ދިވެހި ދައުލަތުގެ ރަސްމީ ލިޔެކިޔުންތަކާއި، ފޮޓޯތަކާއި، ޗާޓުތަކާއި، ރިކޯޑުތަކާއި، މައުލޫމާތު ރައްކާތެރިކޮށް ބެލެހެއްޓުން ގާނޫނީގޮތުން މަތިކޮށްފައިވާ މުއައްސަސާ، ގައުމީ އަރުޝީފުގެ ލިޔުންތައް ސަރުނައަށް ފޯރުކޮށްދޭން ނިންމައިފިއެވެ.
ސަރުނަ އަކީ ރާއްޖޭއާ ބެހޭ ތަފާތު މައުލޫމާތު ޑިޖިޓަލްކޮށް އެއްތަނަކުން ލިބޭނެގޮތް ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) އިން އުފައްދައިފައިވާ އޮންލައިން ޕޯޓަލްއެކެވެ.
ގައުމީ ޔުނިވާސިޓީގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގައި އެކަމާ ގުޅޭ އެއްބަސްވުމުގައި ގައުމީ އަރުޝީފުގެ ފަރާތުން ސޮއި ކުރެއްވީ ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު އަޝްމަލީ އަދި މުހައްމަދު ޒީހާން އަބުދުالله އެވެ. އަދި އެމްއެންޔޫގެ ފާރާތުން ސޮއި ކުރެއްވީ ޔުނިވަރސިޓީގެ ޑެޕިޔުޓީ ވައިސް ޗާންސެލާރ އައިޝަތު ޝާހީން އަދި ޗީފް ލައިބްރޭރިއަން ހުސައިން ހަލީމެވެ.
މިއީ ފަސް އަހަރު ދުވަހުގެ އެއްބަސްވުމެކެވެ.
ގައުމީ ޔުނިވާސިޓީން ބުނީ މިއަދު ވެވުނު އެއްބަސްވުމުގެ ދަށުން އަރުޝީފުގެ ބެލުމުގެ ދަށުން ރައްކާތެރިކުރެވޭ، ދިވެހި ދައުލަތުގެ ރަސްމީ ލިޔެކިޔުންތަކާއި، ފޮޓޯތަކާއި، ޗާޓުތަކާއި، ރިކޯޑުތަކާއި، އޯޑިއޯއާއި ވީޑިއޯއާ މައުލޫމާތު، އަންނަން އޮތް ޖީލުތަކަށް ވާސިލް ކޮށްދިނުމަށްޓަކައި އަރުޝީފާއި އެމްއެންޔޫގެ ލައިބްރަރީ ގުޅިގެން ކުރެވެންހުރި އެންމެހައި މަސައްކަތްތައްކުރުމުގެ އިތުރުން އެ މައުލޫމާތުތައް "ސަރުނަ" މެދުވެރިކޮށް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އަރުޝީފުގައި އާކައިވް ކުރުމަށް ބޭނުންކުރެވޭ ސާމާނާއި އާލާތްތަކާއި ވަސީލަތްތައް (މެޝިނަރީއާއި އިކުއިޕްމަންޓްތައް) ކަނޑައެޅޭ އުސޫލެއްގެ މަތިން ލައިބްރަރީން ބޭނުންކުރުމުގައި އެއްބާރުލުން ދިނުމާއި، އަރުޝީފުން ބޭނުންވާ ކަންކަމުގައި ޓެކްނިކަލް އެހީތެރިކަން ލައިބްރަރީގެ ކެރިފޯރުންތެރިކަން ހުރިމިންވަރަކުން ދިނުމަށްވެސް ހަމަޖެހިފައިވާ ކަމަށް އެމްއެންޔޫއިން ބުންޏެވެ.