އުނގޫފާރު ފަޅުތެރޭގައި އޮތް ތެޔޮ ބޯޓެއްގައި އެއްޗެއް ގޮވައި މީހަކު ފިހިއްޖެ

ރ.އުނގޫފާރު ފަޅުތެރޭގައި އޮތް ހޯކްސް ކުންފުނީގެ ތެޔޮ ބޯޓެއްގައި އެއްޗެއް ގޮވައި މީހެއްގެ ހަށިގަނޑު ފިހިފައި --- ފޮޓޯ/ މީސް މީޑިއާ

ރ. އުނގޫފާރު ފަޅުތެރޭގައި އޮތް ހޯކްސް ކުންފުނީގެ ތެޔޮ ބޯޓެއްގައި އެއްޗެއް ގޮވައި އޭގައި ހުރި މީހަކު ވަރަށް ބޮޑަށް ފިހިއްޖެއެވެ.

ރ. އަތޮޅު ކައުންސިލްގެ ނައިބު ރައީސް އަބްދުﷲ ހުސައިން މިރޭ "ސަން"އަށް ވިދާޅުވީ އެފަދަ ހާދިސާއެއް ހިނގައިގެން އުޅޭ ކަމަށާއި މިހާރު އެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

އޭނާ ވިދާޅުވީ އެ ހާދިސާގައި ފިހިފައި ވަނީ ސްރީލަންކާގެ މީހެއް ކަމަށެވެ.

އުނގޫފާރުން ވާހަކަ ދެއްކި މީހަކު ބުނީ މިރޭ އިޝާނަމާދަށް ފަހު އެރަށު ބަނދަރުގައި އޮތް ތެޔޮ ބޯޓެއްގައި އެއްޗެއް ގޮވައިގެން މީހަކަށް އަނިޔާވެފައިވާ ކަމަށާއި އޭނާ މިހާރު އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ.

އެމީހާ ބުނީ ތެޔޮ ބޯޓުގައި އެއްޗެއް ގޮވި ވަގުތު ވަރަށް ބާރު އަޑުފައްގަނޑެއް އިވުނު ކަމަށެވެ.

"ސަން"އަށް އެނގިފައިވާ ގޮތުގައި ޒަޚަމްވި މީހާގެ ހަށިގަނޑުގެ 40 ޕަސެންޓް ވަނީ ފިހިފައެވެ.

ފުލުހުންގެ މީޑިއާ އޮފިސަރު މިރޭ ވިދާޅުވީ އެފަދަ މައުލޫމާތެއް ލިބިގެން ފުލުހުން ހަރަކާތްތެރިވަމުންދާ ކަމަށާއި އަނިޔާވި މީހާއަށް ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމަށެވެ.

އެމްއެންޑީއެފް ގެ މީޑިއާ އޮފިސަރު ވިދާޅުވީ ބޯޓުގައި އަލިފާން ރޯވި ކަމުގެ މައުލޫމާތު ލިބުނީ މިރޭ 9:02 ހާއިރު ކަމަށާއި އަލިފާން ނިއްވީ ބޯޓުގައި ތިބި ފަޅުވެރިން އަލިފާން ނިއްވި ބޭނުންކޮށްގެން ކަމަށެވެ. އަދި ވިދާޅުވީ އަލިފާން ރޯވީ ޖަނަރޭޓަރު ގައި ކަމަށެވެ.

comment ކޮމެންޓް