އދ.ގައި ރާއްޖެ އިން ކޯ ސްޕޮންސާކޮށް މިދިޔަ އޭޕްރީލް މަހު ފާސްކުރި ބައިނަލްއަގުވާމީ ބައިސްކަލު ދުވަސް ރާއްޖޭގައި ކާމިޔާބުކަމާ އެކު ފާހަގަކޮށްފި އެވެ.
ބައިނަލްއަގުވާމީ ބައިސްކަލު ދުވަހަކީ ޖޫން މަހުގެ ތިނެއް ކަމަށް އދ.އިން ފާސްކުރީ މިދިޔަ މަހުގެ 17 ވަނަ ދުވަހުގަ އެވެ. ވޯލްޑް ސައިކަލިން އެލަޔަންސާއި ޔޫރަޕިއަން ސައިކަލިސްޓް ފެޑެރޭޝަނުން އިސްނަގައިގެން ކުރިއަށް ގެންދިޔަ ކެމްޕެއިންގެ ތެރެއިން، ބައިސްކަލް ދުވަހަކީ ޖޫން ތިނެއް ކަމަށް ފާސްވީ އދ.ގެ 193 މެމްބަރު ސްޓޭޓުގެ ވޯޓުންނެވެ. ރާއްޖެއަކީ ބައިސްކަލް ދުވަސް ފާހަގަކުރުމަށް ތުރުކެމެނިސްތާނުން ހުށަހެޅި ހުށަހެޅުމުގެ ކޯ ސްޕޮންސަރެކެވެ.
ބައިސްކަލް ދުވަސް ފާހަގަކުރުމަށް ރޭ ރަސްފަންނު ސަރަހައްދުގައި ކުރިއަށް ގެންދިޔަ ބައިސްކަލު ދުއްވުމުގެ ހަރަކާތުގައި ރާއްޖޭގައި ތިއްބަވާ އދ.ގެ ބޭފުޅުންނާއި ބައިކް މޯލްޑިވްސްގެ ގިނަ ފަރާތްތަކަކުން ބައިވެރިވެފައިވާ އިރު، އެ ހަރަކާތުގައި އާއްމުން ވެސް ވަނީ ބައިވެރިވެފަ އެވެ.
ފުރަތަމަ ފަހަރަށް ދުނިޔޭގައި ފާހަގަކުރާ ބައިސްކަލު ދުވަސް ފާހަގަ ކުރުމަށް ބައިކް މޯލްޑިވްސް އާއި އެންވަޔަރަމަންޓް މިނިސްޓްރީ ގުޅިގެން ބޭއްވި ބައިސްކަލު ދުއްވުމުގެ ހަރަކާތް ޝަރަފުވެރި ކޮށްދެއްވީ ރާއްޖޭގެ ތިމާވެއްޓާ ބެހޭ ވަޒީރު ތޯރިގް އިބްރާހީމެވެ. އޭގެ އިތުރުން ސަރުކާރުގެ އެހެނިހެން އިދާރާތަކުގެ އިސް ބޭފުޅުންނާއި ނިޝާން އިއްޒުންދީން އިއްޒަތުގެ ވެރިޔާގެ ލަގަބު ލިބިވަޑައިގެންފައިވާ އުމަރު ޒާހިރު ވެސް ރޭގެ ހަރަކާތުގައި ބައިވެރިވެވަޑައިގެންނެވި އެވެ.
ރޭގެ ހަފްލާގައި ވާހަކަ ދައްކަވަމުން ބައިކް މޯލްޑިވްސްގެ ސީއީއޯ އަހުމަދު ހުސައިން ދީދީ ވިދާޅުވީ ބައިސްކަލް ދުވަސް ފާހަގަކުރުމަކީ ބައިސްކަލަށް ލޯބިކުރާ އެތައް ބަޔަކަށް ލިބިގެން ދިޔަ އުފާވެރި ކަމެއް ކަމަށާއި އެހެން ވެހިކަލްތަކުން ތިމާވެއްޓަށް ދޫކުރާ ވިހަ ގޭސްތަކުގެ ހައްލަކީ ބައިސްކަލު ކަމަށް މިހާރު ގިނަ ބަޔަކަށް އެނގޭ ކަމަށެވެ.
ދުނިޔޭގެ ބޮޑެތި ގައުމުތަކުން ވެސް އެގައުމުތަކުގެ ޓްރާންސްޕޯޓުގެ ވިއުގައިގެ ތެރޭގައި ބައިސްކަލު ހިމަނަން މަސައްކަތް ކުރާ ކަމަށް ވިދާޅުވަމުން ހުސައިން ދީދީ ވަނީ އިއްޔެގެ އިވެންޓްތަކަށް އެންވަޔަރަމަންޓް މިނިސްޓްރީގެ އިތުރުން ހައުސިން މިނިސްޓްރީ އާއި ޕޮލިސް ސާވިސްގެ އެހީތެރިކަން ފާހަގަކުރައްވައިފަ އެވެ.
ރޭގެ ހަފްލާގައި ވާހަކަ ދައްކަވަމުން އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގު އިބްރާހީމް ވިދާޅުވީ އދ.އަށް ބައިސްކަލު ދުވަސް ފާހަގަކުރުމަށް ހުށަހެޅި ގަރާރަށް ރާއްޖެއިން ވެސް ކޯ ސްޕޮންސާކޮށް، މިއަދު އެކަން އަމަލީ ގޮތެއްގައި ފާހަގަ ކުރެވުމަކީ ލިބޭ ފަހުރެއް ކަމަށެވެ.
ތޯރިގު ވިދާޅުވީ ބައިސްކަލް ދުއްވުމަކީ ކުރިން އާއްމުކަމަކަށް ވިއަސް ފަހަކަށް އައިސް މަގުތަކުން ވެސް ބައިސްކަލު ދުއްވާ މީހުންނަށް ބައެއް ދަތިތައް ދިމާވާ ކަމަށެވެ.
"ބައިސްކަލު ދުއްވުމަކީ ކުރިން ކުރަމުން އައި ކަމެއް. ފަހަކަށް އައިސް ބައިސްކަލު ދުއްވާ މީހުންނަށް އުނދަގޫތައް ކުރިމަތިވި ނަމަވެސް ބައިކް މޯލްޑިވްސްގެ ސަބަބު ވެސް ވަރަށް ބޮޑަށް މަގުތަކުން ބައިސްކަލަށް ޖާގަ ލިބިގެން ދިޔައ. ބައިސްކަލަށް މަގުތަކުން ޖާގަ ލިބެން ޖެހޭ. މާލޭގެ މަގުތަކުގައި ވަކި ބައިސްކަލު ލޭންތަކެއް ނެތަސް، އަލަށް ތަރައްގީ ކުރާ ސިޓީތަކުގައި ބައިސްކަލް ލޭންތައް ތަރައްގީކުރުމަށް މަސައްކަތް ކުރަމުންދަނީ،" ތޯރިގު ވިދާޅުވި އެވެ.
ރޭގެ ހަރަކާތާ ގުޅިގެން ރާއްޖޭގެ ހުންނަވާ އދ.ގެ ރެޕްރެސެންޓޭޓިވް މުނީރް ވެސް ވަނީ ބައިކް މޯލްޑިވްސް އަށް ޝުކުރު އަދާކުރައްވައިފަ އެވެ. އޭނާ ވިދާޅުވީ ގިނަ ބަޔަކާ އެކު ބައިނަލްއަގުވާމީ ފުރަތަމަ ބައިސްކަލު ދުވަސް ފާހަގަކުރުމަކީ ލިބޭ އުފާވެރިކަމެއް ކަމަށެވެ.
ރޭގެ ހަރަކާތުގައި ރާއްޖޭގެ ކުޅިވަރުގެ ބާނީ، އަބަދު ވެސް ދަތުރުފަތުރަށް ބައިސްކަލް ބޭނުން ކުރެއްވި އަލް މަރުހޫމް ޒާހިރު ނަސީރުގެ ހަނދާނުގައި އަދި ރާއްޖޭގެ އެކި ކަންކޮޅުތަކާއި މާލެ ސަރަހައްދުގައި ހިނގާފައިވާ ނުރައްކާތެރި އެކްސިޑެންޓްތަކުގައި ފުރާނަ ގޮސްފައިވާ ފަރާތްތަކުގެ ހަނދާނުގައި ސުކޫތެއް ވެސް ގެނެސްފައިވެ އެވެ.