ސްޕެއިން ފަހުވަގުތު ޓިއުނީޝިއާ ބަލިކުރި އިރު، އެމެރިކާއިން ފްރާންސް ހިފަހައްޓައިފި

ފްރާންސާއި އެމެރިކާ ރޭ ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ/ އޭޕީ

ވޯލްޑް ކަޕަށް ތައްޔާރުވުމުގެ ގޮތުން ސްޕެއިން އިން ކުޅުނު އެކުވެރިކަމުގެ އެންމެ ފަހު މެޗުގައި ޓިއުނީޝިއާ ބަލިކުރި އިރު، ވޯލްޑް ކަޕަށް ކޮލިފައިނުވާ ގައުމެއް ކަމަށްވާ އެމެރިކާއިން ގަދަފަދަ ފްރާންސް ހިފަހައްޓައިފިއެވެ.

ރަޝިޔާގައި ސްޕެއިންއާއި ޓިއުނީޝިއާ ރޭ ކުޅުނު މެޗުން ސްޕެއިން މޮޅުވީ 1-0ގެ ނަތީޖާއަކުންނެވެ. މެޗުގައި ސްޕެއިންގެ ހަމައެކަނި ގޯލް، 84 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއް ގޮތުގައި މެޗަށް ނުކުތް އިއޭގޯ އާސްޕާސްއެވެ.

ސްޕެއިންއިން އެންމެފަހުން ކުޅުނު 20 މެޗުންވެސް އެޓީމު ބަލިވެފައި ނުވާ އިރު، މިފަހަރު ވޯލްޑް ކަޕްގެ އެއް ފެވަރިޓުންނަކީވެސް ސްޕެއިންނެވެ.

ސްޕެއިންއާއި ޓިއުނީޝިއާ ވާދަކުރި މެޗުގެ ތެރެއިން --- ފޮޓޯ/ އޭޕީ

ޒުވާން ވަރުގަދަ ސްކޮޑަކާއެކު ވޯލްޑް ކަޕަށް ތައްޔާރުވަމުން އަންނަ ފްރާންސުން ރޭ ކުޅުނު އެކުވެރިކަމުގެ މެޗުގައި އެމެރިކާއާ ވާދަކޮށް، މެޗު ނިމުނީ 1-1ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ.

މެޗު ޑޮމިނޭޓްކޮށްގެން ކުޅުނީ ފްރާންސުން ނަމަވެސް މެޗުގެ ފުރަތަމަ ހާފް ނިމެން ދަނިކޮށް، އެމެރިކާއިން ވަނީ ލީޑު ނަގައިފައެވެ. އެޓީމަށް ލީޑު ނަގައިދިނީ ޖޫލިއަން ގްރީންއެވެ. މެޗުގައި ފްރާންސްއިން ނަތީޖާ ހަމަހަމަ ކުރީ 78 ވަނަ މިނެޓްގައެވެ.

ފްރާންސްގެ ގޯލް އެޓީމަށް ކާމިޔާބުކޮށްދިނީ ޕީއެސްޖީއަށް މި ސީޒަންގައި މޮޅު ކުޅުމެއް ދެއްކި ކިލިއަން އެމްޕާބޭއެވެ.

މެޗުގައި ޕައުލް ޕޮގްބާގެ ހަމަލާއެއް ގޯލްގެ ދަނޑިއަށް އަމާޒުކޮށްލައިފައިވާ އިރު، މިޑްފީލްޑަރު ނެބިލް ފަކީރްގެ ހަމަލާ ދިފާއުކުރީ އެމެރިކާގެ ގޯލްކީޕަރު ޒެކް ސްޓިފަންއެވެ.

އަންނަ ބުރާސްފަތި ދުވަހު ވޯލްޑް ކަޕް ފަށާ އިރު، ފްރާންސް ހިމެނެނީ ގްރޫޕް ސީ ގައެވެ. އެ ގްރޫޕްގައި ފްރާންސްގެ އިތުރުން ދެން ހިމެނެނީ އޮސްޓްރޭލިއާއާއި ޕެރޫ އަދި ޑެންމާކެވެ. ފްރާންސް ވޯލްޑް ކަޕްގައި ކުޅޭ ފުރަތަމަ މެޗު އޮންނާނީ މިމަހު 16 ވަނަ ދުވަހު އޮސްޓްރޭލިއާއާ ދެކޮޅަށެވެ.

ވޯލްޑް ކަޕްގެ ގްރޫޕް ބީގައި ސްޕެއިން ހިމެނޭ އިރު، ދެން އެ ގްރޫޕްގައި ހިމެނެނީ ޕޯޗުގަލްއާއި މޮރޮކޯ އަދި އީރާނެވެ. ސްޕެއިންއިން ވޯލްޑް ކަޕްގައި ކުޅޭ ފުރަތަމަ މެޗުގައި ހުކުރު ދުވަހު ނުކުންނާނީ ޕޯޗުގަލްއާ ދެކޮޅަށެވެ.

comment ކޮމެންޓް