެ އަޝްރަފު ލުތުފީ (ސަންޕަތު) އެވެ.

މިހާތަނަށް މުބާރާތުގައި ކުޅުނު ހުރިހާ މެޗަކުންވެސް މޮޅުވެފައިވާ ވެލެންސިއާއާ ދެކޮޅަށް މިދިޔަ ދެ އަހަރުގެ ޗެމްޕިއަން ނިއުއިން ނުކުންނާނީ މާދަމާ ހަވީރު 4:15 ގައެވެ.

comment ކޮމެންޓް