މާޒިޔާ ބަލިކޮށް، ވެލެންސިއާ ފައިނަލަށް

ޕޮލިސް ކްލަބާއި ވެލެންސިއާ ވާދަކުރި މެޗުގެ ތެރެއިން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ރަމަޟާން ވެޓެރަންސް ކަޕްގެ ދެވަނަ ބުރުގައި ކުޅުނު ހުރިހާ މެޗެއްވެސް ކާމިޔާބުކޮށް ކްލަބު ވެލެންސިއާ ފައިނަލަށް ދަތުރުކޮށްފިއެވެ.

ދެވަނަ ބުރުގައި ވެލެންސިއާއިން ކުޅުނު އެންމެ ފަހު މެޗުގައި އިއްޔެ ހަވީރު މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ބަލިކުރީ 2-1ގެ ނަތީޖާއަކުންނެވެ.

ޓާފް އެއް ނަންބަރު ދަނޑުގައި އިއްޔެ ކުޅުނު މެޗުގައި ދެ ޓީމުގެ ފަރާތުންވެސް ވަރުގަދަ ކުޅުމެއް ފެނިގެން ދިޔަ އިރު، ފުރަތަމަ ލީޑު ނެގީ ވެލެންސިއާއިންނެވެ. ވެލެންސިއާގެ ފުރަތަމަ ގޯލް އެޓީމަށް ކާމިޔާބުކޮށްދިނީ އަބްދުﷲ އިބްރާހީމެވެ. މެޗުގެ ދެވަނަ ހާފްގައި މާޒިޔާއިން ނަތީޖާ ހަމަހަމަ ކޮށްފައިވާ އިރު، އެ ގޯލް ކާމިޔާބުކޮށްދިނީ އިސްމާއީލް މަހެފޫޒް (އިންމަ) އެވެ.

ވެލެންސިއާއިން މެޗުން މޮޅުވި ގޯލް އެޓީމަށް ކާމިޔާބުކޮށްދިނީ މުހައްމަދު އިބްރާހީމެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ވެލެންސިއާގެ މުހުތާރު ނަސީރު (ޓޫކިލޯ) ހޮވިފައިވާ އިރު، 45 އަހަރުން މަތީގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި ވަނީ ވެލެންސިއާގެ ޔޫސުފް އަޒީމެވެ.

އުމުރުން 35 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން މޯލްޑިވްސް ސޮކާ މޭޓްސް (އެމްއެސްއެމް) އިން ކުރިއަށްގެންދާ ވެޓެރަންސް ކަޕުން ރާއްޖޭގެ ކުރީގެ ގިނަ ތަރިންތަކެއް ފެނިގެންދާ އިރު، މިއަހަރުގެ މުބާރާތުގައި ހަތް ޓީމަކުން ވާދަކުރެ އެވެ.

އެ ހަތް ޓީމުގެ ތެރެއިން މުބާރާތުގެ ދެވަނަ ބުރުގައި ވާދަކުރަނީ ފަސް ޓީމަކުންނެވެ. ދެވަނަ ބުރުގައި ވާދަކުރާ ފަސް ޓީމުގެ މެޗުތައް ކުރިއަށްދާނީ ލީގު އުސޫލުންނެވެ. ދެވަނަ ބުރުގެ ކުޅުން ނިމޭ އިރު އެއްވަނާގައި އޮންނަ ޓީމު އޮޓޮމެޓިކުން ފައިނަލަށް ދަތުރުކުރާ އިރު، ދެން ފައިނަލަށް ދާނީ ދެ ވަނަ ބުރުގެ ދެވަނައާއި ތިންވަނަ ޓީމު ކުޅޭ ޕްލޭއޯފް މެޗު ކާމިޔާބުކުރާ ޓީމެވެ.

ވެލެންސިއާއިން ގްރޫޕް ސްޓޭޖުގައި ކުޅުނު ހަތަރު މެޗުވެސް ކާމިޔާބުކޮށް، 12 ޕޮއިންޓާއެކު ފައިނަލްގެ އޮޓޮމެޓިކް ޖާގަ ޔަގީން ކޮށްފައިވާ އިރު، މިވަގުތު ދެވަނައިގައި މާޒިޔާ އޮތީ ތިން މެޗުން ހަ ޕޮއިންޓާއެކުގައެވެ.

ތިން ވަނައިގައި ތިން މެޗުން ތިން ޕޮއިންޓާއެކު ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބު އޮތް އިރު، ދިވެހި ސިފައިންގެ ކްލަބުވެސް އޮތީ ތިން މެޗުން ތިން ޕޮއިންޓާއެކު ތާވަލުގެ ހަތަރު ވަނައިގައެވެ. އެ ޓީމަށް ހަތަރު ވަނަ ލިބެނީ ފައިދާ ގޯލްގެ ތަފާތުންނެވެ. ފުލުގައި އޮތް ޕޮލިސް ކްލަބު ވަނީ މުބާރާތުން ކަޓައިފައެވެ.

ވެޓެރަންސް ކަޕްގެ މެޗެއް މިއަދުވެސް އޮންނާނެއެވެ. މިއަދު 4:30ގައި އޮންނަ މެޗުގައި ވާދަކުރާނީ ނިއު ރޭޑިއަންޓާއި ދިވެހި ސިފައިންގެ ކްލަބެވެ.

comment ކޮމެންޓް