"އެއްލަކިން" 2،252 މީހަކަށް ލައިސަންސް

އެއްލަކިން ލައިސަންސް ނަގަން ކިޔު ހަދާފައި --- ސަން ފޮޓޯ/ ފަޔާޒް މޫސާ

އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ނަގަން ބޭނުންވާ ޒުވާނުނަށް ހާއްސަ ކޮށްގެން "އެއްލަކިން މަށަށް ލައިސަންސް"ގެ ނަމުގައި ޓްރާންސްޕޯޓު އޮތޯރިޓީން ކުރިއަށް ގެންދިޔަ ޕްރޮގްރާމުން މިހާތަނަށް 2،252 ފަރާތަކަށް ލައިސަންސް ލިބިއްޖެއެވެ.

އިކޮނޮމިކް މިނިސްޓްރީގެ ނާއިބު އަބްދުﷲ މުހައްމަދު "ސަން" އަށް މައުލޫމާތު ދެމުން ވިދާޅުވީ ކުރިއަށް ގެންދިޔަ ޕްރޮގްރާމަށް ވަރަށް ގިނަ ބައެއްގެ ތަރުހީބު ލިބުނު ކަމަށެވެ.

"މިހާތަނަށް ހިދުމަތް ދެވުނު 9،191 މީހަކަށް. އޭގެ ތެރެއިން 267 މީހަކު ތިއަރީ ޓެސްޓުން ފެއިލްވި. 150 މީހަކު ވަނީ އެއް ފަހަރަކަށްވުރެ ގިނަ ފަހަރުު ތިއަރީ ޓެސްޓް ހަދާފައި" އަބްދުﷲ ވިދާޅުވިއެވެ.

އަބްދުﷲ ވިދާޅުވީ އެ ޕްރޮގްރާމަށް އެޕްލިކޭޝަން ދޫކުރުން މިހާރު ހުައްޓާލައިފައިވާ ކަމަށާއި ނަމަވެސް ފައިސާ ދައްކާފައި ހުރި ފާރަތްތަކަށް މާދަމާ ރޭ ހިދުމަތް ދޭނެ ކަމަށެވެ.

މާލެއަށް ފަހު ހުޅުމާލޭގައި ވެސް މި ޕްރޮގްރާމު ކުރިއަށްގެންދަން ނިންމާފައިވާ ކަމަށާއި މާލެ ސަރަހައްދު ނިމުމުން އާބާދީ ބޮޑެތި ސަރަހައްދުތަކުގައި ވެސް "އެއްލަކިން ލައިސަންސް" ލިބޭ ޕްރޮގްރާމު ކުރިއަށްގެންދަން ނިންމައިފައިވާ ކަމަށްވެސް ޓްރާންސްޕޯޓް އޮތޯރިޓީން ބުންޏެވެ.

comment ކޮމެންޓް