އުރުދުން އަށް އެހީވުމުގެ ނަމުގައި ސައޫދީ އިސްނަގައިގެން މައްކާގައި ސަމިޓެއް ބޭއްވުމުގެ މަގްސަދަކީ ކޮބައިތަ؟

އުރުދުންގެ ރަސްގެފާނު އަބްދުﷲ އާއި ސައޫދީ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް

އުރުދުންއަށް އިގްތިސާދީ ގޮތުން އެހީތެރިވުމަށްޓަކައި ކުވައިތާއި ޔޫއޭއީ ގުޅިގެން ބައްވާ ސަމިޓް މިއަދު އޮންނާނެކަން ސައޫދީ ސަރުކާރުން ވަނީ ކަށަވަރުކޮށްދީފައެވެ.

ސައޫދީ ރަސްކަމުގެ ދަރުބާރާ ހަވާލައިދީ އެގައުމުގެ ރަސްމީ ނޫސްއެޖެންސީ ބުނިގޮތުގައި މައްކާގައި ބާއްވާ މި ސަމިޓުގެ ބޭނުމަކީ އުރުދުންއަށް ކުރިމަތިވެފައިވާ ބަޖެޓުގެ ދަތިކަން ހައްލުކުރުމަށްޓަކައި ފައިސާގެ ގޮތުން އެހީތެރިވެދިނުމެވެ. މައްކާގައި ހުންނަ ސައޫދީ ރަސްގެފާނުގެ ގަނޑުވަރުގައި ބާއްވާ މިސަމިޓުގައި ސަލްމާން ރަސްގެފާނާއި ކުވައިތުގެ އަމީރު ޝައިޚް ސަބާހުލް އަހުމަދާއި ޔޫއޭއީގެ ވަލީއަހުދު މުހައްމަދު ބިން ޒާއިދުގެ އިތުރުން އުރުދުންގެ ރަސްގެފާނު އަބްދުﷲ (ދެވަނަ) ބައިވެރިވެ ވަޑައިގަންނަވާނެއެވެ.

އުރުދުންއަށް ކުރިމަތިވެފައިވާ އިގްތިސާދީ މައްސަލަތަކާ ގުޅިގެން ރައްޔިތުންނަށް ބޭނުންވާ އަސާސީ ބާވަތްތަކުން ސަބްސިޑީތައް ކަނޑާލުމާއި އިންކަމް ޓެކްސްގެ ގޮތުގައި ރައްޔިތުންގެ އަތުން އިތުރު ޓެކްސްއެއް ނެގުމުގެ ބިލެއް ޕާލަމެންޓަށް ހުށަހެޅުން އުރުދުންގެ ރައްޔިތުން ވަނީ މަގުތަކަށް ނުކުމެ އެ ބިލާ ދެކޮޅަށް ވަރުގަދަ މުޒާހަރާތަކެއް ކޮށްފައެވެ. މިއީ މިފަހަކަށް އައިސް އުރުދުންގެ ރައްޔިތުން އެގައުމުގެ ސަރުކާރާ ދެކޮޅަށް ނުކުރާވަރުގެ ވަަރުގަދަ މުޒާހަރާތަކެކެވެ. މުޒާހަރާކުރި އާންމުންގެ އެދުންތަކަށް އިޖާބަ ދިނުމުގެ ގޮތުން އުރުދުންގެ ރަސްގެފާނުގެ އެދުމުގެ މަތިން ކުރީގެ ބޮޑުވަޒީރު ހާނީ އަލްމުލްގީ ވަނީ އިސްތިއުފާ ދެއްވާފައެވެ.

އެއަށްފަހު އަބްދުﷲ ރަސްގެފާނު އުރުދުންގެ ބޮޑުވަޒީރުކަމަށް އިޚްތިޔާރު ކުރެއްވީ އިގްތިސާދީ ތަޖްރިބާކާރެއް ކަމަށްވާ އުމަރު ރަޒާޒްއެވެ. ރަޒާޒް ވަނީ ކުރީގެ ސަރުކާރުން ޕާލަމެންޓަށް ހުށަހަޅާފައިވާ އިންކަމް ޓެކްސްގެ ބިލް އަނބުރައި ގެންނަވާފައެވެ. ރަޒާޒްގެ މި ނިންމެވުމާއެކު މުޒާހަރާތައް މައިތިރިވި ނަމަވެސް އުރުދުންއަށް ކުރިމަތިވެފައިވާ އިގްތިސާދީ މައްސަލައަށް އެއްވެސް ހައްލެއް އައިސްފައެއްނުވެއެވެ.

އުރުދުންއަށް އިގްތިސާދީ ދަތިތައް ބޮޑުވެގެން ދިޔަ އެއްސަބަބަކީ އެގައުމަށް އެންމެ ގިނައިން މާލީގޮތުން އެހީތެރިވާ ސައޫދީ އަރަބިޔާ، ކުވައިތު އަދި ޔުނައިޓެޑް އަރަބް އިމަރޭޓްސްގެ އެހީތައް މިއަހަރު ވަރަށް ބޮޑަށް މަދުވެގެން ދިޔުމެވެ. އަނެއް ސަބަބަކީ އުރުދުންގައި ދިރިއުޅޭ ފަލަސްތީނު ރެފިއުޖީންނަށްވެސް ބޮޑެތި ޚަރަދުތަކެއް ކުރަން އުރުދުންގެ ސަރުކާރަށް މަޖްބޫރުވެގެން ދިޔުމެވެ.

މިކަން މަޖްބޫރުވީ ފަލަސްތީނު ރެފިއުޖީންނަށް އެހީތެރިވުމަށް އދއިން އުފައްދާފައިވާ އޮނަރުވާ އެޖެންސީއަށް ދޭ ފައިސާގެ އެހީގެ ބޮޑުބައެއް އެމެރިކާއިން ކަނޑާލުމުން އެއެޖެންސީން ފަލަސްތީނު ރެފިއުޖީންނަށް ދޭ ޚިދްމަތްތައް ނުދެވި ފަލަސްތީނު ރެފިއުޖީން ހާލުގައި ޖެހޭގޮތް ދިމާވުމުންނެވެ. އުރުދުންގެ ރައްޔިތުންގެ ތެރެއިން 60 އިންސައްތަ މީހުންނަކީ ފަލަސްތީނު މީހުންނެވެ.

މީގެ އިތުރުން އުރުދުންގައި ދިރިއުޅޭ ސީރިއާގެ ދެ މިލިޔަނެއްހާ ރެފިއުޖީންނަށް އެހީތެރިވާން ޖެހުމަކީވެސް އުރުދުންއަށް ކުރިމަތިވި ބޮޑު މައްސަލައެކެވެ.

އުރުދުންގެ ހާލަތު މިހިސާބަށް ދިޔައީ އިސްރާއީލު ބޭނުންވާ ގޮތަށް ފަލަސްތީނުގެ މައްސަލަ ހައްލުކުރުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހުށަހެޅުމަށް ތައްޔާރުވާ ސުލްހައިގެ ޕްލޭންކަމަށްވާ "ޑީލް އޮފް ދަ ސެންޗަރީ"އަށް އުރުދުން ތާއީދު ނުކުރުމާއި އެމެރިކާގެ އެމްބަސީ ގުދްސަށް ބަދަލުކުރުމަށްވެސް އުރުދުންއިން ވަރުގަދައަށް ދެކޮޅު ހެދުމުންނެވެ.

ސައޫދީއާއި ޔޫއޭއީއަކީ އެމެރިކާގެ މިއަމަލުތަކަށް އަޑިއަޑިން ތާއީދުކޮށް އެމެރިކާގެ ޕްލޭން ތަންފީޒުކުރުމަށް ވަކާލާތުކޮށް އެކަން ގަބޫލުކުރުމަށް އުރުދުން އަށް ފިއްތުންތައް ކުރިމަތިކުރާ ދެގައުމެވެ. މިދެގައުމުން އުރުދުންއަށް އިގްތިސާދީ އެހީވެސް ނުދިނީ ފިއްތުންތައް ކުރިމަތިކުރުމުގެ ގޮތުންކަމަށް ވަނީ ބެލެވިފައެވެ.

އުރުދުންއަށް އިގްތިސާދީ ގޮތުން އެހީތެރިވުމަށް ކުވައިތާ ގުޅިގެން މަސައްކަތްކުރެއްވުމަށް ސައޫދީ ރަސްގެފާނު އެންމެ ފަހުން ނިންމެވީ މިވަގުތު އުރުދުންއަށް ފައިސާގެ ގޮތުން އެހީތެރި ނުވެއްޖެނަމަ އުރުދުންގެ ސިޔާސަތުތަކަށް ބޮޑެތި ބަދަލުތަކެއް ގެނަސް ގަލްފާއި އެމެރިކާ ދޫކޮށް ރަޝިއާ، ތުރުކީ، އީރާން އަދި ގަތަރާ ދިމާއަށް އުރުދުން އެނބުރިގެން ހިނގައިދާނެ ކަމުގެ ބިރު އޮތުމުން ކަމަށް މުރާސިލުން ބުނެއެވެ.

އުރުދުންގައި މުޒާހަރާކުރި އާންމުންވެސް ވަނީ ގަލްފާއި އެމެރިކާގެ އެހީއާ ދިމާއަށް އުރުދުން ނުގޮސް އަމިއްލަ ފައިމައްޗަށް ތެދުވުމަށް މަސައްކަތްކުރުމަށާއި ރަޝިއާ، ތުރުކީ، އީރާން އަދި ގަތަރާ ދިމާއަށް އުރުދުންގެ މިސްރާބު ބަދަލުކޮށްލުމަށް ގޮވާލާފައެވެ. މިއީ އެމެރިކާއާ އިދިކޮޅު އެލަޔަންސެކެވެ. އަދި ބޮޑުވަޒީރު ކަމަށް އިޚްތިޔާރުކޮށްފައިވާ އުމަރުއްރަޒާޒް އަކީވެސް މިވިސްނުން ގެންގުޅެއްވާ ބޭފުޅެއްކަމަށް މައުލޫމާތު ލިބެއެވެ.

އުރުދުންގެ ރައްޔިތުންގެ ތެރެއިން 60 އިންސައްތަ މީހުންނަކީ ފަލަސްތީނު މީހުން ކަމަށްވާތީ އިސްރާއީލު ބޭނުންވާ ގޮތަށް (ފަލަސްތީނަށް އެއްވެސް ހައްގެއް ނުލިބޭ ގޮތަށް) ފަލަސްތީނުގެ މައްސަލަ ހައްލުކުރުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހުށަހަޅުއްވާ "ޑީލް އޮފް ދަ ސެންޗަރީ" ޕްލޭނަށް ތާއީދުކުރުމަކީ އުރުދުންގެ ސަރުކާރަށް ފަސޭހަ ކަމަކަށް ނުވާނެއެވެ. އިސްރާއީލާއި އެމެރިކާއާއި ސައޫދީއާއި ޔޫއޭއީ ގުޅިގެން ހުށަހަޅާ ސުލްހައިގެ ޕްލޭނަށް އުރުދުންއަށް ތާއީދު ނުކުރެވޭނެ މައިގަނޑު ސަބަބަކީ އުރުދުންގެ ރައްޔިތުންގެ ތެރެއިން 60 އިންސައްތަ މީހުންނަކީ ފަލަސްތީނު މީހުން ކަމަށް ވުމެވެ.

comment ކޮމެންޓް