އެސްޓީއޯ މާލޭ ލީގުގެ ދެވަނަ ބުރުގައި މިރޭ ކުޅުނު މެޗުގައި ކްލަބު ގްރީން ސްޓްރީޓްސް ބަލިކޮށް، ކްލަބުން ވެލެންސިއާއިން ލީގުގައި ހޯދި ފުރަތަމަ މޮޅު ހޯދައިފިއެވެ.
ގައުމީ ދަނޑުގައި މިރޭ ކުޅުނު މެޗުން ވެލެންސިއާ މޮޅުވީ 2-1ގެ ނަތީޖާއަކުންނެވެ. މިރޭގެ މެޗަށް ނުކުތްއިރުވެސް ގްރީނަށް ގަދަ ހައެއް ޔަގީން ވެފައި އޮތް އިރު، އެޓީމުން ނުކުތީ ބަދަލުތަކަކާއެކުގައެވެ. އެގޮތުން ލީގުގައި ގްރީންއަށް ގިނަ ގޯލްތަކެއް ޖަހައިދިން ބިދޭސީ ފޯވަޑް ރޮލެންޑް ރަސެލްގެ ބަދަލުގައި ފުރަތަމަ 11އިން ފެނުނީ ޒުވާން ކުޅުންތެރިޔާ އަބްދުﷲ ޔާމީންއެވެ.
މިރޭގެ މެޗަށް ނުކުތް އިރު، މިހާތަނަށް ލީގުގައި ކުޅުނު 12 މެޗުން މޮޅެއް ނުލިބި، އެއް ޕޮއިންޓާއެކު ތާވަލުގެ ފުލުގައި އޮތް ވެލެންސިއާއަށް ރެލިގޭޝަން ޕްލޭ އޯފް ކުޅެން ޖެހޭނެކަން އޮތީ ޔަގީން ވެފައެވެ. މާލޭ ލީގުގައި ބާކީ އެންމެ މެޗެއް އެޓީމަށް އޮތް އިރު، މިރޭގެ މެޗުން މޮޅުވުމަކީ ރެލިގޭޝަން ޕްލޭ އޯފްއަށް ދާއިރު، ލިބޭނެ ހިތްވަރެކެވެ.
މެޗު ފެށިގެން ގްރީންއިން ރަނގަޅަށް ކުޅުނު ނަމަވެސް، މެޗުގެ 14 ވަނަ މިނެޓުގައި ވެލެންސިއާގެ ފުރަތަމަ ހަމަލާއާއެކު އެޓީމު ވަނީ ލީޑު ނަގައިފައެވެ. ގްރީންގެ ޑިފެންސާއި ކީޕަރާ ދޭތެރެއަށް ވެއްޓުނު ބޯޅައެއްގައި، ކީޕަރު ކުރިއަށް ނުކުތް ނަމަވެސް، އޭނާއަށްވުރެ ކުރިން ބޯޅަ ހޯދައި، އެ ބޯޅަ ގޯލަށް ފޮނުވާލައިގެން ވެލެންސިއާއަށް ލީޑު ނަގައިދިނީ ބިދޭސީ ފޯވާޑް ސާގީ ޑްރީގާއެވެ.
ވެލެންސިއާގެ ގޯލަށްފަހު ގްރީނުން ކުރިއަށް ޖެހިގެން ކުޅުނު އިރު، ވެލެންސިއާއިން ކުޅެފައި ވަނީ ޑިފެންސަށް ވަރަށް ބޮޑަށް ފައިބައިގެންނެވެ. ފުރަތަމަ ހާފްގައި ގްރީންއިން ގިނަ ވަގުތު ބޯޅަ ގެންގުޅުނު ނަމަވެސް، އެޓީމަށް އެންމެ އެދެވޭ ހަމަލާތަކެއް އުފެއްދިފައެއް ނުވެއެވެ. ގްރީންގެ އަރިމަތިން ކުޅެމުން ދިޔަ އިބްރާހީމް ރިޒުހާން (ރިޒުއްކޮ) އުފެއްދި ހަމަލާގެ އިތުރުން ހާފް ނިމެން ދަނިކޮށް ވެލެންސިއާގެ އަންސަރު އިބްރާހީމް (އަންކޮ) ގެ ހަމަލާއާކު ފުރަތަމަ ހާފް ނިމުނީ މާ ގިނަ ހަމަލާތަކެއް ނުފެނިއެވެ.
ދެވަނަ ހާފްވެސް ގްރީންއިން ވަރުގަދަކޮށް ފެށި އިރު، ދެވަނަ ހާފްގެ ފުރަތަމަ މިނެޓްގައި ގްރީންއަށް ވަނީ ނަތީޖާ ހަމަހަމަ ކުރުމަށް ރަނގަޅު ފުރުސަތެއް ލިބިފައެވެ. ރިޒުއްކޮ ނަގައިދިން ހުރަސް އަހުމަދު ރިލުވާން ފޮނުވާލި ނަމަވެސް، ހުރަހަކަށްވީ ވެލެންސިއާގެ ކީޕަރު ޖުން ކޮޗީއެވެ.
ގްރީންއިން ކުރިއަށް ޖެހިގެން ކުޅުމުގެ ފައިދާ ނަގައި، ވެލެންސިއާއިން އެޓީމުގެ ދެވަނަ ގޯލް ޖެހީ ކައުންޓާ އެޓޭކް ފުރުސަތެއްގައެވެ. ގްރީންގެ ވާތް ފަޅިން ފަހަތަށް ކުޅެމުންދިޔަ އަލީ ސަމްދޫހް ކައިރިން ނައްޓާލުމަށްފަހު އޭރިއާ ތެރެއަށް ވަދެ، ވެލެންސިއާގެ ފުރަތަމަ ގޯލް ޖެހި ސާޖީ ނަގައިދިން ބޯޅަ، އޭރިއާ ތެރޭގައި ހުސްކޮށް އޮވެ ގޯލަށް ފޮނުވާލީ އަންކޮއެވެ.
ވެލެންސިއާއިން ދެ ގޯލްގެ ލީޑަކާއެކު ވަރަށް ބޮޑަށް ޑިފެންސިވް ގޭމެއް ކުޅުމުންދިޔަ އިރު، ގްރީންއަށް އެޓޭކް އުފައްދަން އުނދަގޫވެގެން ދިޔައެވެ. އެޓީމުން ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނު ނަމަވެސް އެންމެ އެދެވޭ ހަމަލާތަކެއް އުފެއްދިފައެއް ނުވެއެވެ. ދެވަނަ ހާފްގައި ގްރީންގެ ބިދޭސީ ކުޅުންތެރިޔާ ރޮލެންޑް ރެސެލްވެސް ކުޅެން ނުކުމެފައިވާ އިރު، މެޗުގައި ގްރީންގެ ހަމައެކަނި ގޯލްވެސް ޖެހީ އޭނައެވެ.
މެޗުގެ 89 ވަނަ މިނެޓުގައި އަސްހަދު އަލީ (އަޑުބަރޭ) ނަގައިދިން ހުރަސް ރަސެލް ގޯލަށް ފޮނުވާލީ ބޮލުންނެވެ. އޭގެ ފަހުން މެޗުގެ ފަހު ވަގުތުގައިވެސް ގްރީންއަށް ވަނީ ނަތީޖާ ހަމަހަމަ ކުރުމަށް ރަނުގެ ފުރުސަތެއް ލިބިގެން ގޮސްފައެވެ. ވެލެންސިއާ އޭރިއާ ތެރޭގައި ހުސްކޮށްހުރެ އަޑުބަރޭ ފޮނުވާލި ހަމަލާ މަޑު މަޑުން ތިރި ތިރިން ދިޔަ އިރު، އެ ހަމަލާގެ ހުރަހަކަށްވީ ވެލެންސިއާގެ ޖަޕާން ކީޕަރު ކޮޗީއެވެ.
މެޗުން މޮޅުވެ، 13 މެޗުން ވެލެންސިއާއަށް ލިބިފައި ވަނީ ހަތަރު ޕޮއިންޓެވެ. ހަވަނައިގައި އޮތް ގްރީންއަށް ލިބިފައި ވަނީ 13 މެޗުން 14 ޕޮއިންޓެވެ.
މިރޭގެ މެޗަކީ މާލޭ ލީގުގެ 13 ވަނަ ހަފްތާގެ ފަހު މެޗެވެ. ދެން އޮންނާނީ ލީގުގެ ފަހު ހަފްތާގެ ކުޅުމެވެ. ލީގުގެ ފަހު ހަފްތާގެ ކުޅުން ފަށާނީ އަންނަ ހޯމަ ދުވަހު ހަވީރު ޔުނައިޓެޑް ވިކްޓަރީއާއި ވެލެންސިއާ ވާދަކުރާ މެޗުންނެވެ.