ނިއުއިން ސިފައިންގެ ކްލަބު ބަލިކޮށްފި

އިއްޔެ ނިއުއާއި ސިފައިން ކުޅުނު މެޗުގެ ތެރެއިން ---

ރަމަޟާން ވެޓެރަންސް ކަޕްގެ ދެވަނަ ބުރުގައި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުން ކުޅުނު ދެވަނަ މެޗުގައި ދިވެހި ސިފައިންގެ ކްލަބު ބަލިކޮށްފި އެވެ.

ދެވަނަ ބުރުގައި ނިއުއިން ކުޅުނު ފުރަތަމަ މެޗުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އަތުން ބަލިވެފައި އޮތް ނަމަވެސް، އިއްޔެގެ މެޗުން މޮޅުވެ އެޓީމުން ވަނީ ދެވަނަ ބުރުގެ ތާވަލުގެ ތިން ވަނައަށް ޖެހިލައިފަ އެވެ. ސިފައިން އޮތީ ދެ މެޗުން ޕޮއިންޓެއް ނުލިބި ތާވަލުގެ ފުލުގަ އެވެ.

މާފަންނު އެއް ނަންބަރު ޓާފް ދަނޑުގައި އިއްޔެ ކުޅުނު މެޗު ނިއުއިން ކާމިޔާބުކުރީ 2-1ގެ ނަތީޖާއަކުންނެވެ. މެޗުގައި ނިއުގެ ދެ ގޯލްވެސް ކާމިޔާބުކޮށްދިނީ މުހައްމަދު ޒިޔާދެވެ. ދިވެހި ސިފައިންގެ ކްލަބުގެ ގޯލް ކާމިޔާބުކޮށްދިނީ ހަމްދާން ޖައުފަރެވެ.

އިއްޔެގެ މެޗުގެ މޮޅު ކުޅުންތެރިޔާއަށް ނިއުގެ ޒިޔާދު ހޮވުނު އިރު، 45 އަހަރުން މަތީގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ނިއުގެ އަޝްރަފް ލުތުފީ (ސަމްޕަތު) އެވެ.

އުމުރުން 35 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން މޯލްޑިވްސް ސޮކާ މޭޓްސް (އެމްއެސްއެމް) އިން ކުރިއަށްގެންދާ ވެޓެރަންސް ކަޕުން ރާއްޖޭގެ ކުރީގެ ގިނަ ތަރިންތަކެއް ފެނިގެންދާ އިރު، މިއަހަރުގެ މުބާރާތުގައި ހަތް ޓީމަކުން ވާދަކުރެ އެވެ.

އެ ހަތް ޓީމުގެ ތެރެއިން މުބާރާތުގެ ދެވަނަ ބުރުގައި ވާދަކުރަނީ ފަސް ޓީމަކުންނެވެ. ދެވަނަ ބުރުގައި ވާދަކުރާ ފަސް ޓީމުގެ މެޗުތައް ކުރިއަށްދާނީ ލީގު އުސޫލުންނެވެ. ދެވަނަ ބުރުގެ ކުޅުން ނިމޭ އިރު އެއްވަނާގައި އޮންނަ ޓީމު އޮޓޮމެޓިކުން ފައިނަލަށް ދަތުރުކުރާ އިރު، ދެން ފައިނަލަށް ދާނީ ދެ ވަނަ ބުރުގެ ދެވަނައާއި ތިންވަނަ ޓީމު ކުޅޭ ޕްލޭއޯފް މެޗު ކާމިޔާބުކުރާ ޓީމެވެ.

ދެވަނަ ބުރަށް ދަތުރުކުރި ޓީމުތައް:

  • ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބު
  • މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބު
  • ކްލަބު ވެލެންސިއާ
  • ދިވެހި ސިފައިންގެ ކްލަބު
  • ޕޮލިސް ކްލަބު

ވެޓެރަންސް ކަޕްގެ ދެވަނަ ބުރުގެ މެޗެއް މިއަދު ހަވީރު 4:30ގައި ވެސް އޮންނާނެ އެވެ. މެޗުގައި ވާދަކުރާނީ މާޒިޔާއާއި ޕޮލިސް ކްލަބެވެ.

comment ކޮމެންޓް