ރަމަޟާން ވެޓެރަންސް ކަޕްގެ ދެވަނަ ބުރުގައި މިހާތަނަށް ކުޅުނު ތިން މެޗުން ވެސް ބަލިވެ12، ޕޮލިސް ކްލަބަށް ފައިނަލްގެ ފުރުސަތު ހަނިވެއްޖެ އެވެ.
މާފަންނު އެއް ނަންބަރު ޓާފް ދަނޑުގައި އިއްޔެ ކުޅުނު ފޯރިގަދަ މެޗު ސިފައިންގެ ކްލަބުން ކާމިޔާބުކުރީ 2-1ގެ ނަތީޖާއަކުންނެވެ.
އިއްޔެގެ މެޗުގައި ސިފައިންގެ ކްލަބުގެ ދެ ގޯލް ވެސް މުހައްމަދު ރަމީޒް ކާމިޔާބުކޮށްދިން އިރު، މެޗުގެ މޮޅު ކުޅުންތެރިއަކަށް ވެސް ހޮވުނީ އޭނަ އެވެ.
މެޗުގެ 45 އަހަރުން މަތީގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ސިފައިންގެ އަހުމަދު ނާޝިދު ހޮވުނު އިރު، ޕޮލިސް ކްލަބުގެ ގޯލަކީ އޭނާ އަތުން ބައިކޮޅަށް ވަން ގޯލެކެވެ.
އުމުރުން 35 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން މޯލްޑިވްސް ސޮކާ މޭޓްސް (އެމްއެސްއެމް) އިން ކުރިއަށްގެންދާ ވެޓެރަންސް ކަޕުން ރާއްޖޭގެ ކުރީގެ ގިނަ ތަރިންތަކެއް ފެނިގެންދާ އިރު، މިއަހަރުގެ މުބާރާތުގައި ހަތް ޓީމަކުން ވާދަކުރެ އެވެ.
އެ ހަތް ޓީމުގެ ތެރެއިން މުބާރާތުގެ ދެވަނަ ބުރުގައި ވާދަކުރަނީ ފަސް ޓީމަކުންނެވެ. ދެވަނަ ބުރުގައި ވާދަކުރާ ފަސް ޓީމުގެ މެޗުތައް ކުރިއަށްދާނީ ލީގު އުސޫލުންނެވެ. ދެވަނަ ބުރުގެ ކުޅުން ނިމޭ އިރު އެއްވަނާގައި އޮންނަ ޓީމު އޮޓޮމެޓިކުން ފައިނަލަށް ދަތުރުކުރާ އިރު، ދެން ފައިނަލަށް ދާނީ ދެ ވަނަ ބުރުގެ ދެވަނައާއި ތިންވަނަ ޓީމު ކުޅޭ ޕްލޭއޯފް މެޗު ކާމިޔާބުކުރާ ޓީމެވެ.
މިހާތަނަށް ކުޅެފައިވާ ތިން މެޗުން ނުވަ ޕޮއިންޓާ އެކު ކްލަބު ވެލެންސިއާ އިން ތާވަލުގެ އެއްވަނައިގައި އޮތް އިރު، ދެވަނާގައި އޮތް މާޒިޔާއަށް ދެ މެޗުން ހަ ޕޮއިންޓް ލިބިފައިވެ އެވެ.
ތިން މެޗުން ތިން ޕޮއިންޓާ އެކު ނިއު ރޭޑިއަންޓް ތިން ވަނާގައި އޮތް އިރު، އިއްޔެ ޕޮލިސް ބަލިކޮށް، ދިވެހި ސިފައިންގެ ކްލަބުން ވެސް ވަނީ ތިން މެޗުން ތިން ޕޮއިންޓް ހޯދައިފަ އެވެ. އެޓީމަށް ތާވަލުގެ ހަތަރު ވަނަ ލިބެނީ ފައިދާ ގޯލްގެ ތަފާތުންނެވެ.
ވެޓެރަންސް ކަޕްގެ ދެވަނަ ބުރުގެ މެޗެއް މިއަދު ހަވީރު 4:30ގައި ވެސް އޮންނާނެ އެވެ. މެޗުގައި ވާދަކުރާނީ މާޒިޔާއާއި ކްލަބު ވެލެންސިއާ އެވެ.