ރަމަޟާން މަހާ ދިމާކޮށް ހައުސިންގް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހުޅުމާލޭގެ ސްކޫލުތަކަށް ހުޅުވާލައިގެން ކުރިއަށް ގެންދިޔަ "ޔޫތު ސިޓީ ޤުރުއާން މުބާރާތުގެ" އެއްވަނަ ޣާޒީ ސްކޫލުން ހޯދައިފި އެވެ.
ހުސްވި މެއި މަހުގެ 25 އިން ފެށިގެން ދެ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ މި މުބާރާތަކީ އެޗްޑީސީ އިން އިސްނަގައިގެން މި ގޮތަށް ކުރިއަށްގެން ދިޔަ ފުރަތަމަ މުބާރާތެވެ. މި މުބާރާތުން ބަލައިގެން ކިޔެވުމުގެ ގޮފިންނާއި ހިތުން ކިޔެވުމުގެ ގޮފިން ވެސް އެއްވަނަ ހޯދީ ޣާޒީ ސްކޫލެވެ.
މި މުބާރާތުގެ ނަތީޖާ ފާޅުކުރުމަށް ރެހެންދި ސްކޫލުގައި ރޭ ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ އިސްލާމިކް އެފެއާޒް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ބާގިރެވެ.
މުޅި މުބާރާތުން އެއްވަނަ ހޯދީ ރެހެންދި ސްކޫލުގެ ދަރިވަރު އާއިޝަތު ޝުބާ ޝާހް އެވެ. މި މުބާރާާތުގެ ދެވަނަ ގޭޓްވޭ އިންޓަނޭޝަނަލް ސްކޫލުގެ ދަރިވަރު ޝިޔާ ރަޝީދު ހާސިލް ކުރި އިރު، ތިންވަނަ ހޯދީ ޣާޒީ ސްކޫލުގެ ދަރިވަރު ޝާހާ އަބްދުﷲ އާއި އެ ސްކޫލުގެ ދަރިވަރު އަބްދުﷲ ބިން ހަސަން އެވެ.
މި މުބާރާތުގައި ހުޅުމާލޭގައި ހުންނަ ރެހެންދި ސްކޫލު، ޣާޒީ ސްކޫލު އަދި ގޭޓްވޭ އިންޓަނޭޝަނަލް ސްކޫލުން ދަރިވަރުން ބައިވެރިވި އެވެ.
ބަލައިގެން ކިޔެވުމާއި، ހިތުން ކިޔެވުމުގެ ގޮފީގައި ދަރިވަރުން ވާދަކުރި މި މުބާރާތުގެ ބަލައިގެން ކިޔެވުމުގެ ގޮފި ކުރިއަށް ގެންގޮސްފައި ވަނީ ތަޖުވީދުގެ ހަމަތަކާއެއްގޮތަށް ބަލައިގެން ކިޔެވުން ފަސް ފޮތް، 10 ފޮތް އަދި 15 ފޮތް، މި ތިން ކެޓަގަރީ އަށް ބަހާލައިގެންނެވެ.
ހިތުން ކިޔެވުން ކުރިއަށް ގެންގޮސްފައި ވަނީ ތަޖުވީދުގެ ހަމަތަކާ އެއްގޮތަށް ހިތުން ކިޔެވުން، ދެ ފޮތް، ހަތަރު ފޮތް އަދި ހަ ފޮތް މި ތިން ކެޓަގަރީ އަށް ބަހާލައިގެންނެވެ.
ރޭގެ ރަސްމިއްޔާތުގައި ތިން ގޮފިން ވަކިވަކި ކެޓަގަރީތަކުން ވަނަ ވަނަ އަށް ދިޔަ ދަރިވަރުންނަށް ވެސް ވަނީ އިނާމު ދީފަ އެވެ.