ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ ފުރަތަމަ ބައިސްކަލް ދުވަސް ރާއްޖޭގައި ފާހަގަކުރުމަށް ބައިކް މޯލްޑިވްސްއިން އިސްނަގައިގެން ހާއްސަ ހަރަކާތްތަތަކެއް ވަނީ ރާވައިފައެވެ.
ބައިނަލްއަގުވާމީ ބައިސްކަލު ދުވަހަކީ ޖޫން މަހުގެ ތިނެއް (މިއަދު)ކަމަށް އދ.އިން ފާސްކުރީ މިދިޔަ މަހުގެ 17 ވަނަ ދުވަހުގައެވެ. ވޯލްޑް ސައިކަލިން އެލަޔަންސާއި ޔޫރަޕިއަން ސައިކަލިސްޓް ފެޑެރޭޝަނުން އިސްނަގައިގެން ކުރިއަށް ގެންދިޔަ ކެމްޕެއިންގެ ތެރެއިން، ބައިސްކަލް ދުވަހަކީ ޖޫން ތިނެއް ކަމަށް ފާސްވީ އދ ގެ 193 މެމްބަރު ސްޓޭޓުގެ ވޯޓުންނެވެ.
ފުރަތަމަ ފަހަރަށް ދުނިޔޭގައި ފާހަގަކުރާ ބައިސްކަލު ދުވަސް ފާހަގަ ކުރުމަށް ބައިކް މޯލްޑިވްސްއިން އިސްނަގައިފައިވާ އިރު، އެ ފަރާތުން ހަރަކާތްތައް ކުރިއަށް ގެންދާނީ މިނިސްޓްރީ އޮފް އެނަވަޔަރަމަންޓް އެންޑް އެނާޖީއާ ގުޅިގެންނެވެ.
ބައިކް މޯލްޑިވްސްގެ ފަރާތުން ބައިސްކަލް ދުވަހަށް ހާއްސަކޮށް ރާވައިފައިވާ ކަންތައްތަކުގެ ތެރޭގައި ބައިކް ޓު ވޯކްގެ އިތުރުން މިއަދުގެ ހުރިހާ ހަރަކާތެއްގައިވެސް ބައިސްކަލް ބޭނުން ކުރުމާއި ބައިސްކަލަށް ހާއްސަކޮށް މިއަދުގެ ވަކި ވަގުތުތަކަށް ހުސްކޮށްލުމަށްވެސް ބައިކް މޯލްޑިސްވްގެ ހަރަކާތްތަކުގައި ހިމެނެއެވެ.
އެ ހަރަކާތްތަކުގެ ތެރެއިން އެންމެ މުހިއްމު އިވެންޓް އޮންނާނީ މިރޭ ރަސްފަންނު ސަރަހައްދުގައެވެ. ދުނިޔޭގެ ބައިސްކަލު ދުވަސް ފާހަގަކުުރުމަށް ބާއްވާ ހާއްސަ ބައިސްކަލު ދުއްވުމުގެ ހަރަކާތް މިރޭ 9:50ގައި އެ ސަރަހައްދުގައި ރަސްފަންނު ސަރަހައްދުން ފެށޭ އިރު، އެ ރަސްމިއްޔާތުގައި ސަރުކާރުގެ މުއައްސަސާތަކާއި އަމިއްލަ ގިނަ ފަރާތްތަކަކުންވެސް ބައިވެރިވާނެ ކަމަށް ބައިކް މޯލްޑިވްސްއިން މައުލޫމާތުދެއެވެ.
ބައިކް މޯލްޑިވްސްގެ ޖެނެރަލް ސެކްރަޓަރީ އަސްމާ ހަސަން ވިދާޅުވީ މިރޭގެ ހަފްލާގައި އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގް އިބްރާހީމްގެ އިތުރުން ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމްވެސް ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ. އަދި އާއްމުންގެ ތެރެއިންވެސް ބައިސްކަލާއެކު މިރޭގެ ހަރަކާތުގައި ބައިވެރިވެވޭނެ ކަމަށްވެސް އަސްމާ މައުލޫމާތު ދެއްވިއެވެ. މީގެ އިތުރުންވެސް ރާއްޖޭގައި ހުންނަ އދގެ ހުރިހާ އޮފީސްތަކަކާއެކު އދގެ އިސްވެރިންވެސް މިރޭގެ ބައިސްކަލު ދުއްވުމުގެ ހަރަކާތުގައި ބައިވެރިވާނެ ކަމަށްވެސް އަސްމާ ވިދާޅުވިއެވެ.
އަސްމާ ވިދާޅުވީ މިއަދުގެ މުނާސަބަތުގައި ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައިވެސް ބައިސްކަލު ބުރުތައް ރޭވުމަކީ ބައިކް މޯލްޑިވްސްގެ އެދުމެއް ކަމަށާއި، ބައިކް މޯލްޑިވްސްއިން އަބަދުވެސް އެދެނީ އާއްމު ދިރިއުޅުމުގައި ވީހާވެސް ގިނައިން ބައިސްކަލު ބޭނުން ކުރުމަށް ކަމަށެވެ.
އަސްމާ ފާހަގަކުރެއްވީ މިއަދަކީ ބައިކް މޯލްޑިވްސްގެ ރައީސާ ޒުލޭޚާ ހަސަން ދީދީގެ އުފަން ދުވަހަށްވުމަކީ އިއްތިފާގުން ދިމާވި އުފާވެރިކަމެއް ކަމަށާއި، މިރޭގެ ރަސްމިއްޔާތަކީ އެ ޖަމިއްޔާއަށްވެސް އެއް ގޮތަކަށްވުރެ ގިނަ ގޮތްގޮތުން ހާއްސަވާ ރަސްމިއްޔާތެއް ކަމަށެވެ.
މިރޭގެ ހަރަކާތުގައި ރާއްޖޭގެ ކުޅިވަރުގެ ބާނީ، އަބަދުވެސް ދަތުރުފަތުރަށް ބައިސްކަލް ބޭނުން ކުރެއްވި އަލް މަރުހޫމް ޒާހިރު ނަސީރުގެ ހަނދާނުގައި އަދި ރާއްޖޭގެ އެކި ކަންކޮޅުތަކާއި މާލެ ސަރަހައްދުގައި ހިނގާފައިވާ ނުރައްކާތެރި އެކްސިޑެންޓްތަކުގައި ފުރާނަ ގޮސްފައިވާ ފަރާތްތަކުގެ ހަނދާނުގައި ސުކޫތެއްވެސް ގެނައުމަށް ވަނީ ހަމަޖެހިފައެވެ.
ބައިސްކަލު ދުވަސް ފާހަގަކުރަނީ ގިނަ މަގުސަދުތަކެއް ހާސިލް ކުރުމަށް
ބައިސްކަލު ދުވަސް ފާހަގަކުރުމަށް އދ.އިން ނިންމީ ގިނަ ކަންތައްތަކެއް ހާސިލްކުރުމަށެވެ. އެގޮތުން ބައިސްކަލަކީ ތިމާވެއްޓާ ރައްޓެހި ދަތުރުފަތުރު ކުރުމުގެ ވަސީލަތަކަށްވާ އިރު، ދުނިޔޭގެ ތިމާވެއްޓަށް ލިބޭ ގެއްލުން ކުޑަ ކުރުމަށް ބައިސްކަލަށް އަހުލުވެރިވުމަކީ މުހިއްމު ކަމެކެވެ. މީގެ އިތުރުންވެސް ބައިސްކަލަކީ ތަރައްގީއަށް ހިދުމަތްކުރާ ވަސީލަތަކަށްވާ އިރު، ބައިސްކަލު ބޭނުން ކުރުމަކީ ހަމައެކަނި ތިމާވެއްޓަށް ފައިދާވުމުގެ އިތުރުން ދުޅަހެޔޮ ސިއްހަތެއްގައު ހުރުމަށް މުހިއްމު ވަސީލަތެކެވެ.
ބައިސްކަލު ދުއްވުމުގެ ތެރެއިން އިޖުތިމާއީ ގުޅުން ބަދަހިކޮށް، ފަރުދުންގެތެރެއިން ގިނަ ބަޔަކަށް މުޖުތަމައުގައި ބައިވެރިކުރުމުގެ މަސައްކަތް ބައިކް މޯލްޑިވްސްއިން ކުރިންވެސް ކުރަމުންދާ އިރު، އެ މަސައްކަތަކީ މިފަދަ ދުވަސްތައް ފާހަގަކުރުމުގެ އެންމެ ބޮޑު އެއް އަސާސެވެ. ބައިނަލްއަގުވާމީ ގޮތުންވެސް ތަރައްގީގެ ލެވެލްގައި ބައިސްކަލުގެ ބޭނުން ކުރުމަށް ސަރަހައްދީ ގައުމުތަކަށް ނަމޫނާއަކަށްވުމުގެ އިތުރުން މަގުތަކުގެ ސަލާމަތަށް ބައިސްކަލުގެ މުހިއްމު ކަން ގިނަ ބަޔަކަށް އަންގައިދިނުމަށް ބައިސްކަލު ދުވަހަކީ މުހިއްމު ކަމެކެވެ.
ގައުމުތަކުގެ ދަތުރުފަތުރުގެ ވިޔުގަ ފަރުމާކުރާ އިރު، އެ މަސައްކަތުގައި ބައިސްކަލު ހިމެނުމުގެ މުހިއްމުކަމާއި ޖިސްމާނީ އަދި ނަފްސާނީ ގޮތުންވެސް ބައިސްކަލުން މީހުންނަށް ގެނެސްދޭ ދުޅަހެޔޮކަން މުޅި ދުނިޔެއަށް އަންގައިދިނުމަކީވެސް ބައިސްކަލް ދުވަސް ފާހަގަކުރުމަށް މުހިއްމު ކަމެކެވެ.
ފުރަތަމަ ފަހަރަށް ދުނިޔޭގައި ފާހަގަކުރާ ބައިސްކަލު ދުވަހުގައި ރާއްޖެއިން ފުރިހަމައަށް ތައްޔާރުވުމަށް ގިނަ ކަންތައްތަކެއް ރޭވިގެންދާ އިރު، ބައިކް މޯލްޑިވްސްއިން ބުނީ މި ދުވަސް ފާހަގަކުރުމަކީ ލިބޭ ފަޚުރެއް ކަމަށެވެ.