ތުރާކުނު ސްކޫލުގައި އޭވީ ރޫމަކާއި ސައިންސް ލެބެއް އިމާރާތްކުރަނީ

އެއްބަސްވުމުގައި ސޮއިކުރުމަށްފަހު ފޮޓޯ އަކަށް ހުއްޓިލައިގެން---- ސަން ފޮޓޯ/ ފަޔާޒު މޫސާ

ހއ. ތުރާކުނު ސްކޫލުގައި އޭވީ ރޫމަކާއި ސައިންސް ލެބެއް އިމާރާތްކުރުމަށް ބަޔަކާ ހަވާލުކޮށްފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީގައި މިއަދު އޮތް ބައްދަލުވުމުގައި އެ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސީނިއާ ޕޮލިސީ އެގްޒެކެޓިވް އިބްރާހިމް އިސްމާއިލް އަލީއެވެ. މި މަސައްކަތްކުރުމަށް ހަވާލުކުރީ ވޯޓާޕާކް މޯލްޑިވްސްއާއެވެ. އެކުންފުނީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގް ޑިރެކްޓަރު އަހަމްދު އަފްރާހެވެ.

އެއްބަސްވުމުގައި ސޮއިކުރުމަށްފަހު ނޫސްވެރިންނާ މައުލޫމާތު ދެއްވަމުން އިބްރާހިމް އިސްމާއިލް ވިދާޅުވީ އެ ސްކޫލްގައި އޭވީ ރޫމަކާއި ސައިންސް ލެބެއް އިމާރާތް ކުރެވުމުން އެ ސްކޫލަށް ވަރަށް ބޮޑުތަން ފަސޭހަވެގެންދާނެ ކަމަށެވެ.

މި ސަރުކާރުން ދަރިވަރުންނަށް ވަސީލަތްތައް ފޯރުކޮށްދިނުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށާއި ވޭތުވެދިޔަ ހަތަރު އަހަރެއްހާ ދުވަސްތެރޭ ގިނަ އަދަދެއްގެ ހޯލާއި ކްލާސްރޫމް ގިނަ ވަސީލަތްތަކެއް އަތޮޅުތެރޭ ސްކޫލުތަކުގައި ވެސް ގާއިމުކުރެވިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"އުންމީދު ކުރަނީ އެންމެ ލަސްވެގެން މިއަހަރުގެ އޯގަސްޓް މަހުގެ ފަހުކޮޅު މި މަސައްކަތް ނިންމާލެވޭނެ ކަމަށް. މަސައްކަތް ނިމުނު ނަމަވެސް އެތަން ބޭނުންކުރެވެން ފެށޭނީ އަންނަ އަހަރުގެ ފުރަތަމަ ޓާމް ކިޔެވުން ފެށެންވާއިރަށް،" އޭނާ ވިދާޅުވިއެވެ.

މި މަސައްކަތަށް 1،550،499.33 ރުފިޔާ ހޭދަވާނއެވެ. އެ މަސައްކަތް ނިންމުމަށް ވޯޓާޕާކްއަށް ދީފައިވަނީ 42 ދުވަހުގެ މުހުލަތެކެވެ.

ތުރާކުނުގައި ތައުލީމް ހާސިލްކުރާ ދަރިވަރުންގެ އަދަދަކީ 89 އެކެވެ. އެ ސްކޫލުގައި ނުވަ ކްލާސްރޫމާއި އެއް ސްޓާފްރޫމް ހިމެނެއެވެ.

comment ކޮމެންޓް