"ފްރެންޑްސް"ގެ ބަތަލާ މޮނިކާގެ ކައިވެނި ޖުލައިގައި

ބަތަލާ ކޯޓްނީ ކޮކްޒް އަދި ޖޯނީ މެކްޑެއިޑް----

ނަވާރަސަތޭކަ ނުވަދިހަ ހަތަރު ވަނަ އަހަރު ދައްކަން ފެށި މަޝްހޫރު ޑްރާމާ ސީރީޒް "ފްރެންޑްސް"ގައި މޮނިކާ ގެލާގެ ރޯލުން ފެނިގެންދިޔަ ބަތަލާ ކޯޓްނީ ކޮކްޒް އަންނަ ޖުލައި މަހު ކައިވެނި ކުރުމަށް ނިންމައިފިއެވެ.

ކޯޓްނީ ކައިވެނިކުރަން ނިންމާފައިވަނީ އޭނާގެ ލޯބިވެރިޔާ/ލަވަކިޔުންތެރިޔާ ޖޯނީ މެކްޑެއިޑް އާއެވެ.

ކޯޓްނީ 53، އާއި ޖޯނީ 41، ދެމީހުން ކައިވެނިކުރަން ނިންމައިފައިވަނީ ޖުލައި މަހުގެ ފަހުކޮޅުގައެވެ. މީޑިއާ ޚަބަރުތައް ބުނާގޮތުގައި އެ ދެތަރިން ކައިވެނިކުރުމަށް ހަމަޖެހިފައިވަނީ އުތުރު އަޔަލޭންޑްގައެވެ.

ރިޕޯޓްތައް ބުނާގޮތުގައި ކޯޓްނީގެ ކައިވެނީގައި އޭނާގެ ބްރައިޑް އޮފް އޮނާއަކަށް ހުންނާނީ "ފްރެންޑްސް"ގައި ރޭޗަލް ގްރީންގެ ރޯލު ކުޅުނު ބަތަލާ ޖެނިފާ އެނިސްޓަން އެވެ.

ޖެނިފާ އެނިސްޓަން އަދި ކޯޓްނީ ކޮކްޒް

ކޯޓްނީއާއި ޖޯނީ ލޯބީގެ ގޮތުން ގުޅިފައިވަނީ 2013 ވަނަ އަހަރުގައެވެ. ކޯޓްނީ އެހެން ކައިވެންޏެއް ކުރަން ނިންމިއިރު އޭނާގެ އަންހެން ކުއްޖެއް އެބަހުއްޓެވެ. އޭނާ ކުރިން ކައިވެނިކޮށްގެން އުޅުނީ މަޝްހޫރު އެކްޓަރު ޑޭވިޑް އާކެޓްއާ އެވެ. އެދެތަރިން ވަކިވެފައިވަނީ 2011 ވަނަ އަހަރުގައެވެ.

comment ކޮމެންޓް