ރަމަޟާން ވެޓެރަންސް ކަޕްގެ ދެވަނަ ބުރުގައި ކްލަބު ވެލެންސިއާ އިން ކުޅުނު ދެވަނަ މެޗުގައި ޕޮލިސް ކްލަބުވެސް ބަލިކޮށް، ވެލެންސިއާ އިން ރެކޯޑު ދަމަހައްޓައިފި އެވެ.
މިހާތަނަށް މުބާރާތުގައި ވެލެންސިއާ އިން ކުޅުނު ހުރިހާ މެޗެއްވެސް ކާމިޔާބުކޮށްފައިވާ އިރު، އިއްޔެގެ މެޗު އެޓީމުން ކާމިޔާބުކުރީ 2-0ގެ ނަތީޖާއަކުންނެވެ.
މެޗުގައި ވެލެންސިއާއަށް ގޯލްތައް ޖަހައިދިނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި އައްސަދު އަބްދުޣަނީގެ އިތުރުން މުހައްމަދު ނިޒާމް (ނިޒާމްބެ) އެވެ.
މެޗުގެ 45 އަހަރުން މަތީގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި ވަނީ ވެލެންސިއާގެ އަބްދުލް ރައްޒާގެވެ. އިއްޔެގެ މެޗުން މޮޅުވި ވެލެންސިއާއަށް ދެވަނަ ބުރުގައި ކުޅުނު ދެ މެޗުން ލިބުނު ހަ ޕޮއިންޓާ އެކު އެޓީމު އޮތީ ތާވަލުގެ އެއްވަނައިގަ އެވެ. ދެވަނާގައި އެއް މެޗުން ތިން ޕޮއިންޓާ އެކު މާޒިޔާ އޮތް އިރު، ދެން އޮތް ކޮންމެ ޓީމަކުން ވެސް އަދި އޮތީ ކުޅުނު އެއް މެޗުން ޕޮއިންޓެއް ނުލިބި އެވެ.
އުމުރުން 35 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން މޯލްޑިވްސް ސޮކާ މޭޓްސް (އެމްއެސްއެމް) އިން ކުރިއަށްގެންދާ ވެޓެރަންސް ކަޕުން ރާއްޖޭގެ ކުރީގެ ގިނަ ތަރިންތަކެއް ފެނިގެންދާ އިރު، މިއަހަރުގެ މުބާރާތުގައި ހަތް ޓީމަކުން ވާދަކުރެ އެވެ.
އެ ހަތް ޓީމުގެ ތެރެއިން މުބާރާތުގެެ ދެވަނަ ބުރުގައި ވާދަކުރަނީ ފަސް ޓީމަކުންނެވެ. ދެވަނަ ބުރުގައި ވާދަކުރާ ފަސް ޓީމުގެ މެޗުތައް ކުރިއަށްދާނީ ލީގު އުސޫލުންނެވެ. ދެވަނަ ބުރުގެ ކުޅުން ނިމޭ އިރު އެއްވަނާގައި އޮންނަ ޓީމު އޮޓޮމެޓިކުން ފައިނަލަށް ދަތުރުކުރާ އިރު، ދެން ފައިނަލަށް ދާނީ ދެ ވަނަ ބުރުގެ ދެވަނައާއި ތިންވަނަ ޓީމު ކުޅޭ ޕްލޭއޯފް މެޗު ކާމިޔާބުކުރާ ޓީމެވެ.
ދެވަނަ ބުރަށް ދަތުރުކުރި ޓީމުތައް:
- ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބު
- މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބު
- ކްލަބު ވެލެންސިއާ
- ދިވެހި ސިފައިންގެ ކްލަބު
- ޕޮލިސް ކްލަބު
ވެޓެރަންސް ކަޕްގެ ދެވަނަ ބުރުގެ މެޗެއް މިއަދު ހަވީރު 4:30ގައި ވެސް އޮންނާނެ އެވެ. އެ މެޗުގައި ވާދަކުރާނީ ދިވެހި ސިފައިންގެ ކްލަބާއި ނިއު ރޭޑިއަންޓެވެ.