ރާއްޖޭގައި އާ ޑޮމެސްޓިކް އެއާލައިނެއް އުފައްދަނީ

މެންޓާ އެއާގެ ފްލައިޓެއްގެ ކުރެހުމެއް --- ފޮޓޯ: މެންޓާ އެއާ

ރާއްޖޭގެ އެތެރޭގެ އުދުހުންތަކަށް ޚާއްސަކޮށްގެން ޑޮމެސްޓިކް އެއާލައިނެއް އުފެއްދުމުގެ މަސައްކަތް ފަށައިފިއެވެ.

ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ޑިރެކްޓަރު، އެއާ ޓްރާންސްޕޯޓު އަބްދުﷲ ރަޝީދު "ސަން"އަށް ވިދާޅުވީ "މެންޓާ އެއާ"ގެ ނަމުގައި އެއާލައިނެއް އުފެއްދުމަށް ނޯ އޮބްޖެކްޝަން ލެޓާ ދީފައިވާނެ ކަމަށެވެ.

"މިހާރު ވާނީ ނޯ އޮބްޖެކްޝަން ލެޓާ ދީފައި. 10 މަސް ތެރޭ އެޕްލިކޭޝަން ހުށަހަޅަން ޖެހޭނެ،" އޭނާ ވިދާޅުވިއެވެ.

މެންޓާ އެއާއަކީ 100 ޕަސެންޓް ދިވެހި ކުންފުންޏެކެވެ. ދާލު އެއާޕޯޓު، ރ.އިފުރު އަދި ބ. ދަރަވަންދޫ އަށާއި ތ.ތިމަރަފުއްޓަށް އެ އެއާލައިންގެ ދަތުރުތައް ކުރުމަށް އެދިފައިވާއިރު، މެންޓާ އެއާލައިނުން ސީޕްލޭންގެ ދަތުރުތައްވެސް ފެށުމަށް ވަނީ ނިންމައިފައެވެ.

މެންޓާ އެއާ އުފެއްދުމަށް އޮފީހެއް ގާއިމްކޮށް އިދާރީ މަސައްކަތްތައްވެސް ދަނީ ކުރަމުންނެވެ. އެ އެއާލައިނަކީ ކުޑަހުވަދޫގައި ހިންގާ ދާލު އެއާޕޯޓު ތަރައްގީކުރި ރިއޯލޯ ގްރޫޕުގެ މަސްލަހަތު ހިމެނޭ އެއާލައިނެކެވެ.

ރާއްޖޭގައި ބައިނަލްއަގުވާމީ އެއާލައިނެއް އުފައްދަން އުޅޭކަމަށްވެސް ދަނީ ވާހަކަ ދެކެވެމުންނެވެ. އެކަމާ ގުޅޭގޮތުން ސިވިލް އޭވިއޭޝަނުން ބުނީ ބައިނަލްއަގުވާމީ އެއާލައިނެއް އުފެއްދުމަށް މަޝްވަރާތައް ކުރަމުންދާ ކަމަށާއި އަދި ރަސްމީކޮށް އެއްވެސް މަސައްކަތެއް ނުކުރާ ކަމަށެވެ.

"ހަމައެކަނި ޝައުގުވެރިކަން ފާޅުކޮށްފައި އޮތީ. އެކަމަށް މަޝްވަރާތައް ކުރަމުން ދަނީ މިހާރު. އަދި އެއްވެސް ޑޮކިއުމެންޓެއްވެސް ހުށައެއް ނާޅާ،"

ރާއްޖޭގައި އެތެރޭގެ އުދުހުންތަކުގައި މިހާރު ހަރަކާތްތެރިވަނީ ގައުމީ އެއާލައިން މޯލްޑިވިއަންއާއި ވިލާގެ ފްލައިމީއެވެ. ބައިނަލްއަގުވާމީ އެއާލައިނެއްގެ ގޮތުގައި މޯލްޑިވިއަން ހަރަކާތްތެރިވާއިރު މީގެ ކުރިން ބައިނަލްއަގުވާމީ ދަތުރުތައް ކުރި ރާއްޖޭގެ މެގަ މޯލްޑިވްސްއަށް މާލީ މައްސަލަތަކެއް ދިމާވެ ކުންފުނި ވަނީ ބަންދުކޮށްފައެވެ.

ރާއްޖޭގައި އާ ޑޮމެސްޓިކް އެއާލައިނެއް އުފައްދަން މަސައްކަތް ކުރާއިރު، ގިނަ ޑޮމެސްޓިކް އެއާޕޯޓުތަކެއް އެޅުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ.

comment ކޮމެންޓް