ރަޒަންގެ ޖަނާޒާ: ބައްޕަގެ އަތުގައި ލެއިން ފޯވެފައި އޮތް ޖެކެޓް، އާންމުން ގޮވީ ބަދަލުހިފުމަށް

ޝަހީދު ކޮށްލި ނަރުސް، ރަޒަން ޝަހީދުކޮށްލިއިރު ލައިގެން ހުރި ޖެކެޓް ލެއިން ތަތްތެޅިފައި ---

އެތައް ހާސް ބަޔަކުން ޣައްޒާގެ މަގުތައް އޮތީ ފުރާލައިފައެވެ. އެންމެންގެ މޫނުމަތިން ފެންނަމުންދިޔައީ ހިތާމައާއި ނަފްރަތެވެ. މަގުތަކަށް އެއްވެފައިވާ މީހުންގެ އަތްދަނޑި މަތިން ގެންދާތަން ފެންނަނީ ފަލަސްތީނުގެ ދިދައިން ނިވާ ކޮށްފައިވާ ހަށިގަނޑެކެވެ.

އެއީ އިސްރާއީލުގެ ޔަހޫދީ ސިފައިން އިއްޔެ ދިން ހަމަލާގައި ޝަހީދު ކޮށްލި ނަރުސް، ރަޒަން އަލް ނަޖަރުގެ ފުރާނަ ނެތް ހަށިގަނޑެވެ. މިއަދު ބޭއްވި ރަޒަންގެ ޖަނާޒާގައި އެތައް ހާސް ބަޔަކު ބައިވެރިވިއިރު، ޝަހީދު ކޮށްލިއިރު ރަޒަން ލައިގެން ހުރި ޖެކެޓް، ހިފަހައްޓައިގެން ހުރީ އޭނާގެ ބައްޕައެވެ. އެ އޮތީ ލެއިން ތަތްތެޅިފައެވެ.

ހިތްވަރުގަދަ، ބިރަކާ ނުލައި ދަރުމަވެރިއެއްގެ ގޮތުގައި މަސައްކަތްކުރި އުމުރުން 21 އަހަރުގެ ޒުވާން ރަޒަންގެ ގަޔަށް އިސްރާއީލުގެ ސިފައިން ބަޑި ޖެހީ، އިސްރާއީލާ-ޣާޒާ ގުޅޭ ބޯޑަރު ކައިރީގައި ޒަހަމްވެފައިވާ މީހަކަށް އެހީވާން ދުވެފައި ދަނިކޮށެވެ.

ޝަހީދު ކޮށްލި ނަރުސް، ރަޒަންގެ ހަށިގަނޑު ހޮސްޕިޓަލެއްގައި އޮތްއިރު ގިނަ ބަޔަކު ރޮނީ ---

ފަލަސްތީނުގެ ހެލްތު އޮފިޝަލުން ވެސް ބުނާގޮތުން، ހުދު ކުލައިގެ ޔުނީފޯމެއް ލައިގެން ހުއްޓާ ރަޒަން ޝަހީދު ކޮށްލީ ސިފައިންނަށް ރަނގަޅަށް ފެންނަ ގޮތަށް ދެ އަތް މައްޗަށް ނަގައިގެން ހުއްޓައެވެ.

އެއީ ހަނގުރާމައިގެ އަމަލެއް ކަމަށް ފަލަސްތީނުގެ ހެލްތު މިނިސްޓްރީން ބުނަމުންދާއިރު، އެ ހާދިސާއާ ގުޅިގެން އިސްރާއީލުގެ އަސްކަރިއްޔާއިން ނެރުނު ބަޔާނެއްގައި ބުނީ، އެ މަރު ތަހުގީގު ކުރާނެ ކަމަށެވެ.

ޝަހީދު ކޮށްލި ނަރުސް، ރަޒަންގެ ޖަނާޒާއަށް އޭނާގެ ހަށިގަނޑު އެމްބިއުލާންސް އިން ނެރިގެން ގެންދަނީ ---

ރަޒަންގެ މަރާއެކު، ފަލަސްތީނުގެ ރައްޔިތުން 'ގްރޭޓް މާޗް އޮފް ރިޓާން'ގެ ނަމުގައި ފެށި މުޒާހަރާތަކުގައި އިސްރާއީލް ސިފައިން ޝަހީދުކޮށްލި މީހުންގެ އަދަދު ވަނީ 120 އަށް ވުރެ އިތުރުވެފައެވެ. ނަމަވެސް އިސްރާއީލުން އެއްވެސް މީހަކު އަދި މަރުވެފައެއް ނުވެއެވެ.

އިސްރާއީލުން ފޭރިގެންފައިވާ އަމިއްލަ ފަސްގަނޑު ހިމާޔަތްކުރުމަށް ފަލަސްތީނުގެ ރައްޔިތުން ކުރަމުންދާ ވަރުގަދަ މުޒާހަރާގެ ތުހުމަތު ޣައްޒާގައި ހަރަކާތްތެރިވާ ހަމާސް ގުރޫޕުގު ބޮލުގައި އިސްރާއީލުން އެޅުވިނަމަވެސް، އދ. އާއި އިންސާނީ ހައްގުތަކާބެހޭ އޮފިޝަލުން ވެސް ދަނީ ހާލަތާ ނުގުޅޭ ބާރުގެ ބޭނުން ކުރަމުންދާ ކަމަށް ބުނެ އިސްރާއީލުގެ އަމަލުތައް ކުށްވެރި ކުރަމުންނެވެ.

comment ކޮމެންޓް