މިދިޔަ ރޯދަމަހަށް ވުރެ މި ރޯދަމަހު ކުށްކުރުން ވަނީ މަދުވެފައި

ޓްރެފިކް ފުލުހުންތަކެއް މަގެއްގައި މަޑުކޮށްލައިގެން:-- ސަން ފައިލް ފޮޓޯ

މިދިޔަ ރަމަޟާން މަހުގެ ފުރަތަމަ ފަނަރަ ދުވަހާ އަޅާ ބަލާ އިރު މި ރަމަޟާން މަހުގެ ފުރަތަމަ ފަނަރަ ދުވަހު ކުށްކުރުން މަދުވެފައިވާ ކަމަށް ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މި އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ 15 ދުވަހު ފުލުހުންނަށް 596 މައްސަލައެއް ވަނީ ހުށަހަޅައިފަ އެވެ. މިދިޔަ އަހަރު ހުށަހަޅާފައި ވަނީ 556 މައްސަލައެކެވެ.

ރޯދަ މަހުގެ ދުވާލުގެ ވަގުތުގައި ކައިގެން ފުލުހުންނަށް މި އަހަރު ހުށަހެޅިފައިވާ މައްސަލަތައް މަދުވެފައިވާ ކަަމަށް ފުލުހުން ވަނީ ބުނެފަ އެވެ. ފުލުހުން ބުނީ "އެ ފަދަ މައްސަލަތަކުގައި ފާއިތުވި އަހަރު 18 މީހަކު ހައްޔަރުކޮށްފައިވާ އިރު މި އަހަރުގެ އެ މުއްދަތުގައި ހަތް މީހަކު ވަނީ ހައްޔަރުކޮށްފައި"ކަމަށެވެ.

ފުރަތަމަ ފަނަރަ ދުވަހު އެންމެ ގިނައިން ހުށަހަޅާފައި ވަނީ ވައްކަމުގެ މައްސަލަ އެވެ. މި އަހަރުގެ ފުރަތަމަ ފަނަރަ ދުވަހު ވައްކަމުގެ 127 މައްސަލަ ހުށަހަޅާފައިވާ އިރު މިދިޔަ އަހަރުގެ އެ މުއްދަތުގައި 109 މައްސަލަ ފުލުހުންނަށް ވަނީ ހުށަހަޅައިފަ އެވެ. ފުލުހުން ބުނީ މިދިޔަ އަހަރަށް ވުރެ މި އަހަރު ވައްކަމުގެ މައްސަލަ އިތުރު ނަމަވެސް "މައިގަނޑު ގޮތެއްގައި ހުށަހެޅިފައި ވަނީ ކުދި ވައްކަމުގެ މައްސަލަތައް" ކަމަށެވެ.

ފުލުހުން އާންމު ކުރި ތަފާސް ހިސާބުތަކާއި އެއްކޮށް ފުލުހުން ވަނީ ކޮންމެ އަހަރެއްގެ ރަމަޟާން މަހެއްގައި ވެސް ކުދި ވައްކަންތައް އިތުރުވަމުންދާތީ އެ ފަދަ މައްސަލަތައް މަދުކުރުމުގައި ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ އިތުރުން އާންމު ރައްޔިތުން ވެސް މިފަދަ ކަންކަމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސްކޮށްފަ އެވެ.

comment ކޮމެންޓް